ނާގިން 3: ލީޑް ރޯލަށް ޕާލް ޕޫރީ އާއި ސުރުބީ ޖޯތީ

ކަލާޒް ޗެނަލުން ދައްކާ "ނާގިން" ސީރީޒްގެ ތިން ވަނަ ސީޒަންގެ މުހިއްމު ރޯލުތައް އަދާކުރާ ތަރިންނާ ބެހޭ ގޮތުން ތަފާތު އަޑުތައް އަންނަނީ ފެތުރެމުންނެވެ. ޝޯގެ ލީޑް ރޯލަށް ސަންޖީދާ ޝޭޚް ހަމަޖެހުނު ވާހަކަތަކެއް ވެސް ދެއްކި އެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ކުރީ ދެ ސީޒަންގައި މޯނީ ރޯއީ އަދާކުރި ރޯލު މިފަހަރު އަދާކުރާނީ ސުރުބީ ޖޯތީ އެވެ. އަދި މިފަހަރު ބަތަލުގެ ބައި ކުޅެން ހަމަޖެހިފައިވަނީ ޕާލް ޕޫރީ އެވެ.


ޕާލް އަކީ ކުރިން ވެސް "ނާގަރުޖުނާ" ގައި ވެސް ހަރުފައެއްގެ ރޯލު ކުޅެފައިވާ އެކްޓަރެކެވެ.

ޝޯގައި ބައިވެރިވާ އިތުރު އެކްޓަރުންގެ ތެރޭގައި ކަރިޝްމާ ތަންނާ އާއި އަނީތާ ހަސަނަންދާނީ ހިމެނެ އެވެ. ނަމަވެސް ކަރިޝްމާ ބައިވެރިވަނީ ފުރަތަމަ ދެ ތިން އެޕިސޯޑެއްގައި އެކަންޏެވެ. ކުރީ ސީޒަންތަކުގައި ބަތަލުގެ ރޯލު އަދާކުރި ކަރަންވީރް ބޮހްރާ ވެސް މިފަހަރުގެ ޝޯގެ ފުރަތަމަ ދެ ތިން އެޕިސޯޑެއްގައި ބައިވެރިވާނެ އެވެ. އެކަމަކު މި ފަހަރުގެ ޝޯގެ ބަތަލަކީ ޕާލް ޕޫރީ އެވެ. ސުރުބީގެ ކެރެކްޓާގެ ލޯބިވެރިޔާގެ ރޯލު ކުޅޭނީ ޕާލް އެވެ.

"ނާގިން 3"ގެ ޕްރޮމޯޝަން މިހާރު ކަލާޒް އިން ވަނީ ފަށައިފަ އެވެ. ކުރީގެ ސީޒަންތަކުގެ ބައެއް ދެކެ ފަރިތަ މޫނުތަކާއި އާ މޫނުތަކާ އެކު "ނާގިން 3" ފަށާނީ ފެބްރުއަރީ މަހު އެވެ.

އެކްތާ ކަޕޫރުގެ ބާލާޖީން ޕްރޮޑިއުސްކުރާ "ނާގިން" އަކީ އިންޑިއާގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯއެކެވެ. މިހާތަނަށް "ނާގިން"ގެ ދެ ސީޒަން ދައްކާފައި ވާއިރު އަބަދުވެސް މި ޝޯ ޓެލެވިޒަން ރޭޓިން ޕޮއިންޓްސް (ޓީއާރުޕީ) ޗާޓުގެ އެއްވަނަ ހޯދާފައިވެ އެވެ.