އެވޯޑްސްގައި "4426" ކަޓުވާލީކަން ސާބިތުވެއްޖެ: ނަހުލާ

މިދިޔަ ޑިސެމްބަރު މަހު ބޭއްވި އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ވާދަކުރި ފާތުމަތު ނަހުލާގެ ބިރުވެރި ފިލްމް "4426" ނޮމިނޭޝަންތަކުން ގަސްތުގައި ކަޓުވާލީކަން ސާބިތުވެއްޖެ ކަމަށް ބުނެ، އެކި ޑިޕާޓްމަންޓްތަކުން، ޖަޖުން މާކްސް ދިން ގޮތުގެ ޝީޓް ނަހުލާ ފޭސްބުކްގައި އާންމުކޮށްފި އެެވެ.


އެ ޝީޓަށް ބަލާއިރު އެވޯޑްސް ޖަޖް ކުރި ހަތް ޖަޖުންގެ ތެރެއިން ޖަޖް "ޖީ" ފިލްމަށް އިންސާފު ކުރި ހުރިހާ ޑިޕާޓްމަންޓަކުން ނަހުލާގެ ފިލްމަށް މާކްސް ދީފައި ވަނި އަނެއް ހަ ޖަޖުންނާ ހިލާފަށް ވަރަށް ދަށްކޮށެވެ.

އެކަމަށް އިޝާރާތްކޮށް ނަހުލާ ބުނީ "ޖަޖް ޖީ 4426 ކަޓުވާލުމަށްޓަކައި ކުރި މަސައްކަތް މިއޮތީ ފެންނަން" ކަމަށެވެ.

"އިންސާފުން ބޭރުވެ ޒާތީ ހަސަދަވެރިކަން އިސްކޮށް، ގައުމީ އެވޯޑްގައި ގައްދާރުވިި މި ... ޝަރީއަތުގެ މަޖިލީހުގައި ޖަވާބުދާރީ ކުރުވަން އެބަޖެހޭ،" ނަހުލާ ބުނެފައިވެ އެވެ. "މީނަ ހީކުރީ މިކަހަލަ ނުލަފާ ލާއިންސާނީ އަމިއްލަ އެދުން ބޮޑު ކަންކަންކޮށްފަ ފިލާ ހުރެވޭނެ ކަމަށް."

ނަހުލާ ބުނީ ޖަޖް "ޖީ" އަކީ ކާކުކަން ވެސް އެނގޭ ކަމަށާއި ލަސްތަކެއް އެއީ ކާކުކަން ހާމަކުރާނެ ކަމަށެވެ.

އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ ޑރ. އަޝްރަފް އަބްދުއްރަހީމް، އާމިލާ އާދަމް، މުހައްމަދު ޝަރީފް (ބާރު ޝަރީފް)، އަލި މަނިކު، މުހައްމަދު ޝަމީމް، ހުސައިން އިމްތިޔާޒް (އިންތި) އަދި ތޮއްޔިބު މުހައްމަދެވެ.

"4426" އަށް އެވޯޑްގައި ލިބުނީ އެންމެ ހަތަރު ނޮމިނޭޝަނެވެ. އެއީ އެންމެ މޮޅު އެކްޓަރާއި އެންމެ މޮޅު މޭކަޕާއި ކޮސްޓިއުމްގެ އިތުރުން ބެސްޓް ވިޝުއަލް އިފެކްޓްސް އެވެ. އަދި އެ ފިލްމަށް ކާމިޔާބު ކުރެވުނީ ހަމައެކަނި އެންމެ މޮޅު ވިޝުއަލް އިފެކްޓްސް އެވޯޑެވެ.

ނަހުލާ "މިހާރު" އަށް ބުނީ އޭނާގެ ފިލްމަށް ޖަޖުން މާކްސް ދިން ގޮތުގެ ތަފުސީލް ހޯދަން ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ގައި އެދުނީ އެވޯޑްގެ ނޮމިނޭޝަންތައް ދިޔައީ އިންސާފު ނޫން ކަމަށް ނޮމިނޭޝަންތައް އިއުލާން ކުރުމާ އެކު އެތައް ބަޔަކު ވެސް ބުނެފައިވާތީ ކަމަށެވެ.

"ކޮންމެހެން އަހަރެންގެ ފިލްމަށް އެވޯޑް ނުލިބިގެންނެއް ނޫން މިކަމާ މި އުޅެނީ. އަންފެއާކޮށް ގޮސްފައި އޮތްކަން ގަބޫލު ކުރެވޭތީ މީގެ އެންމެ ފުނަށް ދާން ބޭނުންވީ. އަހަރެންގެ ފިލްމަށް މާކްސް ދީފައި ހުރި ގޮތަށް ބަލާ އިރު، ސީދާ ކަނޑައެޅިގެން އެއް ޖަޖަކު މީނީ ހަމަ ގަސްތުގައި އަހަރެންގެ ފިލްމް ކަޓުވާލަން މަސައްކަތްކޮށްފައިކަން ސާބިތުވޭ،" އޭނާ ބުންޏެވެ. "އޭނައާ ދެކޮޅަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް އަހަރެން ކުރާނަން."

ނަހުލާ ބުނީ ގައުމީ ފެންވަރުގައި ދޭ އެވޯޑަކަށް މި ފެންވަރުގެ ޖަޖަކު ލައިގެން އިންސާފު ކުރަންވެއްޖެ ނަމަ، މުޅި އެވޯޑްސްގެ އިންސާފުވެރިކަން ގެއްލި، އެއަށް ކުރެވޭ އިތުބާރު ވެސް ގެއްލި ދާނެ ކަމަށެވެ.

"އެވޯޑް ބާއްވައި ދިނުމަކީ ފިލްމީ ދާއިރާ އަށް ސަރުކާރުންކޮށްދޭ ހަމައެކަނި ކަންތައް ވެސް މެ. އެހެންވީމާ މީގެ ތެރެއަށް ޒާތީ ހަސަދަ އާއި ފައިސާގެ ދަހިވެތިކަމުގައި އަންނަ މީހެއްގެ ނުޒޫފު ވަންނަ ކަމަށް ވަންޏާ އެތައް ބައެއްގެ ހައްގުތައް ގެއްލޭނީ،" އޭނާ ބުންޏެވެ. "އަހަރެންގެ ފިލްމަށް މިހެން ހަދާފައި އޮތީމަ ފަހަރުގައި ހަމަ މިގޮތަށް އެހެން މީހުންގެ ފިލްމްތަކަށް މި ޒާތީ ހަސަދަ ބާލާފައި އޮތުމަކީ ހަމަ އެކަށީގެންވާ ކަމެއް. މިކަންކަން އެބަ ޖެހޭ ހުރިހާ އެންމެން ވެސް ބަލަން."

ނަހުލާ ބުނި ގޮތުގައި ޑިސެމްބަރު 19، 2017 ވަނަ ދުވަހުގެ ރޭ ބޭއްވި އެވޯޑް ހަފުލާ ނިމިގެން ދިޔައީ އިންސާފުން ނޫންކަން މިހާރު އެތައް ބަޔަކަށް ސާފު ވާނެ އެވެ.

"މިކަމާ އަހަރެން ނުކުތީ އަމިއްލަ ފައިދާއަކަށް ނޫން. މިއީ ފިލްމީ ދާއިރާއަށްޓަކައި ކުރި ކަމެއް. މިކަހަލަ ކަންކަމާ ކެރިގެން ނުކުންނަން އެބަ ޖެހޭ ފިލްމީ ދާއިރާގެ އެންމެން ވެސް،" އޭނާ ބުންޏެވެ. "މިހަލަ އަނިޔާވެރި ނުލަފާ މީހުން ފިލްމީ ދާއިރާގެ ތެރެއިން އެއްކޮށް ނެރެލަން ޖެހޭ."

ނަހުލާ ބުނި ގޮތުގައި ޖަޖުން މާކްސް ދީފައި ހުރި ގޮތަށް ބަލާ އިރު، ބޭއިންސާފުން ކަންކުރި ޖަޖާ ދޭތެރޭ އެންސީއޭ އިން ވެސް ފިޔަވަޅު އަޅަން ޖެހޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެންސީއޭ އިން ރާވާ ކަންކަމުގައި އެ ޖަޖް ބައިވެރިކޮށްގެން ވެސް ނުވާނެ ކަމަށް ބުންޏެވެ.

"މީގައި ނެތް އެންސީއޭގެ މައްސަލައެއް. އެންސީއޭއަކަށް ނޭނގެނެތާ ޖަޖުން ހޮވާ އިރު، މި މީހުން މި ވަރުގެ ނުބައި ކަންކަންކޮށްފާނެއެކޭ،" ނަހުލާ ބުންޏެވެ. "އެކަމަކު ކުރިއަށް އޮތް ތަނުގައި މިކަހަލަ މީހުންނާ މެދު އެންސީއޭ އިން ވެސް ވިސްނަން ޖެހޭމެ."

އޮކްޓޯބަރު، 18، 2016 ގައި ރިލީޒް ކުރި "4426" އަކީ ނަހުލާ އާއި އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓް ކުރި ފިލްމެކެވެ.