"ހައްދު" ގެ ޝޯތަކެއް އަނެއްކާވެސް އޮލިމްޕަހުގައި ދައްކަން ނިންމައިފި

ޑައިރެކްޓަރު އަބްދުލް ފައްތާހްގެ އެންމެ ފަހުގެ ފިލްމު "ހައްދު" ގެ ޝޯތަކެއް އަނެއްކާވެސް އޮލިމްޕަހުގައި ދައްކަން ނިންމައިފި އެވެ.


މިދިއަ އަހަރުގެ ސެޕްޓެމްބަރުގައި އެޅުވި ފިލްމުގެ އާ ޝޯތެއް ކުރިއަށް ގެންދަން ނިންމާފައި ވަނީ ޖެނުއަރީ 25 އިން ފެށިގެންނެވެ. އެގޮތުން ޖުމްލަ 10 ޝޯ އަށް އޮލިމްޕަސް ނަގާފައިވާ އިރު، އަންނަ ޖެނުއަރީ 5 އިން ފެށިގެން ޓިކެޓް ވިއްކަން ފަށާނެ އެވެ.

"ހައްދު" އާ މިހާރު ހަވާލުވެ ހުރި އަދި ފިލްމުގެ ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) ބުނީ ތަރުހީބު ލިބޭ ވަރަކުން ޝޯތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ލޯބީގެ އަސަރު ގަދަ ފިލްމު އަލުން އޮލިމްޕަހަށް ގެންނަ އިރު، ކުރިން ފިލްމުން ނުފެންނަ މަންޒަރުތަކެއް ވެސް ހިމެނުން އެކަށީގެންވާ ކަމަށެވެ.

"އަލުން އަޅުވާ އިރު، އެކަހަލަ ޗޭންޖަސްތަކެއް ފެނި ވެސް ދާނެ،" ކަނޑި ބުންޏެވެ.

ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވި އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ ލީޑް ރޯލް ކުޅެފައިވާ "ހައްދު" އޮލިމްޕަހަށް ގެންނަ އިރު، މި ފިލްމުގެ ޖުމްލަ 54 ޝޯ މާލެ ސަރަހައްދުގައި ދައްކާފައިވެ އެވެ. އަދި މިހާތަނަށް 89 ރަށަކާއި 10 ރިސޯޓެއްގައި ވެސް ފިލްމު ވަނީ ދައްކައިފަ އެވެ.

ކަނޑި ބުނީ ރަށްރަށުން އެދޭ ނަމަ ފިލްމު ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އަހަރެމެންގެ ރިސޯސް ވެސް ހުރި ގޮތުންނާ އެކު ހުރިހާ ދިމާއަކަށް އިތުބާރު ކުރެވޭ ވަރުގެ މީހުން ފޮނުވައިގެން ފިލްމު ދެއްކުމަކީ ތަންކޮޅެއް އުނދަގޫ ކަމެއް. އެކަމަކު ރަށްރަށުން ރިކްއެސްޓް އަންނަ ކަމަށް ވަންޏާ އެ ދިމަދިމާލަށް އަހަރެމެންގެ ޓީމުގެ މީހުން ފޮނުވައިގެން ފިލްމު އަޅުވައި ދޭނަން،" އޭނާ ބުންޏެވެ.

"ހައްދު" ގެ ޓްރެއިލާއެއް.

ފައްތާހްގެ 12 ވަނަ ފީޗާ ފިލްމު "ހައްދު" އަކީ މި އަހަރު އެޅުވި ހަތް ހަ ވަނަ ފިލްމެވެ. އަދި މި ފިލްމުގެ ޕްރިމިއާތަކެއް މާލޭގެ އިތުރުން އައްޑު އާއި ހދ. ކުޅުދުއްފުށިީގައި ވެސް ވަރަށް ކުލަގަދަކޮށް ބޭއްވި އެވެ.

ފައްތާހް "ހައްދު" ސިފަކޮށްފައި ވަނީ އޭނާގެ އެންމެ ފުރިހަމަ، ރީތި އަދި މޮޅު ފިލްމުގެ ގޮތުގަ އެވެ.