އިންޑިޔާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭ.އާރް ރަހްމާންގެ މިއުޒިކް އެކަޑަމީ ކޭއެމް މިއުޒިކް ކޮންޒަވޭޓަރީގައި މިއުޒިކް ކިޔަވަމުން އަންނަ ދަރިވަރުން ކަމަށްވާ އޭ.އެޗް ކާޝީފް، ޖެރީ ސިލްވެސްޓާ ވިންސެންޓް އަދި އޭ.އާރު ރަހުމާންގެ ކުންފުނި ގުތުބު-އޭ-ކިރްޕާގެ އެން.ޑީ ސަންތޯޝް ތައްޔާރުކުރި މިއުޒިކް 2018 އެކަޑަމީ އެވޯޑްސްގެ ބެސްޓް އޮރިޖިނަލް ސޮންގް ކެޓަގަރީން ޝޯޓްލިސްޓް ވެއްޖެ އެވެ.
މިއީ ތިރޫ ސެލްވަން ޑައިރެކްޓްކޮށްފައިވާ ހޮލީވުޑް ފިލްމު "ލޭޚް އޮފް ފަޔާ"ގެ ތިން ލަވަ ކަމަށްވާ "އައި ވިލް ބީ ގޯން"، "ހޭވް ޔޫ އެވާ ވޮންޑާޑް" އަދި "ވީ ވިލް ޕާޓީ އޯލް ނައިޓް" އެވެ.
ގުތުބް-އޭ-ކިރްޕާއިން ވަނީ އޭ.އާރް ރަހްމާނާ ގުޅިގެން "24" އަދި "އޯ ކަދަލް ކަންމަނީ"ގެ ބެކްގްރައުންޑް ސްކޯ ތައްޔާރުކޮށްދީފަ އެވެ. އަދި ޝަންކަރް އުފައްދާ ރަޖްނީކާންތާއި އަކްޝޭ ކުމާރުގެ ބޮޑު ބަޖެޓް ފިލްމު "2.0" އަށް ވެސް މިހާރު އެމީހުން ދަނީ މިއުޒިކް ތައްޔާރުކޮށް ދެމުންނެވެ.
ކޭއެމް ކޮންޒަވޭޓަރީގެ ޑައިރެކްޓަރު އަދި އޭ.އާރް ރަހްމާންގެ ކޮއްކޮ ފާތިމާ ރާފިގް ބުނީ އެ ތަން ވުޖޫދަށް އައިތާ 10 ވަނަ އަހަރު އެތަނުގައި ކިޔަވާ ދަރިވަރުންތަކެއް އުފެއްދި މިއުޒިކް 90 ވަނަ އޮސްކާ އެވޯޑަށް ޝޯޓްލިސްޓް ވުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.
"އަހަރެމެން ފެނުނީ އެ ފިލްމުގެ ތިން ލަވަ އާއި ބެކްގްރައުންޑް ސްކޯ. ފޮނުވި ހުރިހާ އެއްޗެއް ޝޯޓްލިސްޓް ވީމަ އަހަރެމެން މިތިބީ ހައިރާންވެފައި،" ފާތިމާ ބުންޏެވެ.
"ފިލްމުތައް ލަވަތަކާއި ބެކްގްރައުންޑް މިއުޒިކް ތައްޔާރުކޮށް ރެކޯޑް ކުރަމުން ދިޔައިރު ވެސް ފިލްމުގެ ޑައިރެކްޓަރު ރާޖް ތިރުސެލްވަން ބުނި މިފަހަރު އޮސްކޯއަށް މި ލަވަތައް ނޮމިނޭޓްވެ އަހަރެމެން އެންމެންނަށް އޮސްކާ އެވޯޑުގައި ބައިވެރިވާން ފުރުސަތު ލިބޭނޭ. އޭނާ ދެއްކި ވާހަކަ މިވަނީ ހަގީގަތުގައި ވެސް ތެދަކަށް ވެފައި."
ފާތިމާ ބުނި ގޮތުގައި އެމީހުންނަށް ލިބޭ ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ އޭނާގެ ބޭބެ އަދި އެ އެކަޑަމީގެ ޕްރިންސިޕަލް އޭ.އާރް ރަހްމާނެވެ. ރަހްމާން ވަނީ އޭނާގެ ޕްރޮޑަކްޝަން ކޮމްޕެނީ "ގުތުބް އޭ ކިރްޕާ"އިން ޒުވާން ކުދިންނަށް ފުރުސަތުތައް ދީފަ އެވެ. މުސްތަގްބަލްގައި މިފަދަ އިތުރު ކާމިޔާބީތައް ލިބޭނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ.
ކަންދިމާވި ގޮތުން އޮސްކާއަށް ނޮމިނޭޓްވި ލަވަތައް ހެދި ޒުވާން ތިން މިއުޒީޝަނުންގެ ތެރެއިން އޭ.އެޗް. ކާޝިފް އަކީ ރަހްމާނަށް ބޮޑުބޭބެ ކިޔާ އަދި ފާތިމާގެ ދަރިފުޅެކެވެ.
ފާތިމާ ބުނީ "އައި ވިލް ބީ ގޯން" އަކީ ލޯބީގެ ލަވައެއް ކަމަށާއި ލަވަ ތައްޔާރުކުރީ ވެސް ކާޝިފް ކަމަށެވެ.
މި ކުދިންގެ އެންމެ އިސް ޓީޗަރު އޭ.އާރް. ރަހްމާން ވަނީ 2009 ގައި އޮސްކާ ދެ އެވޯޑް ހާސިލުކޮށްފަ އެވެ. އެއީ "ސްލަމްޑޯގް މިލިނަޔާ"ގެ ބެސްޓް ބެކްގްރައުންޑް ސްކޯ އާއި ބެސްޓް އޮރިޖިނަލް ސޯންގް އެވޯޑެވެ.