ބޮލީވުޑް 2017: 286 ފިލްމުން ހިޓްވީ އެންމެ 14 ފިލްމު

މިދިޔަ އަހަރަކީ ބޮލީވުޑްގެ ތާރީޚުގައި ވެސް ފާހަގަ ކޮށްލެވޭ ވަރުގެ ނާކާމިޔާބު އަހަރެކެވެ. ބްލޮކްބަސްޓާތައް ދެމުންދިޔަ ސުޕަސްޓާރުންގެ ފިލްމުތައް ސްކްރިޕްޓްތަކުގެ ދެރަކަމުންނާއި އެކްޓިން ފީކަޅާކަމުން އަދި ރަނގަޅަށް ނިންމަން ނޭނގުމުގެ ސަބަބުން ފްލޮޕްވި އެވެ. މިފަދަ ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ "ޖަބް ހެރީ މެޓް ސޭޖަލް" އާއި ސަލްމާން ޚާންގެ "ޓިއުބުލައިޓް" ހިމެނެ އެވެ.


އާމިރު ޚާންގެ "ދަންގަލް" ރިލީޒްވީ 2016ގެ ޑިސެމްބަރުގަ އެވެ. މިދިޔަ އަހަރު ނުކުތީ އޭނާ މެހެމާން ރޯލެއް ކުޅެފައިވާ "ސީކްރެޓް ސުޕަސްޓާ" އެކަންޏެވެ.

ހިންދީ ފިލްމު އިންޑަސްޓްރީއަށް ކިރިޔާވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ސަލްމާންގެ "ޓައިގާ ޒިންދާ ހޭ" އަށް ލިބެމުންދާ ބޮޑު ކާމިޔާބުންނެވެ. އެހެން ނޫން ނަމަ މިދިޔަ އަހަރު ބެލޭނީ ބޮލީވުޑް ތާރީޚުގައި ވެސް އެންމެ ނާކާމިޔާބު އަހަރުތަކުގެ ތެރެއިން އަހަރެއްގެ ގޮތުގަ އެވެ.

މިދިޔަ އަހަރު 286 ފިލްމު ރިލީޒްކުރި އެވެ. އެއީ 219 ހިންދީ ފިލްމާއި ޑަބްކޮށްފައިވާ 59 ފިލްމު އަދި އެނިމޭޝަން ފިލްމަކާއި ޑަބްކޮށްފައިވާ ހަތަރު އެނިމޭޝަން ފިލްމާއި އިނގިރޭސި ތިން ފިލްމެވެ. ރިލީޒްކުރި 286 ފިލްމުގެ ތެރެއިން ހިޓް އަދި ސެމީ-ހިޓް ވީ އެންމެ 14 ފިލްމެވެ. މީގެ އިތުރުން ޚަރަދު ފޫބެދުނީ އެންމެ 15 ފިލްމެއްގެ އެވެ. ބާކީ އޮތް 257 ފިލްމު ވީ ފްލޮޕެވެ.

އެހެންކަމުން ހިންދީ ފިލްމު ބަލަން ލޯބިކުރާ މީހުންގެ ރަހަތައް ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ހިންދީ ފިލްމު އުފައްދާ މީހުން ގަބޫލުކުރަން ޖެހިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މިދިޔަ އަހަރު އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ "ބަހޫބަލީ 2" އެވެ. ކަން ދިމާކުރި ގޮތުން މިއީ ވެސް ޑަބްކޮށްފައިވާ ފިލްމެކެވެ. ސުޕަ-ޑުޕަ ހިޓަކަށް ވީ "ޓައިގާ ޒިންދާ ހޭ" އެކަންޏެވެ. "ގޯލްމާލް އެގެއިން" އަކީ ސުޕަހިޓަށް ވީއިރު "ބަދުރީނާތު ކީ ދުލްހަނިޔާ" އާއި "ސީކްރެޓް ސުޕަސްޓާ" އަށް ލިބުނީ ހިޓެއްގެ މަގާމެވެ.

ސެމީ-ހިޓް ފިލްމުތަކުގެ ތެރޭގައި އޮތީ ހިންދީ މީޑިއަމް، ޖޮލީ އެލްއެލްބީ2، ޓޮއިލެޓް: އޭކް ޕްރޭމް ކަތާ، ޖުޅްވާ 2، ފުކްރޭ ރިޓާންސް އަދި ފާސްޓް އެންޑް ފިއުރިއަސް 8 (ޑަބްކޮށްފައިވާ) އެވެ.

ކުރި ޚަރަދު ބަޗައި ފައިދާވީ ފިލްމުތަކުގެ ތެރޭގައި ދަ ގާޒީ އެޓޭކް، ބަރީލޭ ކީ ބަރްފީ، ޝުބް މަންގަލް ސާވްދާން، ނިއުޓަން އަދި ތޯ: ރަގްނަރޮކް (ޑަބްކޮށްފައިވާ) އެވެ.

ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބުނީ ލިޕްސްޓިކް އަންޑަ މައި ބުރުގާ، އިއްތިފާގު، ތުމްހާރީ ސޫލޫ، އަނަބެލޭ: ކްރިއޭޝަން (ޑަބްކޮށްފައިވާ)، ކިންގްސްމަން: ދަ ގޯލްޑަން ސާކަލް (ޑަބްކޮށްފައިވާ)، ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް (ޑަބްކޮށްފައިވާ)

ކޮމިޝަނެއް ލިބުނު ފިލްމުތަކުގެ ތެރޭގައި ރައީސް، މޮމް، މުބާރަކަން، ލޯގަން (ޑަބްކޮށްފައިވާ)، ކޮންގް (ޑަބްކޮށްފައިވާ)، ސްޕައިޑަ-މޭން: ހޯމްކަމިން (ޑަބްކޮށްފައިވާ)

އެވްރެޖް ފިލްމުތަކުގެ ތެރޭގައި ހިމެނުނީ ސަޗިން: އަ ބިލިއަން ޑްރީމް އެވެ. ބާކީ ހުރި ހުރިހާ ފިލްމުތައް ފްލޮޕްވެ ފިލްމު އުފެއްދި ފަރާތަކަށް ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ.