ރިތިކްއާ ސުލްހަވާކަށް ފުރުސަތެއް ނެތް: ސުޒާން

މި ދުވަސްވަރަކީ ރިތިކް ރޯޝަންގެ ހަޔާތުގައި ކުރިމަތިވެފައިވާ އެންމެ އުނދަގޫ އެއް މައްސަލައާ އޭނާ އަށް ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެވެ. ފިލްމީ ބަތަލާ ކަންގަނާ ރަނާވަތު އާއި ރިތިކްގެ މެދުގައި ޖެހުނު މައްސަލަތަކަށް ކޯޓުން ހައްލު ހޯދަން މަސައްކަތްކުރަމުން ދާ އިރު ރިތިކް އަށް މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދީފައިވަނީ އޭނާގެ ކުރީގެ އަނބިމީހާ ސުޒާން ޚާން އެވެ.


ރިތިކް ސުޒާން ވަރިކޮށްފައިވީ ނަމަވެސް ދަރިންގެ ހައްގުގައި އެކުދިންގެ ކަންތަކުގައި ދެ މީހުން ވަރަށް އެކުވެރިކަމާއެކު ދަނީ އުޅެމުންނެވެ.

އެ ދެ މީހުންނަށް ލިބިފައިވާ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅުގެ އުފަން ދުވަހުގެ ޕާޓީގައި ވެސް ރިތިކް އާއި ސުޒާން ވަރަށް މަޖާކުރަނިކޮށް ފެނިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެ އެވެ.

އަދި ކަންގަނާ އާއި ރިތިކްއާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ސުޒާން ވަނީ ރިތިކްގެ ދިފާއުގައި ތެދުވެފަ އެވެ.

ރިތިކް އާއި ކަންގަނާ ވަރަށް ގައިގޯޅިކޮށް ނަގާފައިވާ ފޮޓޮއެއް ކަންގަނާގެ ލީގަލް ޓީމުން އިންޓަނެޓުގައި ޝާއިއުކޮށް މި ފޮޓޯ އިން ވެސް މި ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އޮތްކަން ހާމަވާ ކަމަށް ބުނުމުން ސުޒާން ވަގުތުން އެ ފޮޓޯއަކީ ފޮޓޯޝޮޕް ކޮށްފައިވާ އެއްޗެއް ކަމަށް ބުނެ ޓުވީޓް ކުރި އެވެ. އެ ފޮޓޯއަކީ ހަގީގަތުގައި ރިތިކް އާއި ސުޒާން އެކުގައި ނަގާފައިވާ ފޮޓޯއެއް ކަމަށާއި ފޮޓޯޝޮޕުން ސުޒާންގެ މޫނު ކަންގަނާގެ މޫނަށް ބަދަލުކޮށްފައިވާކަން ސުޒާން ވަނީ ސާބިތުކޮށްދީފަ އެވެ. އަދި ރިތިކްއާ ބެހޭ ގޮތުން ދެކެވެނީ މުޅީން ވެސް ދޮގު ވާހަކަތަކެއް ކަމަށް ވެސް ސުޒާން ބުނެފައި ވެ އެވެ.

ސުޒާން ކުއްލިއަކަށް ރިތިކްގެ ހިމާޔަތުގައި ނުކުތުމާއެކު މި ދެ މީހުން އަލުން ސުލްހަވެ އަލުން ގުޅެނީ ކަމަށް ބުނެ ޚަބަރުތައް ފެތުރެން ފެށި އެވެ.

ނަމަވެސް ސުޒާން ވަނީ އެ ވާހަކަތަކުގައި ވެސް ހަގީގަތެއް ނެތް ކަމަށާއި ރިތިކް އާ ދުވަހަކު ވެސް ސުލްހަވެވެން ނެތް ކަމަށް ބުނެ ޓުވީޓް ކޮށްފަ އެވެ.

ސުޒާންގެ ޓުވީޓް

"އަހަރެމެންނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަތައް ހަދައިގެން ނުދެއްކުން އެދެން. ރިތިކްއާ ދުވަހަކު ވެސް ސުލްހަވުމެއް ނެތް. ނަމަވެސް ވީހާ ވެސް ރަނގަޅު މަންމައަކާއި ބައްޕައަކަށް ވުމަށް އަހަރެމެން މަސައްކަތް ކުރާނަން،" ސުޒާން ބުނެފައި ވެ އެވެ.

ރިތިކްއާ ސުލްހަ ވާން ސުޒާން ބޭނުން ނުވާ ކަމަށް ބުންޏަސް ދާދި ފަހުން ދެ މީހުން އަލުން ގުޅުން ފާހަގަކުރުމަށް ވަރަށް ވަރުގަދަ ޕާޓީއެއް ބޭއްވި ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

ރިތިކް އާއި ސުޒާން އަލުން ނުގުޅުނަސް ކަންގަނާގެ މައްސަލަ އަށް ފަހު ރިތިކް އޭނާގެ ގަދަރަށް އައިސްފައިވާ އުނިކަން ފޫބައްދަން މަސައްކަތްކުރާއިރު އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެވޭނީ ސުޒާންގެ ފަރާތުން ކަމަށް ގަބޫލު ކުރެ ވެއެވެ.