ދިވެހި ސިނަމާއިން އެހެން މަންޒަރެއް ފެންނާނީ ކޮންއިރަކު؟

ދިވެހި ސިނަމާގައި އެންމެ އާންމު އަދި އެންމެ ކާމިޔާބު ޖޯންރާއަކީ ހިޔާލީ ލޯބީގެ ފިލްމްތަކެވެ. ވަކިން ހާއްސަކޮށް ލޯބީގެ މެލޮޑްރާމާތަކެވެ. އެހެންވެ، ފިލްމު ބަލާ މީހުން ވެސް މި ތިބީ އެއްގޯސް ވެފައިހެއްޔެވެ؟


ދިވެހި ޑައިރެކްޓަރުން އެންމެ ފަރިތައީ ވެސް މި ޖޯންރާއަށެވެ. ރާއްޖޭގެ ފިލްމީ ދާއިރާ އަށް 40 އަހަރު ވާން ގާތްވެފައި ވާއިރު، ސިނަމާތަކުގައި އެންމެ ހިނގާފައި ހުރީ ވެސް ލޯބީގެ ފިލްމްތަކެވެ. ފިލްމްތަކުގެ ވިޔަފާރިއަށް ބަލައިފި ނަމަ އެކަން ވަރަށް ރަނގަޅަށް ސާބިތު ވާނެ އެވެ. ފާތުމަތު ނަހުލާގެ ޑައިރެކްޓްކޮށް ޕްރޮޑިއުސް ކުރި ހުރިހާ ފިލްމްތަކާއި މުހައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓް ކުރި ހަމައެކަނި ފީޗާ ފިލްމް "ދެރިޔާ" މިސާލަކަށް ނެގި ދާނެ އެވެ.

ފިލްމް "ޔޫސުފް" ގެ ޓްރެއިލާއެއް.

އިންޑޯ މަންޒަރުތައް ގިނަ ލޯބީގެ ފިލްމްތަކާ އެކު، ދެން ދިވެހި ސިނަމާގައި އެންމެ ކާމިޔާބީ ލޯބީގެ ބިރުވެރި ފިލްމްތަކެވެ. މާ ބޮޑު އޮއްޓަރެއް ނެތަސް މި ވައްތަރުގެ ފިލްމްތައް ވަރަށް ހިނގަ އެވެ. ރަތް ލިބާސްލީ އަންހެން ޖިންނިން އުޅޭ ފިލްމްތަކަކީ މި ޖޯންރާގެ ތެރެއިން އަދި އެންމެ ވައިގައި ހިފި ފިލްމްތަކެވެ.

އެކަމަކު ދިވެހި ސިނަމާގެ ބިރުވެރި ފިލްމްގެ ތާރިހަށް ބަލާ އިރު 1997 ގައި ރިލީޒް ކުރި "ފަތިސްހަނދުވަރު" އަކީ ބެންޗްމާކެކެވެ. މިއީ ދިވެހި ސިނަމާގެ އެންމެ ހިޓް އެއް ބިރުވެރި ފިލްމެވެ. އެކަމަކު ރަަތް ލިބާސްލީ އަންހެން ޖިންނި އުޅޭ ފިލްމްތައް ވައިގައި ހިފުމުގެ މާ ކުރިން "ފަތިސްހަނދުވަރު" އަކީ ޖިންނި ފިރިހެނެއްގެ ވާހަކަ ކިޔައި ދިން، އަދިވެސް އެ ފިލްމެއްގެ މަތިން ބެލުންތެރިން ހަނދާން ކުރާ ފިލްމެކެވެ.

މި ފަހަކަށް އައިސް ބިރުވެރި ފިލްމްތައް ހަދާލެއް މަދަސް، މިދިޔަ އަހަރު ސިނަމާ އަށް އައި "4426" އަކީ ރާއްޖޭގެ ބިރުވެރި ފިލްމްތަކަށް ތަފާތެއް ގެނައި ފިލްމެކެވެ. އެ ފިލްމަކީ މީގެ ކުރިން ރާއްޖޭގައި ނަހަދާ ޒާތަކަށް ހަދައިގެން ބޮޑު ކާމިޔާބީއެއް ވެސް ހޯދި ފިލްމެކެވެ. މާނައަކީ ރަތް ލިބާސް ލެއްވި ޖިންނި ނޫޅުނަސް، ބިރުވެރި ފިލްމްތައް ތަފާތު ކޮންސެޕްޓަކަށް ރާވާލައިގެން ގެނެސް ދީފި ނަމަ ބެލުންތެރިންގެ ޝައުގުރިކަން ހުއްޓޭނެ އެވެ.

ފިލްމް "އިނގިލި" ގެ ޓްރެއިލާއެއް.

ފިލްމްތަކާއި ޖޯންރާތަކުގެ ވާހަކަ ދައްކާ އިރު، ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ރިސްކް ނަގަން ޖެހިލުން ވަނީ ކަމަށް ވެސް ބެލި ދާނެ އެވެ. ގިނަ މީހުން އަބަދު އެއްވަތަރުގެ ފިލްމްތައް ހަދަނީ އެއް ފޯމިއުލާއެއްގެ ފިލްމްތައް މާ ބޮޑަށް ހިނގާތީ، ވިޔަފާރީގެ ގޮތުން ލުއިކޮށް ޖީބަށް ބަރުކޮށްލުމުގެ ވިސްނުމުގައި ކަމަށް ވެސް ވެދާނެ އެވެ.

މިހެން ބުންޏަސް ރިކްސް ނަގަން ކެރޭ ބައެއް ސްޓޫޑިއޯތައް އެބަ ހުއްޓެވެ. އެފަދަ ބައެއް ތަންތަނުން ވަރުގަދަ ކޮންޓެންޓް ގެނެސް ދޭން ފިލްމް ހަދާފައި ވެސް އެބަ ހުއްޓެވެ. މިސާލަކަށް ނަގާ ނަމަ ރާއްޖޭގައި މިހާރު އެންމެ ކާމިޔާބު އެއް ސްޓޫޑިއޯ ކަމަށްވާ ޑާކް ރެއިންގެ 2014 ގެ ފިލްމް "ހުޅުދާން" ފާހަގަކޮށްލެވި ދާނެ އެވެ. މުޅިން އާ ޑައިރެކްޓަރަކާ އެކު، ވަރަށް ތަފާތު ކޮންސެޕްޓަކަށް އެކަމަކު ދިވެހި މުޖުތައާ ވަރަށް ބޮޑަށް ގުޅޭ ކަހަލަ ވާހަކައެއް ކިޔައި ދިން މި ފިލްމަކީ ވިޔަފާރީގެ ގޮތުން ކާމިޔާބު ފިލްމެއް ނޫނެވެ. އޮލިމްޕަހުގައި ރަސްމީކޮށް ދެއްކީ ވެސް "ހުޅުދާން" އެންމެ ޝޯއެކެވެ. ފަހުން ޝްވެކްގައި އިތުރު ޝޯތަކެއް ދެއްކި އެވެ.

ފިލްމް "ހުޅުދާން" ގެ ޓްރެއިލާއެއް.

މި ފިލްމަށް ބަލާ އިރު، ފިލްމްގެ މައިގަނޑު ވާހަކަ އެނބުރެނީ ވަޒީފާ އިން މުސްކުޅި ކުރާ ފިރިހެނެއްގެ ހަޔާތަށެވެ. ސުވާލަކީ މި ވައްތަރުގެ ފިލްމްތައް ގިނަގިނައިން ހަދަން ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް ކިހާ ވަރަކަށް ކެރިދާނެތޯ އެވެ؟

މީގެ އިތުރަށް "އިނގިލި" އަކީ ވެސް ވިޔަފާރީގެ ގޮތުން ފައިދާ ނުވި ފިލްމަކަށް ވިޔަސް، ކޮށްފައި އޮތް މަސައްކަތް ކޮލިޓީ އެހާމެ ތަފާތު މަސައްކަތަކެވެ. މި ފިލްމްތަކުން ސާބިތުކޮށް ދިން އެއް ކަމަކީ ހަދަންވީ ހަމައެކަނި ޖީބަށް ބަރުވާ ކަހަލަ "ކޮމާޝަލް" ފިލްމްތަކެއް ނޫން ކަމެވެ. އެހެން ބަޔަކަށް ނަމޫނާއެއްގެ ގޮތުގައި ދެއްކޭ ކަހަލަ ފިލްތަކެއް ހެދުމަކީ މައްސަލައަކަށް ވެގެން ނުވާނެ އެވެ. ފިލްމް ހެދުމަކީ ހަމައެކަނި ވިޔަފާރިއެއްގެ ގޮތުގައި ދެކޭ ދެކުން ވެސް ބަދަލު ކުރަން ޖެހެ އެވެ.

ފިލްމް "4426" ގެ ޓްރެއިލާއެއް.

ބަދަލުވަމުން އަންނަ މި ޒަމާނާ އެކު ދިވެހި ސިނަމާ އަށް ވެސް ބަދަލު އަންނަން އެބަ ޖެހެ އެވެ. އޯޑިއަންސަށް ގެނެސްދޭ ރަހަތައް ގިނަކޮށްލަން ޖެހެ އެވެ. މި ބަދަލު އަންނާނީ ފިލްމީ ދާއިރާއަށް އާ ވިސްނުންތަކަށް ޖާގަ ދީ، އާ މީހުން ވެސް މި ދާއިރާގެ ތެރެއަށް ނުކުމެގެންނެވެ.

މި ފަހަކަށް އައިސް ދިވެހި ސިނަމާ އަށް ބަދަލުތަކެއް އަންނަން ފަށާފައި އޮތް ކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެވެ. އެގޮތުން ތަފާތު ޖޯންރާތައް މިހާރު އަންނަނީ މަޑުމަޑުން ތަޖުރިބާ ވެސް ކުރަމުންނެވެ. އަދި އެ ބަދަލުތައް ފިލްމް ބަލާ މީހުން އަންނަނީ ބަލައި ވެސް ގަންނަމުންނެވެ.

ކޮމެޑީ ފިލްމްތަކާއި ރޮމޭންޓިކް ކޮމެޑީ އާއި ކްރައިމް ތުރިލާ އެކްޝަން ފިލްމްތަކާއި ސަސްޕެންސް ތުރިލާ އާއި މާޑަ މިސްޓްރީ އާއި ފެމިލީ ޑްރާމާ ފަދަ ޖޯންރާތަކަށް މިހާރު ފިލްމްތައް މަދުމަދު ނަމަވެސް އެބަ ހަދަ އެވެ. އަންނަ އަހަރަކީ މި ފާހަގަ ކުރި ވެރައިޓީ ދިވެހި ސިނަމާ އިން ފެންނާނެ އަހަރެއް ކަމަށް ވެސް ގަބޫލު ކުރެ އެވެ.

"ވާށޭ މަށާއެކީ" ގެ ޓްރެއިލާއެއް.

އެކަމަކު އަދިވެސް ދިވެހި ޑައިރެކްޓަރުން އަތް ނުލާ ޖޯންރާތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ޕީރިއަޑް ނުވަތަ ތާރީހީ ފިލްމްތަކާއި ބައޮގްރިކަލް ޑްރާމާތައް ހިމެނެ އެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުން ވަރަށް ބޮޑު އަދި ވަރަށް މުހިއްމު ހާދިސާއަކަށް ފިލްމެއް ހަދަން ރޭވި ވެސް އަހަރެކެވެ. އެއީ ގދ. ތިނަދޫން މީހުން ބޭލުމާއި އެ ރަށް އާބާދުވި ހާދިސާ އަށް ބިނާކޮށް ހަދަން ރޭވި "1962 ތެނަދޫ" އެވެ. އެކަމަކު ސަރުކާރުގެ ތެރެއިން ކުރިމަތިވި ފިއްތުންތަކާ އެކު، އެ ފިލްމް ހެދޭ ގޮތެއް ނުވި އެވެ.

ދެން ސުވާލަކީ އެ ތަޖުރިބާއާ އެކު ތާރީހީ ފިލްމްތައް ހެދުމުގެ ވިސްނުން އެއްކޮށް ދޫކޮށްލަންވީތޯ އެވެ؟ ޔަގީނުން ވެސް މިއީ ދިވެހި ސިނަމާ އިން ބެލުންތެރިން ތަޖުރިބާކޮށްލަން ވަރަށް ބޭނުންވާ ޖޯންރާއެކެވެ. ސިނަމާގައި ކިޔައިދެވިދާނެ ކަހަލަ ކިތަންމެ ހާދިސާތަކެއް ރާއްޖޭގެ ތާރީހުގެ ސޮފާހާތަކުގައި އެބަ ހުއްޓެވެ.

ރިސްކެއް ނަގައިގެން ނަމަވެސް، މު ވައްތަރުގެ ފިލްމެއް ހަދަން ކެރޭ ޑައިރެކްޓަރަކަށް ދިވެހި ސިނަމާ އެބަ އިންތިޒާރު ވެސް ކުރެ އެވެ. ކުރިއެރުމަކަށް ވާނީ ހުރިހާ ވައްތަރެއްގެ ފިލްމެއް ހެދޭ ވަރުގެ ޑައިރެކްޓަރުން މި އިންޑަސްޓްރީގައި ތިބިކަން ވެސް ސާބިތުކޮށް ދީގެންނެވެ.

ބައޮގްރިފަކަލް ޑްރާމާތަކުގެ ވާހަކަ ދައްކާ އިރު، ރާއްޖޭގައި ފާހަގަކޮށްލެވޭ ކިތައް ޝަހުސިއްޔަތުން އުފެދިއްޖެ ހެއްޔެވެ؟ މިހާރު ވެސް ކިތައް ލެޖެންޑުން އެބަތިބި ހެއްޔެވެ؟ ވަރަށް ވެސް ޝައުގުވެރި މީހުން މާޒީގެ ތެރެއިންނާއި މިހާރު ވެސް ފެންނަން އެބަ ތިއްބެވެ. މި ވައްތަރުގެ ފިލްމްތަކަކީ ބޭރުގެ ސިނަމާތަކަށް ބަލާއިރު ވެސް އެންމެ ހިނގާ އަދި މިހާރު އެންމެ އާންމުކޮށް ފިލްމްތައް ހަދާ އެއް ޖޯންރާ ވެސް މެ އެވެ.

ދިވެހި ސިނަމާ އަށް އޮތް ހިތްދަތި ކަމަކީ ރާއްޖޭގެ ރަނިކަން ކުރި ރެހެންދި ހަދީޖާގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަން ނިންމި ޑައިރެކްޓަރު މިހާރު ފިލްމީ ދާއިރާއިން އަތް ވެސް ފޮޅާލައިފައިވާތީ އެވެ. އެ ބައޮޕިކް ފެނުމުގެ އުންމީދު ވެސް އެ ހިސާބުން ގެއްލުނީ އެވެ.

އެހެންވީމާ ދެން ތާރީހީ ފިލްމެއް ނުވަތަ ބައޮގްރަފިކަލް ޑްރާމާއެއްގެ ވާހަކަ ދައްކަން ކެރޭ ވަރުގެ ޑައިރެކްޓަރެއް ފިލްމީ ދާއިރާގައި މިހާރު އެބަ ހުރި ހެއްޔެވެ؟