ފޯބްސްގެ އެންމެ ބޮޑު އާމްދަނީ ލިބުނު މިއުޒިޝަންގެ އެއް ވަނަ ޑިޑީ އަށް

ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު މިއުޒިޝަނަކީ ޝޯން ޖޯން ކޮމްބްސް ނުވަތަ މަޝްހޫރު ނަމުން ނަމަ ޑިޑީ ކަމަށް ފޯބްސްގެ 2017 ގެ އާމްދަނީގެ ލިސްޓުން ދައްކައިފި އެވެ.


ލިސްޓްގެ އެއް ވަނައިން ޑިޑީ ޖާގަ ހޯދީ 130 މިލިއަން ޑޮލަރުގެ އާމްދަނިއަކާ އެކުގަ އެވެ. ލިބުނު އާމްދަނީ ބަލާފައި ވަނީ ޖޫން، 1، 2016 އިން ޖޫން، 1، 2017 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ޑިޑީ ފޯބްސްގެ ލިސްޓްގެ އެއް ވަނަ އަށް އެރީ އޭނާގެ ބޭޑް ބޯއި ފެމިލީ ރިޔުނިއަން ޓުއާއިންނާއި ސިރޯކް ވޮޑްކާއާ އެކު ހަދާފައިވާ އެއްބަސްވުމުން ލިބުނު އާމްދަނީއާ އެކުގަ އެވެ.

މި ކާމިޔާބީއަކީ ޑިޑީ، 48، ބުނީ އޭނާ އަބަދު ވެސް ގަބޫލުކުރަނީ "އެވްރެޖް މީހެއް" ގެ ގޮތުގައި ކަމަށެވެ. އަދި މަޝްހޫރު މިއުޒިޝަނަކަށްވުމުގެ ކުރިން ނޫސް ބަހަން އުޅުނު ވާހަކަ އާއި ގޭސް ސްޓޭޝަނެއްގެ ފާހާނާ ސާފުކުރަން ވަރަށް ޅައިރުން ފެށިގެން އުޅުނު ހަނދާންތައް ވެސް އާކޮށްފައިވެ އެވެ.

މި އަހަރުގެ ގްރެމީ އެވޯޑް ހަފުލާގައި ބިޔޯންސޭ: ފޯބްސްގެ ލިސްޓްގެ ދެވަނަ ލިބުނި އޭނަ އަށް.

އަހަރުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފަންނާނުންނާ އެކު ފޯބްސް އިން އެކުލަވާލި ލިސްޓަށް ބަލާ އިރު، ދެވަނާގައި އޮތީ 105 މިލިއަން ޑޮލަރާ އެކު އަންހެން ލަވަ ކިޔުންތެރިޔާ ބިޔޯންސޭ އެވެ. އޭނާގެ މި އާމްދަނީއަކީ ފޮމޭޝަން ވޯލްޑް ޓުއާ އިން ލިބުނު އާމްދަނީއާ އެކުގަ އެވެ.

ލިސްޓްގެ ތިން ވަނަ އިން ޖާގަ ލިބުނީ މަޝްހޫރު ރެޕާ ޑްރޭކަށެވެ. އޭނާ އަށް 94 މިލިއަން ޑޮލަރުގެ އާމްދަނީއެއް ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ލިބުނީ ބޯއިސް މީޓް ޓުއާ އާއި އެޕަލް، ސްޕްރައިޓް އަދި ނައިކްއާ އެކު ހަދާފައިވާ އެއްބަސްވުންތަކުން ބައި އެޅިގެންނެވެ.

ލިސްޓްގެ ގަދަ 10 ގައި ދެން ހިމެނޭ ފަންނާނުންތަނަށް ބަލާ އިރު، 92 މިލިއަން ޑޮލަރުގެ އާމްދަނީއަކީ ދަ ވީކެންޑް ހަތަރު ވަނާގައި އޮތް އިރު، ފަސް ވަނާގައި ކޮލްޑްޕްލޭ އޮތީ 88 މިލިއަން ޑޮލަރުގެ އާމްދަނިއަކާ އެކުގަ އެވެ.

ޖަސްޓިން ބީބާ: އޭނާ އޮތީ ލިސްޓްގެ ހަތް ވަނާގައި.

ޖުމްލަ 84 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު ގަން އެން ރޯސެސް ހަ ވަނާގައި އޮތް އިރު، ހަތް ވަނަ އިން ޖާގަ ހޯދީ ޖަސްޓިން ބީބާ އެވެ. އޭނާގެ އާމްދަނީއަކީ 83.5 މިލިއަން ޑޮލަރެވެ.

ފޯބްސްގެ ލިސްޓްގެ އިތުރު ޖާގަތަކަށް ބަލާ އިރު އަށް ވަނަ 75 މިލިއަން ޑޮލަރުގެ އާމްދަނީއާ އެކު ބްރޫސް ސްޕްރިންގްސްޓީން އޮތް އިރު، ނުވަ ވަނާގައި އޮތީ އެޑެލް އެވެ. އޭނާގެ އާމްދަނީއަކީ 69 މިލިއަން ޑޮލަރެވެ.

ގަދަ 10 ގެ ލިސްޓްގެ ފުލުގައި އޮތީ މެޓަލިކާ އެވެ. އެއީ 66.5 މިލިއަން ޑޮލަރާ އެކުގަ އެވެ.