"ޕަރީ" ލަވައިން ބައްޕައަކާއި ދަރިއެއްގެ ގުޅުން

ޑާކް ރެއިން އެންޓަޓައިންމަންޓުން މާޗް 5 ގައި ރިލީޒް ކުރާ ފިލްމް "ވަކިން ލޯބިން" ގެ އެއް ލަވަ ބެލުންތެރިންނަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ޕްރޮމޯޝަނަލް މި ލަވައަކީ ބޭންޑް އިކްއޭޓިކް ވައިބްގެ ލަވަކިޔުންތެރިޔާ މުހައްމަދު ޝައްމޫން (ޝައްމު) ކިޔާފައިވާ ލަވައެކެވެ.


"ޕަރީ" ގެ ނަން ދީފައިވާ ލަވާގައި ލަވަ ކިޔުންތެރިޔާ އާއި ފިލްމްގެ ބައެއް މަންޒަރުތައް ވެސް ހިމެނެ އެވެ. މި ލަވައިން ދައްކުވައި ދެނީ ބައްޕައަކާއި ތުއްތު ދަރިއެއްގެ ގުޅުމެވެ.

އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ "ވަކިން ލޯބިން" އަކީ ފެމިލީ ޑްރާމާއެކެވެ. އެހެންވެ "ޕަރީ" ލަވައިން ވެސް މިއޮތީ ފިލްމްގެ ވާހަކައިގެ ތަސައްވުރެއް ވެސް ހިއްސާކޮށް ދީފަ އެވެ.

މި ފިލްމްގެ މައިގަނޑު ވާހަކައަކީ ވަރިފަށަށް އަރާ ޒުވާން ދެމަފިރިއެއްގެ ވާހަކަ އެވެ. "ޕަރީ" ލަވައިން ފެންނަ ގޮތަށް އެކަނިވެރި ބައްޕައަކާއި ދަރިއަކާ ދޭތެރޭ އޮންނަ ގުޅުމާ އެކު، އިޝްގީ ލޯތްބާއި އާއިލީ ގުޅުން ވެސް ފިލްމުން ފެނިގެން ދާނެ ކަމަށް ބެލެވެ އެވެ.

"ވަކިން ލޯބިން" ގެ ލީޑް ރޯލުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. "ޕަރީ" ލަވައިން ޖުމަލްއާ އެކު ފެންނަ ކުޑަ އަންހެން ކުއްޖާއަކީ ޑައިރެކްޓަރު ޗިއްޕެގެ ހަގު ދަރިފުޅެވެ.

"ވަކިން ލޯބިން" ގެ ލަވަ "ޕަރީ"

ޝައްމު ކިޔާފައިވާ އަޑު އަހާލަން ފަސޭހަ، ހަމަހިމޭން ރާގެއްގެ މި ލަވައަކީ ހިތްތަކާ ކުޅެލާ ކަހަލަ ލަވައެކެވެ.

ޝައްމު މީގެ ކުރިން ވެސް ވަނީ ޑާކް ރެއިނަނަށް ހިތްގައިމު ލަވަތަކެއް ކިޔައި ދީފަ އެވެ. މިއީ ހަމަ ކުރީގެ ރަހަތައް ހެޔޮވަރު ލަވައެކެވެ.