"ސުޕަ 30"ގެ ބަތަލާއަކަށް ރިތިކް ބޭނުމީ ސާރާ އަލީ ޚާން

ފުރަތަމަ ފިލްމު "ކެދާރްނާތު" ރިލީޒްވުމުގެ މާ ކުރިން ސާރާ އަލީ ޚާން ވަނީ ފިލްމު އިންޑަސްޓްރީގައި ވަރަށް މަޝްހޫރުވެފަ އެވެ. އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރިތިކް ރޯޝަން އަލަށް ކުޅެން ފަށާ "ސުޕަ 30"ގެ ބަތަލާ އަކަށް ރިތިކް ބޭނުމީ ވެސް ސާރާ އެވެ. މި ފިލްމުގައި ސާރާ ބައިވެރިކުރުމާ ބެހޭ މަޝްވަރާތައް ފިލްމުގެ ޑައިރެކްޓަރު ވިކާސް ބާލްއާ އެކު މިހާރު ކުރިޔަށްދާ ކަމަށްވެ އެވެ.


ފިލްމާ ގުޅުންހުރި މީހަކު ނޫހަކަށް ކިޔައިދިން ގޮތުގައި ރިތިކް ބޭނުމީ ފިލްމުގައި ސާރާ ބައިވެރިކުރާށެވެ. ނަމަވެސް ރިތިކާއި ސާރާގެ އުމުރުގެ ތަފާތަށް ބަލާފައި މި ދެ އެކްޓަރުން ސްކްރީން ޖޯޑެއްގެ ގޮތުގައި އެހާ ނުގުޅޭނެ ކަމަށް ފިލްމުގެ ކާސްޓިންގެ ކަންކަމުގައި އުޅޭ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް ރިތިކް ގަބޫލުކުރާ ގޮތުގައި އުމުރަކީ އެހާ މުހިއްމުކަން ދޭން ޖެހޭ ކަމެއް ނޫނެވެ.

"ސުޕަ 30" އަކީ އިންޑިއާގައި މިހާތަނަށް އުފެދުނު ހިސާބު އިލްމަށް އެންމެ މޮޅު އެކަކު ކަމަށްވާ އާނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 25 ގަ އެވެ.

އާނަންދް ކުމާރު ބުނި ގޮތުގައި އޭނާގެ ރޯލު ރިތިކް އަދާކުުރުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ސަބަބަކީ އެ ރޯލަށް އެއަށްވުރެ ވަކިން ބަރާބަރު އެކްޓަރު ހުރި ކަމަށް ނުފެންނާތީ އެވެ. އަދި ފިލްމު ޑައިރެކްޓްކުރާ ވިކާސް ވަރަަށް ފުރިހަމަ ފިލްމެއް އުފައްދާނެކަމާ މެދު ޝައްކެއް ނެތް ކަމަށް ވެސް އާނަންދު ބުންޏެވެ.

ސާރާ މި ފިލްމުގައި ބައިވެރިކޮށްފި ނަމަ މި ފިލްމު ވާނީ ސާރާ ކުޅޭ ދެ ވަނަ ފިލްމަށެވެ. ޑައިރެކްޓަރު އަޝޫތޯޝް ގޮވަރިކަރްގެ ފިލްމެއް ވެސް ސާރާ އަށް ދޭން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ސާރާ އާއި އަރްޖުން ކަޕޫރު އަދި ސަންޖޭ ދަތު މިދިޔަ ހަފުތާގައި އަޝޫތޯޝްގެ އޮފީހަށް ގޮސް އޭނާ އާ ބައްދަލުކުރުމަށްފަހު ނިކުންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ނޫސްތަކުގައި ވަނީ ޖަހައިފަ އެވެ. އަޝޫތޯޝްގެ ފިލްމެއް ސާރާ ކުޅެން ހަމަޖެހުނު ކަމަށް ކިޔަން ފެށީ އޭގެ ފަހުންނެވެ.