ސޯނަމް ކަޕޫރު ވެސް ސިއްރުން ކައިވެނިކުރަނީތަ؟

ސޯނަމް ކަޕޫރު އޭނާގެ ލޯބިވެރިޔާ އާނަންދް އަހޫޖާގެ ވާހަކަ މީޑިއާ އަކު ނުދައްކަ އެވެ. ނަމަވެސް ސޯނަމާއި އާނަންދް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއް މިހާރު ވަނީ އަރައިފަ އެވެ. ބައެއް މީޑިއާތަކުން ބުނަނީ އޭޕްރީލް މަހަށް ކައިވެނި ހަމަޖެހިފައިވާ ކަމަށެވެ. ފެބްރުއަރީ މަހު ކައިވެނި ކުރާނެ ކަމަށް ބުނާ ރިޕޯޓްތަކެއް ވެސް އެބަ އުޅެ އެވެ.


މިއީ ހަގީގީ ވާހަކަތަކެއް ކަމަށް ބާރު ލިބޭ ވަރަށް ގިނަ ކަންތައްތައް ވެސް މިހާރު އެބަ ފެނެ އެވެ. އެގޮތުން އާނަންދްގެ މަންމައާ އެކު ސޯނަމް ގަހަނާ ފިހާރަތަކުން ރަން ގަންނަން އުޅެނިކޮށް ވަނީ ފެނިފަ އެވެ. އެހެންވެ މިހާރު ގިނަ މީހުން ބުނަނީ އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީ އާއި ފިލްމީ ބަތަލާ އަނުޝްކާ ޝަރުމާ ގޮތަށް ސިއްރުން ކައިވެނިކޮށްފައި އިއުލާންކުރަން ސޯނަމް ވެސް ރާވާފައި އޮތީ ކަމަށް ވެދާނެ ކަމަށެވެ.

ކައިވެންޏާ ބެހޭ ގޮތުން ސޯނަމްއާ ސުވާލުކުރާ ކޮންމެ ފަހަރަކު ވެސް ބުނަނީ ފިލްމު ކުޅެން ފެށި ފަހުން ޒާތީ ދިރިއުޅުމުގެ ވާހަކަތައް މީޑިއާގައި ދައްކާފައި ނުވާނެ ކަމަށެވެ.

"ފެބްރުއަރީ އާއި މާޗް މަހު އަހަރެން އުޅޭނީ ބައްޕަ އަނިލް ކަޕޫރާ އެކު ކުޅޭ ވިއްދޫ ވިނޯދް ޗޯޕްރާގެ އާ ފިލްމުގެ މަސައްކަތުގައި. އެހެންވީމާ އެހެންކަމެއް ކުރާނެ ވަގުތު ކޮބާ؟" ކައިވެންޏާ ބެހޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ސޯނަމް ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސޯނަމް އާއި އޭނާގެ ވާން އުޅޭ މައިދައިތަ ވިޔަފާރިކުރީ އަލަށް ކައިވެނިކުރާ މީހުންނަށް ހާއްސަކޮށް ގަހަގާ ވިއްކާ ތަނަކުންނެވެ.