ޕެޓެއްގެ ގޮތުގައި މަކުނެއް ގެންގުޅޭތީ ކްރިސް ބްރައުން ޖަލަށް ދާން ޖެހިދާނެ

ހުއްދަ ނުނަގައި، އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ކްރިސް ބްރައުން ޕެޓެއްގެ ގޮތުގައި ރާމާމަކުނެއް ގެންގުޅޭ މައްސަލަ ހޫނުވެ، އޭނާ ގާނޫނީ ގޮޅިއަކަށް ފެތިދާނެ ކަމުގެ ބިރުބޮޑުވެއްޖެ އެވެ.


ކެލިފޯނިއާގައި ދިރިއުޅޭ 28 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ އޭނާ "ފިޖީ" ގެ ނަން ދީގެން ގެންގުޅޭ މަކުނުގެ ފޮޓޯތަކެއް މިދިޔަ މަހުގެ ތެރޭގައި އިސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. މިކަމާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެ، ވަރަށް ގިނަ ބަޔަކު އޭނާއާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅަން ވެސް ވަނީ ގޮވާލައިފަ އެވެ.

ކެލިފޯނިއާގެ ގާނޫނުތައް ބުނާ ގޮތުން ހުއްދަ ނެތި އޮޅުކޮށްގެން މަކުނު ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި ޕެޓެއްގެ ގޮތުގައި މަކުނެއް ގެންގުޅޭ ނަމަ އެކަމަށް ހާއްސަ ހުއްދައެއް ނަގަން ޖެހެ އެވެ.

ކްރިސް ބްރައުން ގެންގުޅޭ މަކުނު "ފިޖީ"

އެހެންވެ ބްރައުންގެ ފަރާތުން ފެންމަތިވި މައްސަލައާ އެކު، ފިޝް އެންޑް ވައިޑްލައިފުން ވަނީ އޭނާއާ ދެކޮޅަށް ދައުވާ ކުރަން ނިންމައި މައްސަލަ ލޮސް އެންޖަލިސްގެ ސިޓީ އެޓާނީ އަށް މިހާރު ހުށަހަޅައިފަ އެވެ.

މި މައްސަލާގައި އޭނާގެ ފަރާތުން އެއްބާރުލުން ނުލިބި، ޝަރީއަތަކާ ހަމައަށް ދާން ޖެހިއްޖެ ނަމަ ކްރިސް އަށް ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިދާނެ ކަމުގެ ބިރު އެބަ އޮތެވެ. އަމަލު ހުންނަ ގޮތުން ކްރިސްއަކީ އަބަދު ވެސް ކޮންމެވެސް މައްސަލަގަނޑެއްގެ ތެރޭގައި އުޅެން ޖެހޭ ފަންނާނެކެވެ.

މިކަމާ ގުޅިގެން ކްރިސްގެ ވަކީލު މާކް ޖެރަގޮޒް ބުނީ މަކުނެއްގެ ކަންތައްގަނޑަކާ އުޅުމަށް ވުރެ، ކެލިފޯނިއާގައި ހައްލު ކުރަން ޖެހޭ މައްސަލަތައް ބައިވަރު ކަމަށެވެ. އަދި ސިޓީން އެޓާނީން އެފަދަ ކަންކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުންޏެވެ.