އަނުޝްކާ ޝަރުމާގެ "ޕަރީ" ވަރަށް ބިރުވެރި

އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކޮށް އޭނާ ބަތަލާގެ ރޯލު އަދާކުރާ "ޕަރީ" އަކީ ވަރަށް ބިރުވެރި ފިލްމެއްކަން ފިލްމުގެ ފުރަތަމަ އިޝްތިހާރުން ވެސް ޔަގީން ވެއްޖެ އެވެ. ކުރިން މި ފިލްމު ރިލީޒްކުރަން އޮތީ ފެބްރުއަރީ 9 ވަނަ ދުވަހު ނަމަވެސް މިހާރު ވަނީ މާޗް ދެ ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ބަދަލުކޮށްފަ އެވެ. މިއީ "ޕަދްމާވަތު" ރިލީޒްކުރުން ފަސްކޮށްލުމުން ކުރި ކަމެއް ކަމަށް ބެލެވެ އެވެ.


މި ފިލްމަކީ ބިރުގަންނަ މީހުންނަށް އެއްގޮތަކަށް ވެސް ބަލަން ކެރޭނެ ފިލްމެއްހެން ހިއެއް ނުވެ އެވެ.

"ޕަރީ"ގެ ފުރަތަމަ ދައްކާލުން

"ޕަރީ" އަކީ އަނުޝްކާގެ "ކްލީން ސްލޭޓް ފިލްމްސް" އިން އުފައްދާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން މި ކުންފުނިން އުފައްދާފައި ވަނީ "އެންއެޗް10" އާއި މިދިޔަ އަހަރު ނެރުނު "ފިއްލޯރީ" އެވެ.

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީއާ މިދިޔަ މަހު ކައިވެނިކޮށް ދިގު ޗުއްޓީ އެއް ހޭދަކުރުމަށްފަހު އަނުޝްކާ ވަނީ މި ހަފުތާ ތެރޭގައި އަލުން ފިލްމީ މަސައްކަތަށް ނުކުމެފަ އެވެ. އެގޮތުން އޭނާ ވަނީ ޝާހްރުކް ޚާނާއެކު "ޒީރޯ"ގެ ޝޫޓިން ފަށާފަ އެވެ.