މިޝަން އިމްޕޮސިބަލް 6 ގެ ނަމަކީ "ފޯލްއައުޓް"

މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ ކާމިޔާބު ފްރެންޗައިޒް "މިޝަން އިމްޕޮސިލް 6" ގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، ފިލްމްގެ ނަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.


މި އަހަރުގެ ޖުލައި 27 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމްގެ ނަމަކީ "މިޝަން އިމްޕޮސިބަލް: ފޯލްއައުޓް" އެވެ. ފިލްމްގެ ނަން ކްރޫޒް އިއުލާންކުރީ އިސްޓަގްރާމްގަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ލަންޑަންގައި ފިލްމްގެ އެކްޝަން މަންޒަރެއް ނަގަން އިމާރާތެއްގެ މަތިން އެހެން އިމާރާތެއްގެ މައްޗަށް ފުންމައިލަން އުޅުމުގެ ތެރޭގައި ކަކުލަށް އަނިޔާވި ނަމަވެސް، އެކަމުގެ ސަބަބުން ފިލްމްގެ ޝޫޓިން އަށް މާ ބޮޑު ބުރުލެއް ނާރާކަން ކްރޫޒް ވަނީ އިސްޓަގްރާމްގައި ބުނެފަ އެވެ. އެގޮތުން ފިލްމްގެ ސްޓަންޓްތަކެއް ހަދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ފޭނުންނާ ހިއްސާކޮށްފައިވެ އެވެ.

އެކަމަކު ދަ "ގްރަހަމް ނޯޓަން ޝޯ" ގައި ކްރޫޒް ވަނީ ކަކުލަށް ލިބުނު އަނިޔާ އަދިވެސް އެއްކޮށް ރަނގަޅު ނުވާ ކަމަށް ބުނެފަ އެވެ.

Get ready. #MissionImpossible

A post shared by Tom Cruise (@tomcruise) on

ކްރޫޒް ފިލްމްގެ ނަން އިއުލާންކޮށްފައި.

"ސީރިއަސް އެއްވެސް މައްސަލައެއް ނެތް. އަހަރެމް ހަމަ ބަރާބަރު،" އަބަދު ވެސް އަމިއްލަ އަށް ނުރައްކާތެރި ސްޓަންޓްތައް ހަދަން މަޝްހޫރު 55 އަހަރުގެ އެކްޓަރު ބުންޏެވެ.

އޭނާ ބުނީ އަދިވެސް ފިލްމްގެ ވަރަށް މުހިއްމު އަދި ގިނަ ސްޓަންޓްތަކެއް ޝޫޓް ކުރަން އެބަހުރި ކަމަށެވެ. އެހެންވެ ފަރުވާ އަށް ކޮންމެ ދުވަހަކު ވަރަށް ގިނަ ވަގުތު ހޭދަ ކުރާ ކަމަށް ބުންޏެވެ.

Get ready for the most thrilling mission yet...

A post shared by Tom Cruise (@tomcruise) on

"ފޯލްއައުޓް" ގެ ޝޫޓިންގެ ތެރެއިން.

ކްރިސްޓޯފާ މެކްކްއަރީ ޑައިރެކްޓް ކުރާ "މިޝަން އިމްޕޮސިބަލް: ފޯލްއައުޓް" ގައި ކްރޫޒާ އެކު، ފަސް ވަނަ ފިލްމުން ވެސް ފެނިގެން ދިޔަ ރެބެކާ ފާގަސަސް، އެލެކް ބޯލްޑްވިން އަދި ސައިމަން ޕެގް ފަދަ ތަރިން ފެނިގެންދާ އިރު، ކާސްޓާ އަލަށް ގުޅުނު ތަރިންގެ ތެރޭގައި މޭން އޮފް ސްޓީލް (2013) ގައި ސްޕަމޭންގެ ރޯލް ކުޅުނު ހެންރީ ކެވިލް ހިމެނެ އެވެ.

"މިޝަން އިމްޕޮސިބަލް" ސީރީޒްގެ ފަސް ވަނަ ފިލްމް "ރޯގް ނޭޝަން" ގެނެސް ދިނީ 2015 ގަ އެވެ. ޖުމްލަ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 682.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.