ޖިންސީ ގޯނާތަކާއި ތަފާތު ކުރުންތަކާ ދެކޮޅަށް ގްރެމީ އެވޯޑްސްގައި ހުދު ފިނިފެންމާ ބޭނުން ކުރާނެ

ޖިންސީ ފުރައްސާރަތަކާ ދެކޮޅުކަން ދެއްކުމުގެ ގޮތުން، ދާދި ފަހުން ބޭއްވި 75 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި ގިނަ ފަންނާނުން ކަޅު ހެދުން ބޭނުން ކުރި ގޮތަށް، ބޮޑު އެހެން އެވޯޑެއްގައި ވެސް ހާއްސަ ކަމެއް ދައްކައިލަން ނިންމައިފި އެވެ.


އެކަމަކު މި ފަހަރު ކަޅު ހެދުމެއް ނޫނެވެ. ހުދު ފިނިފެންމަލެވެ. މިއުޒިކް ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ 60 ވަނަ ގްރެމީ އެވޯޑްސް އާދީއްތަ ދުވަހު ނިއު ޔޯކްގައި ބާއްވާއިރު، ޖިންސީ ފުރައްސާރަތަކާއި ތަފާތު ކުރުންތަކާ ދެކޮޅުކަން ދެއްކުމުގެ ގޮތުން ހުދު ފިނިފެންނާ ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ.

މިކަމަށް ގޮވާލައި މަޝްހޫރު ފަންނާނުންތަކެއް ވަނީ ކެމްޕޭނެއް ވެސް ފަށައިފަ އެވެ. އެގޮތުން ހޮލީވުޑްގައި އޮތް ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް ހިންގާ ކެމްޕޭން "ޓައިމްސް އަޕް" އިން އިބުރަތް ލިބިގަނެގެން ގްރެމީ އެވޯޑްސްގައި ވެސް އެއްބައިވަންތަކަމާ އެކު، އެންމެން އެއް ރޫހެއްހައި ތިބިކަން ދައްކުވައި ދިނުމަށް، ހަފުލާގައި ބައިވެރިވާ މިއުޒިކް ދުނިޔޭގެ ކޮންމެ ފަންނާނަކު ހުދު ފިނިފެން މަލެއް ބޭނުން ކުރުމަށް މި ކަމަށް ގޮވާލައި އާންމު ކުރި ސިޓީގައި ބުނެފައިވެ އެވެ.

60 ވަނަ ގްރެމީ އެވޯޑްސް އޮންނާނީ އާދީއްތަ ދުވަހު: ހުދު ފިނިފެންމާ ބޭނުން ކުރާނެ.

ކެމްޕޭނަށް އިސް ނެގި މެގް ހާކިންސް (ރޮކް ނޭޝަން)، ކަރެން ރެއިޓް (ރިދަމިކް ޕްރޮމޯޝަން)، އިންޓަސްކޯޕް/ޖެފެން/އޭއެންޑްއެމް ރިކޯޑްސް އިން ބުނި ގޮތުގައި ހުދު ފިނިފެންމާ ބޭނުން ކުރަން ނިންމި ސަބަބަކީ އެ މަލަކީ "އުންމީދާއި ސުލްހަވެރިކަމާއި ރަހުމް ރަމްޒުކޮށްދޭ" މަލަކަށްވާތީ އެވެ.

މިކަމަށް ތައީދު ކުރަމުން މި ފަހަރުގެ ގްރެމީގައި ބެސްޓް ޕޮޕް އަލްބަމާއި ބެސްޓް ރެޕް ސޯންގް "ލައިލާޒް ވިޒްޑަމް" އިން ނޮމިނޭޓްވެފައިވާ ހަމައެކަނި އަންހެން ފަންނާނު ރަޕްސޮޑީ، 35، ބުނީ އޭނާ ޔަގީނުން ވެސް ހުދު ފިނިފެންނާ ބޭނުން ކުރާނެ ކަމަށެވެ.