"މޮހެންޖޯ ދަރޯ"ގެ ބަތަލާއަށް ޑައިރެކްޓަރުގެ ތައުރީފު

ރިތިކް ރޯޝަންއާ އެކު ފުރަތަމަ ފިލްމު ކުޅެލަން ލިބުމަކީ ކޮންމެ ބަތަލާއެއްގެ ވެސް ހުވަފެނެކެވެ. ރިތިކްގެ އެންމެ އަވަހަށް ރިލިޒްވާ ފިލްމު "މޮހެންޖޯ ދަރޯ"ގެ ބަތަލާ ޕޫޖާ ހެގްޅޭ އަށް ވަނީ މި ހުވަފެން ހަގީގަތަކަށް ވެފަ އެވެ.


ފިލްމުގެ ޑައިރެކްޓަރު އަޝޫތޯޝް ގޮވަރިކަރް ބުނާ ގޮތުގައި "މޮހެންޖޯ ދަރޯ"ގެ ޗާނީ ގެ ރޯލަށް ޕޫޖާ ވަރުގެ ބަތަލާއެއް ނެތެވެ. ޕޫޖާ އެ ރޯލަށް ވަރަށް ފުރިހަމަ ކަމަށް ޑައިރެކްޓަރު ގަބޫލުކުރެ އެވެ.

އަޝޫތޯޝް ބުނި ގޮތުގައި ފިލްމުގެ ސްކްރިޕްޓް ލިޔަމުން ދިޔައިރު ވެސް އޭނާގެ ޚިޔާލުގައި ވަނީ ބަތަލާގެ ރޯލަށް މުޅީން އާ އެކްޓަރެއް ހޯދުމެވެ.

އެ ރޯލަށް ޕޫޖާ ހޮވި ގޮތް ކިޔައިދެމުން އަޝޫތޯޝް ބުނެފައިވާ ގޮތުގައި ޕޫޖާ ފުރަތަމަ ފެނުނީ ޓީވީން ދެއްކި އިޝްތިހާރަކުން އޭނާގެ އަންހެނުން ސުނީތާ އަށެވެ. އަދި ޚުދް އޭނާވެސް އެ އިޝްތިހާރު ބަލާފައި ޕޫޖާ ގެ ހިތްދަމައިގަންނަ ސިފަތަކެއް ހުރި ކަމަށް ގަބޫލުކުރި އެވެ. ވަގުތުން އެމީހުން ޕޫޖާއަށް ގުޅައިގެން ގެނެސް އޮޑިޝަން ހެދި އެވެ. އެމީހުންގެ އުންމީދުތަކާ އެއްގޮތަށް ޕޫޖާ އޮޑިޝަންގައި ވެސް ވަރަށް މޮޅަށް އޭނާގެ ހުނަރު ދައްކާލި އެވެ.

"މޮހެންޖޯ ދަރޯ"ގެ "ތޫ ހެއި"

މި ފިލްމަށް އޭ.އާރް. ރަހްމާން ކިޔައިދިފައިވާ ރިތިކް އާއި ޕޫޖާ ހަރަކާތްތެރިވާ ވަރަށް ރޮމެންޓިކް ލަވައެއް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. ލަވަ ބަލާލުމުން ވެސް ޕޫޖާއަކީ އާދައިގެ ބަތަލާއެއް ނޫންކަން ހާމަވެ އެވެ. އަދި ރިތިކް އާއި ޕޫޖާގެ ކެމިސްޓްރީ ވެސް ވަރަށް ރަނގަޅު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ޕޫޖާ ރަސްމީކޮށް ނޫސްވެރިންނަށާއި ބެލުންތެރިންނަށް ތައާރަފްކޮށްދިނުމަށް ޚާއްސަ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިވެންޓުގައި ޕޫޖާ ތައާރަފްކޮށްދޭނީ ރިތިކް އެވެ.

އިންޑަސް ވެލީގެ ޒަމާނުގައި ހިނގައި ދިޔަ ލޯބީގެ ހާދިސާއަކަށް އުފައްދާ މި ފިލްމުގެ ޕްރޮޑިސަރުންނަކީ ސިދާރްތު ރޯއި ކަޕޫރާއި ސުނީތާ ގޮވަރިކަރް އެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އޮގަސްޓް 12 ވަނަ ދުވަހު އެވެ.