ޗިއްޕެ އެންމެ ބޭނުންވި އެވޯޑް އެންމެ ފަހުން ލިބިއްޖެ

ރާއްޖޭގެ އެންމެ ކާމިޔާބު ޑައިރެކްޓަރަކީ މިހާރު އަލީ ޝިފާއު (ޗިއްޕެ) ކަމާ ދޭތެރޭ އެއްވެސް ބަޔަކު ޝައްކެއް ނުކުރާނެ އެވެ. އޭނާ އެންމެ ފަހުން ގެނެސް ދިން ތިން ފިލްމަކީ އޭގެ ހެއްކެކެވެ. އެއިން ކޮންމެ ފިލްމަކަށް ބޮޑު ތަރުހީބެއް ލިބި، ކާމިޔާބުވި އެވެ.


ފިލްމު "ހޭލާ" އިން 2006 ގައި ފިލްމީ ދަތުރު ފެށި މި ޑައިރެކްޓަރުގެ ފިލްމުތައް އެންމެ ބޮޑަށް ފާހަގަކުރެވެން ފެށީ 2011 ގައި ރިލީޒް ކުރި "ދިން ވޭނުގެ ހިތާމައިން" ފެށިގެންނެވެ. އެކަމަކު އޭނާގެ ކެރިއަރުގެ މުހިންމު ބަޔަކީ 2014 ގައި ރިލީޒް ކުރި "އެންމެ ފަހު ވިންދާ ޖެހެންދެން" އެވެ. މިއީ ޑާކް ރެއިންގެ ކޮމާޝަލް ފިލްމުތަކަށް އިންގިލާބެއް ވެސް ގެނައި ފިލްމެކެވެ. އޭގެ ފަހުން ޗިއްޕެ ޑައިރެކްޓް ކުރި ވާށޭ މަށާއެކީ (2016) އާއި މި އަހަރު ރިލީޒް ކުރި "މީ ލޯތްބަކީ" އަކީ ހަމަ ވަރަށް ކާމިޔާބު ފިލްމުތަކެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގައި އެންމެ ގިނަ ނޮމިނޭޝަން ލިބި، އެންމެ ގިނަ އެވޯޑް ހޯދީ ވެސް "ވާށޭ މަށާއެކީ" އެވެ.

ދިވެހި ފިލްމު އެވޯޑްްސްގައި އެންމެ މޮޅު ފީޗާ ފިލްމަށް ހޮވުނު "ވާށޭ މަށާއެކީ" ފިލްމުގެ ބައިވެރިން ޔޫތު މިނިސްޓަރު އިރުތިޝާމާ އެކު --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި ފިލްމާ އެކު ޗިއްޕެ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެތައް ދުވަހެއް ވަންދެން އުންމީދު ކުރަމުން ދިޔަ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ހާސިލްވުމެވެ. "ވާށޭ މަށާއެކީ" އިން އެ ހުވަފެން ހަގީގަތަކަށް ވެއްޖެ އެވެ.

"އަސްލު އެންމެ ބޭނުންވި އެވޯޑް އަދި ކިރިޔާ މި ލިބުނީ. މި ދާއިރާ އަށް ނުކުތީއްސުރެ ވެސް އެންމެ އުންމީދު ކުރި އެވޯޑަކީ މިއީ،" ރާއްޖޭގައި އެއް ފަންނާނަކަށް ފިލްމީ ދާއިރާ އިން އެންމެ ގިނަ އެވޯޑް ލިބުނު ޑައިރެކްޓަރު ބުންޏެވެ.

ޑައިރެކްޓަރެއްގެ ގޮތުގައި ޗިއްޕެގެ ނަން އިތުބާރު ކުރެވޭ ނަމަކަށް ވުމުގެ އިތުރަށް އޭނާއަކީ ފިލްމީ މައިދާނުގައި އެތައް ރޮނގަކުން ފާހަގަކޮށްލެވޭ ފަންނާނެކެވެ. މި ފަހަރުގެ އެވޯޑްސްގައި އެކަން ވަނީ ސާބިތުވެފަ އެވެ. ފީޗާ ފިލްމު ކެޓަގަރީން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބުމުގެ އިތުރަށް ކުރު ފިލްމު ބައިން ވެސް އެ އެވޯޑް ލިބުނީ ޗިއްޕެއަށެވެ. އެއީ ފިލްމު "ވޫޑޫ" ޑައިރެކްޓްކޮށްގެންނެވެ.

އޭނާ އަށް މި ފަހަރު ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި ފީޗާ ފިލްމާއި ކުރު ފިލްމް ކެޓަގަރީން އެންމެ މޮޅު އެޑިޓިން، ކުރު ފިލްމް ބައިން އެންމެ މޮޅު ސިނަމޮޓޯގްރަފީ އަދި "ވާށޭ މަށާއެކީ" އިން އެންމެ މޮޅު އާޓް ޑައިރެކްޝަން ހިމެނެ އެވެ.

"ޑައިރެކްޝަންގެ އިތުރަށް ފިލްމު މޭކިންގެ އެހެން މަސައްކަތްތަކުގެ ތެރެއަށް މި ވަދެވުނީ އެހެން މަސައްކަތްތަކާ ހަވާލުވާ މީހުން ބައެއް ފަހަރު މަސައްކަތަށް ނައުމާއި ފަރުވާ ކުޑަވުން ކަހަލަ ކަންކަން ދިމާވެގެން އެ މީހުންގެ މަސައްކަތްތައް އަމިއްލަ އަށް ކުރަން ޖެހިގެން،" ޗިއްޕެ ބުންޏެވެ.

"އެކަމަކު މިހާރު މިކުރާ ކޮންމެ ކަމަކީ ވަރަށް ބޮޑު އިންޓްރަސްޓަކާ އެކު ކުރާ މަސައްކަތެއް. އޭގެ އަގު މި ލިބެނީ."

އޭނާ ބުނީ ޑާކް ރެއިންގެ އެންމެ ހާއްސަ އެއް ކަމަކީ މިހާރު އިތުރު ބަޔަކަށް ބަރޯސާ ނުވެ މަސައްކަތް ކުރުން ކަމަށެވެ. އަދި "އޯލް އިން ވަން" އަކަށް ބަދަލުވުމަކީ މަސައްކަތް ވަރަށް ބޮޑަށް ލުއިވެ، ފަސޭހަވާ ކަމެއް ކަމަށް ބުންޏެވެ.

ޗިއްޕެގެ ކުރިއަށް އޮތް ފިލްމަކީ މާޗް، 2018 ގައި ރިލީޒް ކުރާ ފެމިލީ ޑްރާމާ "ވަކިން ލޯބިން" އެވެ. އޭނާ ބުނީ އެ ފިލްމު ވެސް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށެވެ.

ޗިއްޕެ؛ ފީޗާ ފިލްމާއި ކުރު ފިލްމު ބައިން ވެސް އެންމެ މޮޅު ޑައިރެކްޓަރު --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"މި ވެސް ހަމަ އަހަރެމެންގެ ޓީމުން ކޮށްފައި އޮތް ވަރަށް ފުރިހަމަ މަސައްކަތެއް. ޔަގީނުން ވެސް މި ފިލްމު ބެލުންތެރިންނަށް ވަރަށް ކަމުދާނެ،" މި ފަހަރު އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ހޯދި އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމާ ބެހޭ ގޮތުން ޗިއްޕެ ބުންޏެވެ.

އޭނާ ބުނީ އަންނަ އަހަރު އަނެއްކާ ވެސް އިތުރު ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އޭގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަ ދޭ،" ޗިއްޕެ ބުންޏެވެ.