ފިލްމް އެވޯޑްސް މިރޭ، ބައެއް މީހުންނަށް ދައުވަތު ނުލިބޭ!

އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް ހަފުލާ މިރޭ ބާއްވަން ކުޑަތަންވަމުން އަންނަ އިރު، އެވޯޑަށް ނޮމިނޭޓްވެފައިވާ ބައެއް ފަންނާނުންނާއި ފިލްމް ޕްރޮޑިއުސަރުންނަށް ވެސް ދައުވަތު ނުލިބި އޮތްކަން އެނގިއްޖެ އެވެ. އެކަން، މި އެވޯޑް އިންތިޒާމު ކުރާ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ވެސް ގަބޫލު ކުރެ އެވެ.


އެހެން ނަމަވެސް އެންސީއޭ އިން ބުނީ ބައެއް ފަންނާނުންނަށް ދައުވަތު ކާޑު ނުފޮނުވި ހުރީ އެ މީސްމީހުންގެ ފޯނު ނަންބަރު ބަދަލުވެފައިވާތީ، ހަވާލު ކުރެވޭ ގޮތް ނުވެގެން ކަމަށެވެ.

އެހެންވެ، އެންސީއޭގެ މީޑިއާ ހެޑް އިބްރާހީމް ސައީދު (އިއްބެ) "މިހާރު" އަށް ވިދާޅުވީ އޮލިމްޕަހުގައި މިރޭ ބާއްވާ ހަފުލާ އަށް އެއްވެސް ފަންނާނަކަށް ދައުވަތު ނުދީގެން ޝަކުވާ ކުރާނެ ޖާގައެއް ނޯންނާނެ އެވެ.

"ބައެއް ފަންނާނުންނަށް އަޅުގަނޑުމެންނަށް ދީފައި ހުރި ނަމްބަރުތަކުން ނުގުޅިގެން ދައުވަތު ކާޑު ހަވާލު ނުކުރެވި އެބަހުރި. އަދި ކާޑު ހަވާލު ކުރަން ގޮސްގެން ދިމާ ނުވެގެން ވެސް ކާޑު ހަވާލު ނުކުރެވި އެބަހުރި." އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި އަންނަނީ ކާޑުތައް އަދިވެސް ހަވާލު ކުރަން މަސައްކަތް ކުރަމުން. އަދި މިކޮޅުން ފަންނާނުން ކާޑު ދޫވެސް ކުރާނެ."

އިއްބެ ވިދާޅުވީ އޮލިމްޕަހުގައި ހަފުލާ ބާއްވާތީ ޖާގަ ހުރި ގޮތުންނާ އެކު މި ފަހަރުގެ ހަފުލާ އަށް ދައުވަތު ދިނުމުގައި އެންމެ ބޮޑަށް އިސްކަން ދީފައި ހުންނާނީ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި އެވޯޑްތަކަށް ނޮމިނޭޓްވި ފަންނާނުންނަށް ކަމަށެވެ.

މިދިޔަ އަހަރުގެ އެވޯޑް ހަފުލާގައި ސީޒަނާއި ރިޝްމީ ސެލްފީއެއް ނަގަނީ.

އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގެ ނޮމިނޭޝަންތައް، މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އިއުލާން ކުރުމާ އެކު، ޖަޖިން އަށް ވަރަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި ނޮމިނޭޝަންތައް ހުރީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ދޭހަވާ ގޮތަށް، ނޮމިނޭޓްވި ބައެއް ފަންނާނުން ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.

މި ފަހަރުގެ އެވޯޑްސްގައި ވާދަ ކުރަނީ 17 ފީޗާ ފިލްމާއި ހަތް ކުރު ފިލްމެވެ. ފީޗާ ފިލްމާއި ކުރު ފިލްމް ކެޓަގަރީން ވެސް މި ފަހަރު މުހިއްމު އަދި ގިނަ މަގާމުތަކަށް ވާދަ ކުރަނީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމްތައްކަން ފާހަގަކޮށްލެވެ އެވެ.