ޖުމަލް ހޯދި ކާމިޔާބީ އަށް ބައްޕަ ނިމާލް ފަހުރުވެރިވެފައި

ފިލްމީ ކެރިއަރުގައި ޑައިރެކްޓަރު/އެކްޓަރު އަހުމަދު ނިމާލަށް ރެއަކީ ވަރަށް އުފާވެރި ރެއެކެވެ. އެކަމަކު އެއްގޮތަކަށް ވެސް ދިވެހި ފިލްމް އެވޯޑްސްގައި އޭނާ އަށް އެވޯޑެއް ލިބިގެންނެއް ނޫނެވެ. ނިމާލަށް އެންމެ ބޮޑު އުފަލަކީ އޭނާގެ ފިރިހެން ދަރިފުޅު އަދި މިހާރުގެ އެންމެ މަގުބޫލު އެއް އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް) ރޭ ދެ އެވޯޑް އުފުލައިލުމެވެ.


މީގެ ތެރެއިން އެއް އެވޯޑް ލިބުނީ ފިލްމީ ދާއިރާ އަށް ޖުމަލް ނެރެން ނިމާލް 2014 ގައި ތައްޔާރުކުރި ފިލްމު "އަނިޔާ" އިން އެންމެ މޮޅު އާ އެކްޓަރުގެ އެވޯޑެވެ. ދެން ލިބުނީ މި ފަހަރު އެންމެ މޮޅު ފިލްމު، ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ" ގައި އޭނާ ކުޅުނު ބައިން ހޯދި އެންމެ މޮޅު އެކްޓަރުގެ އެވޯޑެވެ.

މި އެވޯޑްތައް ޖުމަލް ހޯދި އިރު، އޮލިމްޕަހުގައި ނިމާލް އިނީ އުފަލުން ފެންކަޅިވެފަ އެވެ. އަދި އެވޯޑާ އެކު ސްޓޭޖުން ޖުމަލް ފައިބައިގެން ދިއުމުން އޭނާގެ ގައިގައި ބާރަށް ބައްދާލި ތަން ވެސް ފެނުނެވެ.

ނިމާލް، ދަރިފުޅު ޖުމަލްގެ ގައިގައި ބައްދާލައިގެން. މިހާރު ފޮޓޯ: ހުސައިން ވަހީދު

ޖުމަލްގެ މި ކާމިޔާބީއާ އެކު ނިމާލް ވަނީ ފޭސްބުކްގައި އޭނާގެ ޝުއޫރުތައް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ އެންމެ އުފާވާ އެއް ކަމަކީ ބައްޕަގެ ލެގަސީ ޖުމަލް ދަމަހައްޓާތީ އެވެ.

"ބައްޕައަކު އެންމެ އުފާވާނީ ބައްޕަ ކުރަމުން ދިޔަ މަސައްކަތް ފިރިހެން ދަރިއަކު އެ މަސައްކަތް ފޮލޯ ކުރުން. އަދި އެކަމުން ރީތި ނަމެއް ހޯދުން،" ނިމާލް ބުންޏެވެ.

"މިރޭ މީ އެގޮތުން އަހަރެން އެންމެ އުފާވި ރޭ. މަރުހަބާ ޖުމަލް ހޯދި ކާމިޔާބީ އަށް."

ރޭ އެވޯޑާ އެކު ސްޓޭޖް މަތީގައި ވާހަކަ ދައްކަމުން ޖުމަލް ބުނީ އޭނާ އަށް އެ ހިސާބަށް އާދެވުނީ ނިމާލްގެ ދަރިއަކަށް ވުމުންކަން ފާހަގަކޮށްފަ އެވެ. އަދި ފިލްމީ ދާއިރާ އިން ކުރިއަށް ދާން މުޅި އާއިލާ އިން ލިބޭ އެއްބާރުލުމަށް ޝުކުރު ވެސް އަދާކުރި އެވެ.

ފިލްމީ ދާއިރާގައި ނިމާލް މަސައްކަތް ކުރާތާ އެތައް އަހަރެއް ވެފައިވާ އިރު، ދަރިފުޅު ހޯދަމުން އަންނަ ކާމިޔާބީތަކަށް ވަރަށް ފަހުރުވެރިވާ ކަމަށް ތަކުރާރުކޮށް ނިމާލް ބުނެފައިވެ އެވެ.

ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ ކާމިޔާބު އަދި މަަގުބޫލު އެކްޓަރަށް ޖުމަލް ވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގަ އެވެ. އޭގެ ތެރޭގައި އެންމެ ފަހު ވިންދާ ޖެހެންދެން (2015)، ވާށޭ މަށާއެކީ (2016) އަދި 4426 (2016) ހިމެނެ އެވެ.

ޑާކް ރެއިންގެ "ޑާލިން" ގެ ގޮތުގައި ބެލެވޭ ޖުމަލްގެ ވަރަށް ފާހަގަކޮށްލެވޭ ދެ ފިލްމެއް އަންނަ އަހަރު ކުރީކޮޅު ސިނަމާ އަށް އަންނާނެ އެވެ. އެއީ މާޗް 5 ގައި ރިލީޒް ކުރާ "ވަކިން ލޯބިން" އާއި އެޕްރީލް 5 ގައި ރިލީޒް ކުރާ "ގޮށްރާޅު" އެވެ.

އޭނާ ކުޅުނު ދެ ފިލްމެއް އަދި ރިލީޒް ނުވެ ވެސް އެބަ އޮތެވެ. އެއީ "މާޔޫސް" އާއި "ޕްލޭން ބީ" އެވެ.

ނިމާލް ބުނެފައިވާ ގޮތުގައި އޭނާ މިހާރު އަންނަނީ ޖުމަލްއާ އެކު ފެންނާނެ ކަހަލަ ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ.