ރިތިކްގެ އުފަން ދުވަހު ބައްޕަ ދިން ހަދިޔާއަކީ "ކްރިޝް 4"

ރިތިކް ރޯޝަންގެ އެތައް ހާސް ފޭނުންނެއް ޖެނުއަރީ 10 ވަނަ ދުވަހު ވަނީ އޭނާގެ 44 ވަނަ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. މި މުނާސަބަތުގައި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ވަނީ ދަރިފުޅުގެ ފޭނުންނަށް ވަރަށް ވަރުގަދަ ހަދިޔާއެއް ދީފަ އެވެ. އެއީ "ކްރިޝް 4" އެވެ.


ރިތިކްގެ އުފަން ދުވަހު ރާކޭޝް ކުރި ޓުވީޓެއްގައި "ކްރިޝް 4" ރިލިޒްކުރާ ތާރީޚު އިއުލާން ކުރަން މިއަށް ވުރެ ރަނގަޅު ދުވަހެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ. އަދި ފިލްމު ރިލީޒްކުރާނީ 2020ގެ ޑިސެމްބަރުގައި ކަމަށް ވެސް ބުންޏެވެ. އަދި މިއީ ރިތިކްގެ އުފަން ދުވަހާ ގުޅުވައިގެން އެންމެންނަށް ކުރާ ހަދިޔާއެއް ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

"ކްރިޝް 4" ރިލީޒްކުރަން އަދި ދެ އަހަރު އެބައޮތެވެ. ނަމަވެސް "ކްރިޝް" ސިލްސިލާގެ ހަތަރު ވަނަ ފިލްމު ހަގީގަތުގައި ވެސް ވުޖޫދަށް އަންނާނެކަން އެނގުމަކީ ވެސް ރިތިކްގެ ސަޕޯޓަރުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

ފިލްމުގެ ބަތަލާއަކު އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ހޯދަމުން އަންނަނީ "ވޮންޑަ ވުމަން" ކަހަލަ ރޯލެއް އިތުބާރާއެކު ކުޅެލެވޭ ކަހަލަ ބަތަލާއެއް ކަމަށްވެ އެވެ. ވަރަށް ގިނަ ބަތަލާއިންގެ ނަންތައް މިހާރުވެސް ފިލްމާ ގުޅުވައިގެން އަޑު އިވެމުން ދެ އެވެ. ދީޕިކާ ޕަދުކޯން ނުވަތަ ޕްރިޔަންކާ ޗޯޕްރާ އަށް ބަތަލާގެ ރޯލު ދޭން އުޅޭ ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ.

ރާކޭޝް ރޯޝަން ކުރިން ބުނެފައި ވަނީ އަދި އެމީހުން ކުރަމުންދަނީ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކަމަށެވެ. އަދި ބަތަލާއަކު ހޯދާ ހިސާބަށް ނުދާ ކަމަށް ވެސް އޭރު ބުންޏެވެ.

ރާކޭޝް ރޯޝަންގެ ޓުވީޓެއް

ފިލްމާ ގުޅޭ ގޮތުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ފިލްމުގެ ނުބައި ބަޔަށް ހަމަޖައްސަން ނިންމާފައިވަނީ ނަވާޒުއްދީން ސިއްދީގީ އެވެ.

"ކްރިޝް 4ގެ ޓީމުން މިހާރު ވަނީ ނުބައިބައި ރޯލަށް މީހަކު ހޯދުމުގެ މަސައްކަތް ފަށާފައި. އެމީހަކު ވާން ޖެހޭނީ ރިތިކް އާ ހަށިގަނޑުގެ ގޮތުން ވެސް އަދި ބާރުގެ ގޮތުން ވެސް ސިކުނޑީގެ ގޮތުން ވެސް ގޮންޖެހޭ ފަދަ އެކްޓަރަކަށް،" އެ މީހާ ބުންޏެވެ.

ރާކޭޝް ރޯޝަން އާއި އޭނާގެ ޓީމުން މަސައްކަތް ކުރަމުން އަންނަނީ "ކްރިޝް" ސިލްސިލާގެ މީގެ ކުރިން ނުކުތް ތިން ފިލްމަށް ވުރެ ރަނގަޅު ފިލްމެއް އުފެއްދުމަށެވެ.