"4426" ނިމެނީ، ހަފުތާ ބަންދުގައި ޓްރެއިލާ ފެންނާނެ

މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ބިރުވެރި ފިލްމް 4426 (ފޯ ފޯ ޓޫ ސިކްސް) ގެ ޝޫޓިން ގާތްގަނޑަކަށް ނިމި، ފިލްމުގެ ފުރަތަމަ ޓްރެއިލާ މި ހަފުތާ ބަންދުގައި ބެލުންތެރިންނަށް ދައްކާލަން ތައްޔާރުވެއްޖެ އެވެ.


ނަހުލާ ބުނީ ބޮޑު ކާސްޓަކާ އެކު ހަދާ ފިލްމުގެ ޝޫޓިންގެ ބޮޑު ބައި ނިމިފައިވާ އިރު، މި މަސް ނިމޭ އިރު ފިލްމުގެ އެޑިޓިން ވެސް ނިންމައިލެވޭނެ ކަމަށެވެ.

"މިހާރު ވަރަށް މަދު މަންޒަރުތަކެއް ނަގަން ހުންނާނީ. ބޮޑު ބައި ޝޫޓްކޮށް ނިމިއްޖެ،" އޭނާ ބުންޏެވެ. "ޓްރެއިލާ ލޯންޗް ކުރަން މިހާރު ތައްޔާރުވަމުން މި އަންނަނީ."

ނަހުލާ ބުނީ ފިލްމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ހިތްހަމަޖެހޭ ގޮތަށް ކަމަށެވެ.

"އަސްލު ފިލްމުގެ މަސައްކަތް ނިންމަން ކުރިން ޕްލޭން ކުރި ތާރީހުން ކައްސާލައިގެން ގޮސްފައި އޮތީ. އެހެން ދިމާވީ ވެސް ފިލްމުގެ މަސައްކަތް އެންމެ ބޭނުންވާ ގޮތަށް، އެންމެ ފުރިހަމަ އަށް ގެނެސް ދޭން ބޭނުން ވާތީ،" އަހުމަދު ޝިނާން ބައިވެރިކޮށްގެން ޑައިރެކްޝަން ހަދާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ދަނީ. ކާސްޓުންގެ ސަޕޯޓް ވެސް ބޮޑު. އަނެއްކާ ފިލްމަކީ ފުދޭ ވަރަކަށް މަސައްކަތް ވެސް ބުރަ ފިލްމެއް. އެހެންވެ އެ ހުރިހާ ކަމަކަށް ބަލާފައި ބުނެވޭނީ ވަރަށް ހިތްހަމަޖެހޭ ގޮތަށޭ މަސައްކަތް ކުރިއަށް ދަނީ."

ބިރުވެރި ފިލްމް "4426" ގެ މަންޒަރެއް: ފިލްމް އޮކްޓޯބަރު 18 ގައި ރިލީޒް ކުރާނެ.

ނަހުލާ ބުނީ ބެލުންތެރިން ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަކަން ވެސް އެނގޭ ކަމަށެވެ. އެހެންވެ މިހާރު ތައްޔާރުވަމުން އަންނަނީ މި ހަފުތާ ބަންދުގައި ފިލްމުގެ ފުރަތަމަ ޓްރެއިލާ ލޯންޗް ކުރާށެވެ.

ހަތަރު ބުރީގެ އިމާރާތެއްގެ ސެޓިންގައި ޝޫޓް ކުރި "4426" ގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝިލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މުހައްމަދު ޖުމައިހް (ޖުމާ)، އަހުމަދު ޒިޔާ އަދި ޖިމީ ހިމެނެ އެވެ.

ފިލްމް "4426" ގެ މަންޒަރެއްގައި ޖިމީ. ފޮޓޯ: ކްރިސްޓަލް އެންޓަޓައިންމަންޓް

ނަހުލާގެ އަމިއްލަ ފިލްމް ކުންފުނި ކްރިސްޓަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ "4426" އަކީ ލޯބީގެ ފިލްމްތައް ހަދަން މަޝްހޫރު ނަހުލާ ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމެވެ.

އޭނާ ބުނެފައިވާ ގޮތުގައި މި ފިލްމްވެގެން ދާނީ ބެލުންތެރިން ބިރުން ގޮސް ފިއްކަނޑައިގެންދާ ވަރުގެ ފިލްމަކަށެވެ.

އޯޕަން ބަޖެޓަކުން ހަދާ "4426" ސިނަމާ އަށް އަންނާނީ އޮކްޓޯބަރު 18 ގަ އެވެ.