މި އަހަރުގެ ތެރޭގައި ސިންގަލްސްތަކެއް ނެރުނު ނަމަވެސް އަންނަ އަހަރުގެ ފޭނުންނާ ހަމައަށް ފުރިހަމަ އަލްބަމެއް ގެނެސް ދޭނެ ކަމުގެ ޔަގީންކަން، މަޝްހޫރު ޒުވާން އަންހެން ލަވަ ކިޔުންތެރިޔާ ސެލީނާ ގޮމޭޒް ދީފި އެވެ.
ދާދި ފަހުން ކިޑްނީ ޓްރާންސްޕްލާންޓެއް ވެސް ހަދާފައިވާ ލަވަ ކިޔުންތެރިޔާ ބީބީސީގެ ރޭޑިއޯ 1 ގެ "ބްރެކްފާސްޓް ޝޯ ވިތު ގްރިމްޝޯ" ގައި ބުނީ އާ އަލްބަމެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ނެރުނު "ރިވައިވަލް" އަށް ފަހު ސެލީނާގެ އާ އަލްބަމެއް ނުނެރެ އެވެ. ނަމަވެސް އޭނާ ބުނީ އަންނަ އަހަރު އާ އަލްބަމް ކަށަވަރު ކަމަށެވެ.
"ވަރަށް ޔަގީންކަމާ އެކު ބުނެލަން ބޭނުންވަނީ އާ އަލްބަމް ވަރަށް އަވަހަށް ނެރޭނަމޭ. އޭގެ މަސއްކަތް ކުރިއަށް އެބަދޭ މިހާރު ވެސް."
އޭނާ ބުނީ އަލްބަމެއް ގެނެސްދޭން ބޭނުން ވަނީ ކޮންމެހެން ޗާޓްތައް މުގުރާލައި، އަލްބަމް ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދަން ނޫން ކަމަށެވެ.
"އަލްބަމް އަހަރެން ނެރެނީ މިއުޒިކަށް އޮންނަ ލޯތްބެއްގެ ސަބަބުން. އެހެންވެ އަނެއްކާ ވެސް ތާޒާ ލަވަތަކަކާ އެކު އަންނަ އަހަރު އަލްބަމެއް ނެރޭނަން،" ސެލީނާ ބުންޏެވެ.
އެމެރިކާ އަށް އުފަން 25 އަހަރުގެ ލަވަ ކިޔުންތެރިޔާ މިހާތަނަށް ނެރެފައި ވަނީ ދެ ސޯލޯ އަލްބަމެވެ. އެއީ "ރިވައިވަލް" ގެ އިތުރުން 2013 ގައި ނެރުނު "ސްޓާޒް ޑާންސް" އެވެ.