އައިޝްވަރިޔާ އާއި އަބީޝެކް އަމީތާބުގެ ގެއިން ދިއުމުގެ ވިސްނުމެއް ނެތް

އަމީތާބު ބައްޗަންގެ "ޖަލްސާ" ބަންގްލޯ ދޫކޮށް އަބީޝެކް ބައްޗަން އާއި އަންހެނުން އައިޝްވަރިޔާ ރާއީ އެމީހުންގެ ދަރިފުޅު ގޮވައިގެން އެހެން ގެއަކަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.


އައިޝްވަރިޔާ އާއި މައިދައިތަ ޖާޔާ ބައްޗަންގެ ގުޅުން ރަނގަޅު ނޫން ވާހަކަ އާއި އައިޝްވަރިޔާ އާއި އޭނާގެ ފަހަރި ޝްވޭތާ ނަންދާގެ ގުޅުން ވެސް ގޯސް ވެފައިވާ ކަމަށް އަޑުތައް އަރާފައިވެ އެވެ.

މި ޚަބަރުތައް އިތުރަށް ހޫނުވީ ވަރަށް އަގުބޮޑު ގެއެއް ދާދިފަހުން އައިޝްވަރިޔާ އާއި އަބީޝެކް މުމްބައިގެ މުއްސަނދިން އުޅޭ ހިސާބަކުން ގަތުމުންނެވެ. ނަމަވެސް ބައްޗަން އާއިލާގެ ގާތް މީހަކު ބުނި ގޮތުގައި އެ ދެމަފިރިން އަމީތާބުގެ ގެއިން ނުކުންނާކަށް ނޫޅެ އެވެ. ފަހުން ގަނެފައިވާ ބަންގްލޯ އަކީ އެމީހުން ބޭނުންކުރަން ގަނެފައިވާ ތަނެއް ނޫން ކަމަށާއި އެއީ ފައިސާ އިންވެސްޓްކުރުމުގެ ގޮތުން ހޯދި ތަނެއް ކަމަށް ވެސް ބުންޏެވެ.

ބައްޗަން އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މައިންބަފައިން ދޫކޮށްލާފައި ދާވަރަށް ވުރެ އަބީޝެކް އޭނާގެ މައިންބަފައިން ދެކެ ލޯބިވެ އެވެ. އަދި ގުޅުން ވެސް ވަރަށް ރަނގަޅެވެ.

އަބީޝެކް އާއި ކަރިޝްމާ ކަޕޫރު 2002 ގައި އެންގޭޖްވެ ކައިވެނިކުރަން ތައްޔާރުވަމުން ގޮސް ވަކި ހިސާބަކުން ކައިވެނި ނުކުރަން ނިންމީ ވެސް ކައިވެނީގެ ފަހުން ވަކިން ގެއެއް ގަނެގެން އެ ތަނުގައި ދިރިއުޅެން ކަރިޝްމާ ދިން ޚިޔާލު އަބީޝެކަށް ކަމުނުގޮސްގެންނެވެ. އަދި އައިޝްވަރިޔާ އަށް އަބީޝެކް އެހާ ބޮޑަށް ރުހުނީ ވެސް އައިޝްވަރިޔާ އޭނާގެ މައިންބަފައިންނާ އޮންނަ ގުޅުން ރަނގަޅު ކަމުންނެވެ.

އައިޝްވަރިޔާ އާއި އަބީޝެކް ކައިވެނި ކުރަން އަމީތާބުގެ ޖަލްސާ ބަންގްލޯގައި ވަކިން އުޅެވޭ ގޮތަށް އެހެން ބައެއް އިމާރާތް ކޮށްފައިވެ އެވެ. އަމީތާބާއި އަންހެނުން ޖާޔާ ދިރިއުޅޭ ބަޔާއި އަބީޝެކްގެ ދެމަފިރިން ދިރިއުޅޭ ބައި ގުޅިފައި ވަނީ ގޭގެ ސިޓިން ރޫމަށް އޮންނަ އޭރިޔާއިންނެވެ. އެހެންކަމުން އެއް ބަޔަކު އަނެއް ބަޔަކާ މާ ބޮޑަށް އުނދަގޫ ކުރުމެއް ނެތި އެމީހުންނަށް އުޅެވޭނެ ގޮތް ވަނީ ހަމަޖެހިފަ އެވެ.

އައިޝްވަރިޔާ އާއި އަބީޝެކް ގަނެފައިވާ އިތުރު ގެއެއް ވެސް މުމްބައިގައި ހުރެ އެވެ. އަދި ޑުބާއީގެ މަޝްހޫރު ހިސާބަކުން ވެސް އެމީހުން ވަރަށް ބޮޑު ބަންގްލޯ އެއް ގަނެފައިވެ އެވެ.