"ވިޝްކާ" ގެ ޓްރެއިލާ، ކަމުދިޔަތަ؟

ޔާރާ ޕްރޮޑަކްޝަންގެ ކުރިއަށް އޮތް ފިލްމް "ވިޝްކާ" ގެ ޓްރެއިލާ ދައްކާލަން ބުނި ދުވަހަށް ނުލިބުނަސް މިއަދު މި ވަނީ ފެންނަވަރު ކޮށްފަ އެވެ.


ޓީޒާ މެއި މަހުގެ ތެރޭގައި އާއްމު ކުރުމަށް ފަހު، ފިލްމުގެ ފުރަތަމަ ޓްރެއިލާ މިއަދު ޝްވެކް ސިނަމާގައި ވަނީ ރިލީޒްކޮށްފަ އެވެ. ޓްރެއިލާ ލޯންޗް ކުރަން ބޭއްވި ހަފުލާގައި ފިލްމުގެ ތަރިންނާއި ކްރޫގައި ހިމެނޭ ބައެއް މީހުންނާއި ފިލްމުގައި ހިމެނޭ ލަވައެއްގެ މަސައްކަތް ކުރި ސިމްބޮލިކް ރެކޯޑްސްއިންނާއި ނޫސްވެރިން ވެސް ބައިވެރިވެ އެވެ.

އަބްދުﷲ ވިޝާމްގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީޕްލޭ ލިޔެފައިވާ "ވިޝްކާ" އަކީ ކްރައިމް ތުރިލާއެކެވެ. ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ ފިލްމުގެ ޕްރޮޑިއުސަރު އަދި މަޝްހޫރު ބަތަލާ ރިޝްމީ ރަމީޒެވެ.

އޭނާ އެކު ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން ރަވީ ފާރޫގާއި އަހުމަދު ސައީދު ވެސް ފެނިގެން ދާނެ އެވެ. "ވިޝްކާ" ޑައިރެކްޓްކޮށްފައި ވަނީ ރަވީ އެވެ.

ފިލްމުގެ ޓްރެއިލާ އިން ވެސް މިއީ ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ހާދިސާތަކެއް ފެނިގެން ދާނެ ފިލްމެއްކަން އެނގެ އެވެ.

"ވިޝްކާ" ގެ ކެރެކްޓާގެ ވަށައިގެން އެނބުރޭ މި ފިލްމަކީ ލޯތްބާއި ނަފުރަތާއި ރުޅި އާއި އަނިޔާވެރިކަމާއި އެ ނޫން ވެސް އެތައް އިހުސާސްތަކެއްގެ ތެރެއަށް ބެލުންތެރިން ގަންބުވައިލާނެ ފިލްމެކެވެ.

"ވިޝްކާ" ގެ ޓްރެއިލާ

މައުސޫމް "ވިޝްކާ" އަށް ލޯބިވެވޭ އުޅުމެއް ނެތް، ވިޔާނުދާ ފިރިހެނެއްގެ ސަބަބުން އޭނާ ދިރިއުޅުން ހަ ފަރާތުން އަނދިރިވެ، މަޅިއެއްގެ ތެރޭގައި ބަނދެވެ އެވެ. ފިލްމުގައި ފެނިގެން ދާނީ ރަވީ (އިޝާން) ގެ މަޅިން ސަލާމަތް ވާން "ވިޝްކާ" ކުރާ މަސައްކަތުގެ ތެރޭގައި އޭނާގެ ހަޔާތަށް ދެން ކުރިމަތިވަމުންދާ ހާދިސާތަކެވެ.

ފިލްމަށް ދިއުމުގެ ކުރިން ދޮޅު މިނިޓްގެ ޓްރެއިލާ އިން "ވިޝްކާ" ހަޔާތުގެ ތެރެއަށް މިވަރަށް ފީނައިލާފައި ފުއްދައިލާނީ އެވެ.

އަންނަ މަހުގެ ކުރީކޮޅު މި ފިލްމް ޝްވެކް ސިނަމާ އަށް އަންނާނެ އެވެ. ޔާރާ އިން ދޭ ޔަގީން ކަމަކީ ބެލުންތެރިންނަށް ކަމުދާ ކަހަލަ ގިނަ ރަހަތަކެއް "ވިޝްކާ" އިން ލިބިގެން ދާނެ ކަމެވެ.

މިއީ ކުރިން ޔާރާ އިން ހަދާފައިވާ ފިލްމުތަކާ މުޅިން ތަފާތު ރަހައެއްގެ ފިލްމެކެވެ.