"ދެވަންސޫރަ"ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

މި އަހަރު އޮލިމްޕަހުގައި އަޅުވާ ފުރަތަމަ ފިލްމް "ދެވަންސޫރަ" ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.


ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފިލްމްގެ ޓީމުން ބުނީ އާންމުކޮށް އޮލިމްޕަހުން ޓިކެޓް ވިއްކާ ގަޑިތަކުގައި މިހާރު ޓިކެޓް ވިއްކަމުންދާ ކަމަށެވެ. ފިލްމްގެ ޓިކެޓް ވިއްކަން ފެށީ، ޓިކެޓް ބުކްކޮށް ދިނުން ވެސް ކުރިއަށްދާތާ ދުވަސްކޮޅެއް ފަހުންނެވެ.

"ދެވަންސޫރަ" ގެ 15 ޝޯ އޮލިމްޕަހުގައި ދައްކަން ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވެސް ފިލްމް އަންނަ މަހު އަޅުވަން ފްލޭންކޮށްފައިވެ އެވެ.

"އަޅުގަނޑުމެން އެބަ ބަލަން ހާއްސަކޮށް އާބާދީ ބޮޑެތި ބައެއް އަތޮޅުތަކުގައި މާލޭގައި ފިލްމް ޕްރިމިއާ ކުރާ ހަފުތާ ތެރޭގައި ވެސް ދައްކަން،" ފިލްމްގައި ފުލުހެއްގެ ރޯލް ކުޅެފައިވާ އެކްޓަރު މުހައްމަދު ފައިސަލް ބުންޏެވެ.

އޭނާ ބުނީ "ދެވަންސޫރަ" ޓީމްގެ އަމާޒަކީ ވީހާ ވެސް ގިނަ ރަރަށުގައި ފިލްމް ދެއްކުން ކަމަށެވެ.

މި ފިލްމަކީ ސިއްރު މަރެއްގެ ހަގީގަތާ ހަމައަށް ދާން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ސަސްޕެންސް ތުރިލާއެކެވެ.

"ދެވަންސޫރަ" ގެ ޓްރެއިލާ.

ޔޫއްޕެ އާއި ފައިސަލްގެ އިތުރުން "ދެވަންސޫރަ" ގެ ކާސްޓުންގެ ތެރޭގައި ފާތުމަތު އާޒިފާ (އަޒޫ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު ސައީދު، އަލީ އާޒިމް (ދޮންއައްޔަ)، އަލީ ޝަޒްލީމް، އިބްރާހީމް ޖިހާދު (ޖިމީ)، ޖާދުﷲ އިސްމާއީލް (ޖާދު)، އަދި އަހުމަދު އީސަ (އާނަންދު) ފަދަ ތަރިން ހިމެނެ އެވެ.

މި ތަރިންނާ އެކު ފިލްމްގެ ލީޑް ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ އަލަށް ތައާރަފުވާ މަރިޔަމް ޝިފާ އެވެ