ފަލަކަމުން ގިނަ ބަޔަކު މަލާމާތްކުރި: ސޮނާކްޝީ ސިންހާ

ސޮނާކްޝީ ސިންހާ ކުޑައިރު ވެސް ހުންނަނީ ފަލަކޮށެވެ. ފިލްމު ކުޅުމުގެ ފުރުސަތު ސަލްމާން ޚާން އޭނާއަށް ދިނުމުން ކޮންމެވެސް ވަރަކަށް އޭނާ ބަރުދަން ލުއިކުރި އެވެ. ނަމަވެސް ފުރަތަމަ ފިލްމު "ދަބަންގް"ގައި ވެސް ސޮނާކްޝީ ހުރީ ފަލަކޮށެވެ. ސޮނާކްޝީ ބުނި ގޮތުގައި ފަލަކަމުން ގިނަ ބަޔަކު އޭނާއަށް މަލާމާތްކޮށް ހުތުރު އެއްޗެހި ވެސް ގޮވާފައިވެ އެވެ.


އެގޮތުން ސެލެބްރިޓީ މޮޑެލް އަކު އޭނާއާ ދިމާލަށް "ގެރިއެކޭ" ގޮވި ހަނދާން އަދިވެސް ސޮނާކްޝީގެ އެބަހުއްޓެވެ.

ނެހާ ދޫޕިއާގެ ޗެޓް ޝޯ "ބީއެފްއެފްސް ދަ ވޯގް" ގައި ޑިޒައިނާ މަނީޝް މަލްހޯތުރާއާ އެކު ބައިވެރިވެ ވާހަކަ ދައްކަމުން ސޮނާކްޝީ ބުނީ އޭނާ ފެޝަން ޝޯއެއްގެ ރޭމްޕްގައި ހިނގަނިކޮށް މޮޑެލް އަކު އޭނާއާ ދިމާލަށް ގެރިއަށް ގޮވައި މަލާމާތްކުރި ކަމަށެވެ. މިފަދަ ވަރަށް ގިނަ ހާދިސާތައް އޭނާއާ ކުރިމަތިވެފައިވާ ކަމަށް ވެސް ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީ ބުނި ގޮތުގައި އެގޮތަށް މަލާމާތްކުރާ އަޑު އިވުމުން ވަރަށް ހިތްހަމަނުޖެހެ އެވެ. ނަމަވެސް މަލާމާތްކުރާ މީހުންނާ ކުރިމަތިލާން ވަނީ ދަސްކޮށްފައި ކަމަށް އޭނާ ބުންޏެވެ.

"ހުރިހާ ނެގެޓިވް އެނާޖީއެއް އަހަރެން ބްލޮކްކޮށްލަނީ. އެ ކަހަލަ ވާހަކަތަކަކަށް އަހަރެން މާ ބޮޑު ސަމާލުކަމެއް ނުދެން. ޓީންއޭޖް ދުވަސްވަރު އަހަރެން ފަލަކަމުން ސްކޫލްގައި ވެސް ބުލީގެ ޝިކާރައަކަށް އަހަރެން ވަަރަށް ބޮޑަށް ވި. ނަމަވެސް އަހަރެން ހުންނަނީ އަމިއްލަ ނަފްސަށް ފަޚުރުވެރިވެފައި. ފިލްމު އިންޑަސްޓްރީއަށް ވަނުމަށް 90 ކިލޯ އިން 60 ކިލޯ އަށް ބަރުދަން ލުއިކޮށްލައިފިން،" ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީ ބުނީ އޭނާ އަކީ އަބަދު ކާހިތްވެފައި ހުންނަ މީހަކަށެވެ. މަންމަ ކައްކާ އެއްޗެހި ނުކައި އެއްގޮތަކަށް ވެސް ނުހުރެވޭ ކަމަށް ބުންޏެވެ.

ނަމަވެސް ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މީހަކަށް ވާތީ ބަރުދަން ލުއިކޮށް ސިފަ ރީތިކޮށް ބެހެއްޓުމަަށް ސަމާލުކަން ދޭން ޖެހޭކަމަށް އޭނާއަށް ވެސް ވިސްނެ އެވެ.

ބަރުދަން ލުއިކުރުމާ އެކު އޭނާ ވަނީ ހެދުން އެޅުމުގެ ސްޓައިލަށް ވެސް ބޮޑު ބަދަލެއް ގެނެސްފަ އެވެ.