ފިލްމު އެވޯޑްސް: "4426" ދިޔައީ ހީކުރި ގޮތަކަށް ނޫން!

ދިވެހި ފިލްމް އެވޯޑްސްގެ ނޮމިނޭޝަންތަކާ އެކު ކޮންމެ އަހަރަކު ވެސް އުފެދޭ ސުވާލުތަކެއް ހުރެ އެވެ. އެންމެ ބޮޑު އަދި އެންމެ އާންމު ސުވާލަކީ ޖަޖް ކުރުން އިންސާފުވެރި ހެއްޔެވެ؟ މި އަހަރުގެ ދިވެހި ފިލްމު އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާން ކުރުމާ އެކު ވެސް އެ ބަހުސް ވަނީ އުފެދިފަ އެވެ.


މިދިޔަ އަހަރުގެ އެވޯޑްސްގައި ފިލްމު "އިނގިލި" 12 ކެޓަގަރީއަކުން ނޮމިނޭޓްވެ، އެންމެ އެވޯޑެއް ވެސް ނުލިބި ހުސް އަތާ ދާން ޖެހުމުން ބައެއް މީހުން ދެއްކީ ހަމަ އެ ވާހަކަ އެވެ.

ކުރިން ގައުމީ ފިލްމު އެވޯޑްސްގެ ނަމުގައި ދެމުން އައި އެވޯޑް މި އަހަރު ދިވެހި ފިލްމު އެވޯޑްސްގެ ނަމަށް ބަދަލުކުރި އިރު، ޖަޖުންގެ ޕެނަލްގައި ހިމެނެނީ ޑރ. އަޝްރަފް އަބްދުއްރަހީމް، އާމިލާ އާދަމް، މުހައްމަދު ޝަރީފް (ބާރު ޝަރީފް)، އަލި މަނިކު، މުހައްމަދު ޝަމީމް، ހުސައިން އިމްތިޔާޒް (އިންތި) އަދި ތޮއްޔިބު މުހައްމަދެވެ.

މި ޖަޖުން އިންސާފުކޮށްދިން އެވޯޑްގެ ބައެއް ކެޓަގަރީތަކަށް ނޮމިނޭޓްވި ބައެއް ފަންނާނުން ވެސް ވަނީ ނޮމިނޭޝަންތަކުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ.

މި އަހަރު އެވޯޑް ހަފުލާ ބާއްވަނީ 2014-2016 އަށް ރިލީޒްކުރި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. އެގޮތުން މި ފަހަރުގެ އެވޯޑަށް 17 ފިލްމު ހުށަހެޅި އެވެ. އޭގެ ތެރޭގައި ގިނައީ އެއްވެސް ކެޓަގަރީއެއްގައި ނޮމިނޭޓް ނުވި ފިލްމުތަކެވެ.

އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް ސުވާލު އުފައްދަނީ ފާތުމަތު ނަހުލާގެ ބިރުވެރި ފިލްމު "4426" މި ފަހަރުގެ އެވޯޑްގައި "ހަމަ އެކައްޗަކަށް ވެސް ނުވުމުން"ނެވެ. އެއީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމެވެ. އަނެއްކޮޅުން ކްރިޓިކުން ވެސް އެ ފިލްމުގެ މަސައްކަތްތަކަށް ވަރަށް ތައުރީފުކުރި އެވެ.

އެކަމަކު "4426" ވާދަކުރާނެ ކަމަށް ބެލެވުނު މުހިއްމު އެއްވެސް ކެޓަގަރީއަކުން ނޮމިނޭޝަނެއް ލިބިފައެއް ނެތެވެ. ކުރިން ވެސް ލަފާކުރި ގޮތަށް "4426" ގައި އިބްރާހީމް ޖިހާދު (ޖިމީ) ކުޅުނު ރޯލުން އޭނާ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރާނެ އެވެ. އޭނާ އެ ބައިން ނޮމިނޭޓް ވިޔަސް މުހިއްމު އެހެން އެއްވެސް ކެޓަގަރީއަކުން ޖާގައެއް ނުލިބެ އެވެ.

ނަހުލާ އާއި އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓަރު ކުރި "4426" އަށް އެންމެ މޮޅު އެކްޓަރުގެ ނޮމިނޭޝަނާ އެކު ލިބުނީ ޖުމްލަ ހަތަރު ނޮމިނޭޝަނެވެ. އެއީ ބެސްޓް މޭކަޕާއި ކޮސްޓިއުމްގެ އިތުރުން ބެސްޓް ވިޝުއަލް އިފެކްޓްސް އެވެ.

އެކަމަކު ވަރަށް ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ "4426" އެންމެ މޮޅު ފިލްމަށާއި އެންމެ މޮޅު ސްކްރީންޕްލޭގެ އިތުރުން ބަތަލާ މަރިޔަމް އައްޒަ ކުޅުނު ރޯލުން އެންމެ މޮޅު ބަތަލާގެ މަގާމަށާއި ޝީލާ ނަޖީބް ކުޅުނު ރޯލުން އެންމެ މޮޅު ސަޕޯޓިން ބަތަލާގެ މަގާމަށް ވެސް ވާދަކުރާނެ ކަމަށެވެ.

އެކަމަކު އެންމެ މޮޅު އޮރިޖަނަލް ސްކްރީންޕްލޭ އަށް ނޮމިނޭޓްވި ފިލްމުތަކަށް ބަލާ އިރު، ޑާކް ރެއިންގެ "ވާށޭ މަށާއެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ އޮރިޖިނަލް ސްކްރީންޕްލޭތަކެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. މަހުދީ އަހުމަދު ލިޔެފައި އޮތް "ވާށޭ މަށާއެކީ" އަކީ 1995 ގައި ރިލީޒްވި ހޮލީވުޑް ފިލްމު "ނައިން މަންތްސް" ގެ ކޮންސެޕްޓް އިރާލައިގެން ހަދާފައި އޮތް ސްކްރީންޕްލޭއެކެވެ.

ހަމަ އެގޮތަށް "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ 1981 ގައި ރިލީޒްވި ހިންދީ ފިލްމު "ލަވް ސްޓޯރީ"ގެ ކޮންސެޕްޓް ތެރެއިން ފުރާނާލައިގެން ހަދާފައި އޮތް އެއްޗެކެވެ. އެހެންވެ މި ފިލްމުތައް އެންމެ މޮޅު ސްކްރީންޕްލޭ އަށް ވާދަކުރުމަކީ އެންމެ އިންސާފުވެރި ނިންމުންކަމާ ދޭތެރޭ ސުވާލު އުފައްދާނެ ޖާގަ އެބަ އޮތެވެ.

އައްޒަ އާއި ޝީލާ އަށް ނޮމިޝޭނުން ޖާގަ ނުލިބުމަކީ ވަރަށް ބޮޑު އުނި ކަމެއް ކަމަށް، ބައެއް މީހުން ދެކެ އެވެ. އައްޒަ "4226" ގައި ދެއްކި އެކްޓިން ކިތަންމެހާ ވެސް ފުރިހަމަ އެވެ. ހަމަ އެގޮތަށް ޝީލާ ވެސް މަތީ ފެންވަރުގެ ހުނަރެއް ދެއްކި އެވެ.

"4426" ގެ ޓްރެއިލާއެއް.

މި ފަހުން ދިވެހި ސިނަމާ އަށް އައި ފިލްމުތަކުގެ ތެރެއިން "4426" އަކީ ތަފާތު އަދި މޮޅު މަސައްކަތްތަކެއް ހިމެނޭ އުފެއްދުމެއް ކަމަށް އެއްބަސްވާ މީހުން މަދެއް ނޫނެވެ. ދެ ގަޑިއިރަށް ވުރެ ދިގު ފިލްމުގައި ކިޔައިދެނީ އެންމެ ރެއެއްގެ ހާދިސާއަކަށް ވެފައި، ފޫހިކަމެއް ނެތި ބަލާލަން ކަމުދާ ފިލްމެއްގެ ގޮތުގައި "4426" ގެ ސްކްރީންޕްލޭ އޮތީ ފައްކާކޮށްފަ އެވެ. މިއީ އާންމުކޮށް ބިރުވެރި ދިވެހި ފިލްމުތައް ހަދާ ގޮތާ މުޅިން ތަފާތުކޮށް ގެނެސްދިން ފިލްމެކެވެ.