އިދްރީސް އެލްބާ ލޯބިވެރިޔާ ސަބްރީނާއާ އެންގޭޖްވެއްޖެ

އެކްޓަރު އިދްރީސް އެލްބާ ކުރިން ބުނަމުން އައީ އޭނާގެ ކުރީގެ ދެ ކައިވެނި ރޫޅިފައިވާތީ ކައިވެންޏެއް އަލުން ކުރާނެކަމާ ދޭތެރޭ ޝައްކު ކަމަށެވެ. އެހެންވެ ދެ ކުދިން ވެސް ތިބި 45 އަހަރުގެ އެކްޓަރުގެ ކުރިން ހުރީ ކައިވެންޏެއް ކުރުމާއި ނުކުރުމާ ދޭތެރޭ ތާށިވެފަ އެވެ. މިހާރު ބެލެވޭ ގޮތުން އެ ހިޔާލު މިހާރު ބަދަލުވެއްޖެ އެވެ. އަދި މާ ލަސްތަކެއް ނުވެ އޭނާ އަލުން ކައިވެނި ވެސް ކޮށްފާނެ އެވެ.


ކުރިން ހީވެސް ނުކުރާ ކަހަލަ ގޮތަކަށް އިދްރީސް ވަނީ ލޯބިވެރިޔާ ސަބްރީނާ ދައުރީއާ މިހާރު އެންގޭޖްވެފަ އެވެ. މިކަމެއް ހިނގީ އޭނާ ޑައިރެކްޓް ކުރި ފުރަތަމަ ފީޗާ ފިލްމް "ޔާޑީ" ޕްރިމިއާ ކުރަން ލަންޑަންގެ ރިއޯ ސިނަމާގައި ބޭއްވި އިވެންޓްގަ އެވެ.

ހޮނިހިރު ދުވަހު އޮތް ޕްރިމިއާ އިވެންޓްގައި، އިނގިރޭސިވިލާތަށް އުފަން އެކްޓަރު ވަނީ ސްޓޭޖްމަތީގައި، އޯޑިއަންސް ކުރިމަތީގައި ސަބްރީނާ އަށް ޕްރޮޕޯޒްކޮށްފަ އެވެ.

އިދްރީސް، ސެބްރީނާ އަށް ޕްރޮޕޯޒް ކުރާ ވީޑިއޯ.

މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިދްރީސްގެ އެޖެންޓް ވަނީ ޓްވިޓާގައި ހިއްސާ ވެސް ކޮށްފަ އެވެ. ވީޑިއޯ އިން ފެންނަނީ އިދްރިސް ކަކޫމައްޗަށް ތިރިވެ، ސަބްރީނާ އަށް ޕްރޮޕޯޒް ކުރާ ތަނެވެ. އަދި ދެ މީހުން ބައްދާލަ އެވެ. މިއާއެކު އޯޑިއަންސްގެ އަޑާއި އަތްތިލަ ބަޑިން ސިނަމާތެރެ ގުގުމައިލަ އެވެ.

"އެމެރިކަން ގޭންގްސްޓާ" އާއި "ޕެސިފިކް ރިމް" ފަދަ ފިލްމްތައް ކުޅެފައިވާ އިދްރިސް އާއި ވެންވޫކާގެ ކުރީގެ ރީތީގެ ރާނީ ސަބްރީނާ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ރައްޓެހިވެގެން އުޅުނު ނަމަވެސް، އެ ގުޅުން އޮތީ ވަރަށް ބޮޑަށް ސިއްރުކޮށްފަ އެވެ.

ސަބްރީނާގެ އިސްޓަގްރާމް ޕޯސްޓެއް.

ދެ މީހުން އެކުގައި ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނުކުތީ މިދިޔަ އަހަރު ބޭއްވި ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމް ފެސްޓިވަލް (ޓީއައިއެފްއެފް) ގައި އިދްރިސްގެ ފިލްމް "މޮލީޒް ގޭމް" ގެ ޕްރިމިއާގަ އެވެ.

އިދްރީސް އާއި ސަބްރީނާގެ އެންގޭޖްވި ނަމަވެސް، ކައިވެންޏާ ބެހޭ ގޮތުން އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އިސްޓަގްރާމްގައި ސަބްރީނާ ވަނީ އިދްރީސް ކަހަލަ ބައިވެރިއަކު ލިބުމުން ލިބުނު އުފާ ހިއްސާކޮށްފަ އެވެ.