އައިޝްވަރިޔާ އާއި އަބީޝެކްގެ ފިލްމު ލަސްވަނީ

ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އައިޝްވަރިޔާ ރާއީ އާއި އަބީޝެކް ބައްޗަން އަށް އަހަރަށް ފަހު އެކުގައި ކުޅެން ހަމަޖެހުނު ފިލްމު ވެސް ފެށުން ލަސް ވެއްޖެ އެވެ. ބޮލީވުޑް ބައެއް ރިޕޯޓްތައް ބުނަނީ މި ފިލްމު އަލުން ފެށިދާނެ ކަމާ މެދު ވެސް މިހާރު ޝައްކު ކަމަށެވެ.


ޝައިލޭޝް އާރް. ސިންގް އުފައްދާ މި ފިލްމުގެ ބަތަލަކަށް އަދިވެސް ހަމަޖެހިފައިވަނީ އަބީޝެކެވެ. އަދި މި ފިލްމު އުފައްދާ ޓީމުން ވަނީ ފިލްމުގެ ބަތަލާއަކަށް އައިޝްވަރިޔާ ހަމަޖެއްސުމަށް ވާހަކަ ދައްކާފަ އެވެ. ނަމަވެސް ސްކްރިޕްޓް ކިޔާފައި އެއަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން އައިޝްވަރިޔާ ހުށަހެޅުމުން ފިލްމު އުފައްދާ ފަރާތަށް އެ ބަދަލުތަކާ އެއްބަސް ނުވެވި ފިލްމު ހުއްޓާލަން ޖެހުނީ އެވެ.

މިހާރު މި ފިލްމުގެ ބަދަލުގައި އައިޝްވަރިޔާ އެހެން ޕްރޮޖެކްޓެއްގައި ސޮއިކޮށްފި ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ.

ފިލްމުގެ މަސައްކަތް ފަސްކުރަން ޖެހުނީ ބަޖެޓް ވެސް ހަމަނުޖެހިގެން ކަމަށް އިންޑިއާ ޓުޑޭ އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ.

އައިޝްވަރިޔާ އާއި އަބީޝެކް އެންމެ ފަހުން އެކުގައި ފިލްމަކުން ފެނިފައި ވަނީ 2010 ގައި ނުކުތް، ޑައިރެކްޓަރު މަނީ ރަތުނަމްގެ "ރާވަން" އިންނެވެ. އޭގެ ފަހުން ވެސް މި ދެ ތަރިން ލައްވާ ފިލްމު ކުޅުވަން ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެއްވެސް ފިލްމަކަށް މި ދެ ތަރިން އެއްބަސް ވެފައެއް ނުވެ އެވެ.

މި ދެ ތަރިން އެކުގައި ފާއިތުވީ ތަނުގައި ވަރަށް ގިނަ ފިލްމުތައް ކުޅެފައި ވެއެވެ. އޭގެ ތެރޭގައި "ދާއި އަކްޝަރު ޕްރޭމް ކޭ"، "ކުޗް ނާ ކަހޯ"، "އުމްރާއޯ ޖާން"، "ދޫމް 2" އަދި "ގުރޫ" ފާހަގަ ކޮށްލެވެ އެވެ. އަދި "ބަންޓީ އައުރް ބަބްލީ" އަށް މި ދެ ތަރިންނާއި އަމީތާބު ބައްޗަން ކުޅެފައިވާ "ކަޖްރާ ރޭ" ލަވަ އަކީ ވެސް ވަރަށް މަޝްހޫރުވި ލަވަ އެކެވެ. ބޮލީވުޑް ޚަބަރުތައް ބުނަނީ އަބީޝެކް އާއި އައިޝްވަރިޔާގެ މެދުގައި ލޯބީގެ ހުޅުކޮޅު ދިއްލުނީ މި ލަވަ ޝޫޓް ކުރިއިރު އެވެ.

އަބީޝެކްގެ އަތުގައި މިވަގުތު އޮތީ އެންމެ ފިލްމެކެވެ. އެއީ އަނުރާގް ކަޝޭޕް ޑައިރެކްޓްކުރާ "މަންމަރްޒިޔާން" އެވެ. އައިޝްވަރިޔާ މިހާރު މަސައްކަތް ކުރަމުންދަނީ އަނިލް ކަޕޫރާއެކު ކުޅޭ "ފޭން ޚާން" ގައެވެ.