ލަތާގެ ހަނދާނުން ރަފީ ފިލާ ގޮތެއް ނުވި

އިންޑިޔާގައި މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ އެއް ލަވަކިޔުންތެރިޔަކީ މުހައްމަދު ރަފީ އެވެ. މިދިޔަ އާދިއްތަ ދުވަހަކީ ރަފީ އުފަންވިތާ 93 އަހަރު ފުރުނު ދުވަހެވެ. ރަފީ މަރުވިތާ އެތައް އަހަރެއް ފާއިތުވެފައިވީ ނަމަވެސް މިއަދު ވެސް އޭނާގެ ހަނދާން އާކުރާ ގިނަ ބަޔަކު އެބަ ތިއްބެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް އަކީ އޭގެ ތެރެއިން އެކެކެވެ. ލަތާ އާއި ރަފީ އެކުގައި ގިނަ އަދަދެއްގެ ލަވަތަކެއް ކިޔާފައިވެ އެވެ.


ލަތާ ބުނި ގޮތުގައި ރަފީގެ ދިރުމަކީ މިއުޒިކެވެ. ރަފީ އަކީ އަސްލު އޭނާގެ ބޭބެގެ އެކުވެރިއެއް ކަމަށް ލަތާ ބުންޏެވެ.

"ވަރަށް ގިނަ މީހުން ބުނޭ ރަފީއާ އެކު އަހަރެން ކިޔާފައިވާ ލަވަތައް އެހެން ލަވަކިޔުންތެރިންނާ އެކު ކީ ލަވަތަކަށް ވުރެ މާ ރީއްޗޭ. މުކޭޝް އާއި ކިޝޯރް ކުމާރާ އެކު ކިޔާފައި ހުރި ލަވަތައް ވެސް އަހަރެން ކިޔާފައި ހުންނާނީ ވަރަށް އުފަލުން ހިތްހަމަޖެހިގެން،" ލަތާ ބުންޏެވެ.

"ނަމަވެސް ރަފީގެ އަޑަށް އެގެންނަ ބަދަލުތަކާއި ހަތް ނޯޓްގެ ކޮންޓްރޯލް އޭނާ ގެންގުޅެލާ ގޮތް ވަރަށް ޚާއްސަ. އެހެންވެ އަހަރެމެން ދެ މީހުން ކިޔާފައި ހުރި ލަވަތަކަކީ މިއުޒިކަށް ލޯބިކުރާ މީހުންނަށް ވަރަށް ޚާއްސަ ލަވަތަކަކަށް ވެފައި ވަނީ."

ރަފީ އާއި ލަތާގެ "ކިތުނާ ޕިޔާރާ ވާދާ"

އެ ދެ ލަވަކިޔުންތެރިން ކިޔާފައި ހުރި ލަވަތަކުގެ ތެރެއިން ވެސް ލަތާ އަށް އެންމެ ފާހަގަ ކޮށްލެވެނީ ތާޖް މަހަލްގެ "ޕާއޯން ޗޫ ލޭ ނޭ ދޯ"، އާއި ދިލް ބީ ތޭރާ ހަމް ބީ ތޭރާގެ "ވޮ ޖަބް ޔާދް އާޔޭ"، ލީޑާގެ "އޭކް ޝެހެންޝާހް ނޭ"، އަދި ކާރްވާންގެ "ކިތުނާ ޕިޔާރާ ވާދާ" އެވެ.

މިއީ ހަމައެކަނި މިސާލެއްގެ ގޮތުން ބުނެލި ލަވަތަކެއް ކަމަށެވެ. އަދި ރަފީއާ އެކު ކިޔާފައިވާ ގިނަ އަދަދެއްގެ ލަވަތަކުގެ މިއުޒިކް އެހާ މޮޅުކަމުން ރަފީއާ އެކު އެ ލަވަތައް ކިޔުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ބުންޏެވެ.

"ކިޝޯރް ކުމާރަކީ ރެކޯޑިންގެ ކުރިން ވަރަށް ސަކަރާތްޖަހާ ހަދާ މީހެއް. ނަމަވެސް ރަފީ އަކީ ވަރަށް ސީރިއަސް މިޒާޖެއްގެ މީހެއް. ރަފީ ގިނަ ފަހަރަށް އިންނާނީ ވަރަށް މަޑުމަޑުން. އޭނާ އަކީ ވަރަށް އަދަބު ތަހުޒީބު ހުރި އެއްޗެކޭ ބުނިއްޔާ ނޫނީ ވާހަކަ ދައްކާ އުޅޭ މީހެއް ނޫން،" ރަފީގެ ހަނދާން އާކުރަމުން ލަތާ ބުންޏެވެ.

ލަތާ އާއި ރަފީގެ ލަވަތަކުގެ ތެރެއިން މިހާރު ތާރީޚީ ހަނދާންތަކެއްގެ ގޮތުގައި ބެލެވޭ ރީތި ލަވަތައް ރެކޯޑް ކުރުމުގެ ކުރިން އެ ދެ ލަވަކިޔުންތެރިން އެތައް ގަޑިއިރެއް ލަވައިގެ ރިހާސަލްގައި ހޭދަކުރި އެވެ. ލަަވައިގެ ބަސްތައް ކިޔަވަންވީ ގޮތާއި އަޑަށް ގެންނަން ވީ އިހްސާސްތައް ނިންމުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރި އެވެ.

"ރަފީ މަރުވީ އުމުރުން 50 ގެ އަހަރުތައް ގުނަމުން ދަނިކޮށް. ހަމަ އެގޮތަށް އަހަންނަށް ދެން އެންމެ މަގްބޫލު މުކޭޝް އާއި ކިޝޯރު ކުމާރު ވެސް މަރުވީ 50 ގެ އަހަރުތައް ގުނަމުން ދަނިކޮށް. އަހަރެންގެ ގާތް ގިނަ ލަވަކިޔުންތެރިންތަކެއް ވަރަށް ޅަ އުމުރުގައި ވަނީ މަރުވެފައި،" ލަތާ ބުންޏެވެ.

ލަތާ ބުނި ގޮތުގައި އެ ޒަމާނުގެ ތަރިންގެ ތެރެއިން ދިލިޕް ކުމާރު ބޭނުންވަނީ އޭނާ އުޅޭ ފިލްމުތަކުގެ ލަވަތައް ރަފީ ލައްވާ ކިޔުއްވާށެވެ. ރާޖް ކަޕޫރަށް ރަނގަޅީ މުކޭޝްގެ އަޑެވެ. ނަމަވެސް އޭނާއަށް އެ ދެ ލަވަކިޔުންތެރިން ވެސް އެއްވަރެވެ. ދެ މީހުންނާ ވެސް އޭނާގެ އޮތީ ރަނގަޅު ގުޅުމެކެވެ.

"ކޮންމެ ދުވަހަކު ވެސް އަހަންނާއި ރަފީ ލަވައެއް ރެކޯޑްކުރިން. ބައެއް ދުވަސްދުވަހު ދެ ލަވަ ވެސް ރެކޯޑް ކުރިން،" ލަތާ ބުންޏެވެ.