102 ނޮޓް އައުޓް: އަމީތާބާއި ރިޝީގެ އާދަޔާޚިލާފު ލޯބި

އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރުގެ ޖޯޑު 27 އަހަރަށް ފަހު އެނބުރި ސްކްރީނަށް އަންނަނީ "102 ނޮޓް އައުޓް" އިންނެވެ. ކަބީ ކަބީ، އަމަރް އަކްބަރް އެންތަނީ، އަޖޫބާ އަދި ނަސީބު ފަދަ ފިލްމުތައް އެކުގައި ކުޅެފައިވާ މި ދެ ތަރިންގެ އާ ފިލްމު އިއުލާން ކުރުމާއެކު ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ފިލްމަށް ލިބުނެވެ.


ފިލްމުގެ ފުރަތަމަ އިޝްތިހާރު މިހާރު ވަނީ ދައްކަން ފަށައިފަ އެވެ. މި އިޝްތިހާރު ފެނުމުން ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ފިލްމުގައި އަމީތާބާއި ރިޝީ ކުޅެފައިވާ އުމުރުން ވަރަށް ދުވަސްވީ ދެ އެކުވެރިންގެ ރޯލުން މި ދެ މީހުންގެ މެދުގައި އޮތް އާދަޔާޚިލާފު ލޯބި ހާމަވާތީ އެވެ.

"102 ނޮޓް އައުޓް" ޓްރެއިލާ

އިޝްތިހާރުގައި ދައްކަނީ ގާތް އެ އެކުވެރިންނެވެ. އެކަކީ އުމުރުން ދުވަސްވެފައި ހުއްޓަސް ވަރަށް މަޖާ އުފާވެރި މިޒާޖެއްގެ މީހެކެވެ. އަނެކަކީ ދުވަސްވުމުގެ ސަބަބުން ދިރިއުޅުމުގެ ޝަކުވާތައް ބޮޑުވެފައިވާ މީހެކެވެ. މިއީ ބައްޕައަކާއި ދަަރިއެއްކަން މި ދެ މީހުންނަށް އެނގެނީ ފިލްމުގެ ވަކި ހިސާބަކުން ކަމަށްވެ އެވެ.

އިޝްތިހާރުގައި އަމީތާބު ރިޝީ އަށް ބުނަނީ މުސްކުޅިން ބައިތިއްބާ ގެއަކަށް ލާ ފުރަތަމަ ބައްޕައަކީ އޭނާ ކަމަށް ވެދާނެ ކަމަށެވެ. މި ފިލްމުގައި ރިޝީ އާއި އަމީތާބުގެ ޕްރޮސްތެޓިކް މޭކަޕް ވަރަށް ފުރިހަމަ އެވެ. އެހެންވެ އުމުރުން ދުވަސްވީ މީހުންގެ ގޮތްގަނޑު އެމީހުންގެ ކެރެކްޓާއިން ފެނެ އެވެ.

"102 ނޮޓް އައުޓް" އަކީ ސޯމްޔާ ޖޯޝީ ލިޔެފައިވާ ވާހަކައަކަށް އުމޭޝް ޝުކްލާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސްކުރުމުގެ އިތުރުން އަމީތާބު ވަނީ ފިލްމަށް ލަވަ ވެސް ކިިޔައިދީފަ އެވެ.