މޯލްޑިވިއަން އައިޑޮލްގައި އަޑުގަދަ އާއިލާއެއް

މޯލްޑިވިއަން އައިޑޮލް އެކި މީހުންނަށް ހާއްސަވަނީ އެކި ސަބަބުތަކާ ހުރެ އެވެ. ޔަގީނުން ވެސް މި ޝޯ ބަލާ މީހުންނަށް އެއް ކަމެއް ވަރަށް ބޮޑަށް އަޅައި ގަންނާނެ އެވެ. އެއީ ކޮންމެ ސީޒަނެއްގައި ވެސް އެއް އާއިލާއެއްގެ މެމްބަރުންތަކެއް ފެންނާތީ އެވެ. އެއީ އެކަމަކު އެ މީހުންގެ ހުރި ވަރުގަދަ ހުނަރާ އެކުގަ އެވެ.


މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ އޮޑިޝަންތައް މިހާރު ޓީވީއެމުން ދައްކަމުން އަންނަ އިރު، މި ބުނާ އާއިލާއެއްގެ މެމްބަރަކު އަނެއްކާ ވެސް އޭނާގެ ހުނަރު ދައްކާލައި، ޖަޖުން ސިއްސުވާލައިފި އެވެ.

އެ މީހަކީ އައިޑޮލްގެ ފުރަތަމަ ސީޒަންގައި ވާދަކުރި އިބްރާހީމް އަމާން އާއި ދެވަނަ ސީޒަންގައި ވާދަ ކުރި ހަސަން އިރްފާން (ޒަކިއްޓެ) ގެ ކޮއްކޮ އެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯގެ ތެރެއަށް މި އާއިލާ އިން ފުންމާލައި، ގަދަކަން ދައްކަމުން އަންނަ އިރު، މިއީ މި ޝޯގެ ކޮންމެ ސީޒަނެއްގައި އެއް އާއިލާއަލުން މެމްބަރަކު ވާދަކުރާ ޝޯގެ ރިކޯޑް ވެސް އޮތް ޝޯކަން ފާހަގަކޮށްލެވެ އެވެ.

އައިޑޮލްގެ ފުރަތަމަ ދެ ސީޒަނުގައި އެއް އާއިލާއެއްގެ ދެބެއިން ކުރިން ވެސް ވާދަކުރި އެވެ. އެއީ ފުރަތަމަ ސީޒަންގެ ތިން ވަނަ ހޯދި އަހުމަދު އިޝާން އާއި ދެވަނަ ސީޒަންގެ ގަދަ ފަހަކާ ހަމައަށް ދަތުރުކުރި އަބްދުﷲ ހިޝާން އެވެ.

މާލެ އޮޑިޝަންގެ ދެވަނަ ޝޯގައި އަމާން އާއި އިރްފާންގެ ކޮއްކޮ އިޝާން (ކޮކީ) ގޯލްޑެން ޓިކެޓް ހާސިލުކުރީ ތިއޭޓާ ރައުޑުން ފުރުސަތު ހޯދަމުންނެވެ. މާނައަކީ އޭނާ މޯލްޑިވިއަންގެ ގާލާ ރައުންޑްގެ 12 އިން ފެނުމުގެ ފުރުސަތު ބޮޑުވުމެވެ. އެކަމަކު ވާ ގޮތެއް ބަލައިލަން ޖެހޭނީ އިންތިޒާރުކޮށްލާށެވެ.

ޔަގީނުން ވެސް ކޮކީ ދެއްކި ހުނަރުން ޖަޖުން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ. އޭނާ ބުނީ އޮޑިޝަނަށް ދިޔައީ، އޮޑިޝަނަށް ފަރިތަކުރުމުގެ ތެރޭގައި އަޑު ވެސް ހަލާކުވެފައި ވަނިކޮށް ކަަމަށެވެ.

އެކަމަކު ކޮކީ ލަވަ ހުށަހަޅައިދިން ގޮތް ހަތަރު ޖަޖުންގެ ތެރެއިން ތިން ޖަޖުންނަށް ވެސް ކަމުދިޔަ އެވެ. ޖަޖިން ޕެނެލާ އަލަށް ގުޅުނު ޒާރާ މުޖުތަބާ ކޮކީގެ ހުށަހެޅުމަށް ކޮމެންޓް ކުރަމުން ބުނީ "ތި އާއިލާގެ ތެރެއިން އަހަންނަށް އެންމެ ކަމުދިޔަ ލަވަޔުންތެރިޔަކީ ތިއީ" ކަމަށެވެ.

ޖަޖް މަރިޔަމް އުނޫޝާ (ކިޑީ) އާއި އިސްމާއީލް އައްފާނަށް ވެސް ކޮކީގެ ހުށަހެޅުން ވަރަށް ކަމުދިޔަ އެވެ. އައްފާން ބުނީ އަޑު ހަލާކުވެފައި ނެތް ނަމަ، މާ ބޮޑަށް ވެސް އަދި ފުރިހަމަ އަށް ކޮކީ ލަވަ ހުށަހަޅައި ދޭނެކަން ރޭގެ ހުށަހެޅުމުން ތަސައްވުރުކޮށްލެވުނު ކަމަށެވެ.

ކޮކީ ބުނީ އޮޑިޝަނަށް ދިޔައީ އަޑު ހަލާކުވިލެއް ބޮޑުކަމުން "އިނގުރު ތާސީރު ވެސް ބޮއެގެން" ކަމަށެވެ.

އޮޑިޝަނަށް ކޮކީ ދިޔައީ ބޭބެ އަމަން އާއި ރައްޓެހި ގްރޫޕް ކުދިންކޮޅަކާ އެކުގަ އެވެ. ގޯލްޑެން ޓިކެޓާ އެކު އޭނާ ނުކުތުމުން އަމާން ބުނީ "ކޮކީއަކީ އަހަންނާއި ޒަކިއްޓެ އަށް ވުރެ ވެސް މޮޅަށް ލަވަ ކިޔާ މީހެއް" ކަމަށެވެ.

ކޮންމެއަކަސް މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ ދަތުރަށް ޒަކިއްޓެ އާއި އަމާންގެ އާއިލާ އިން އިތުރު މެމްބަރަކު ނުކުމެ، މި ޝޯގައި ދަތުރުކޮށްލެވެނީ ކިހާ ހިސާބަކަށްތޯ ބަލައިލުމުގެ ޝައުގުވެރިކަން ޝޯ ބަލާ މީހުންގެ މެދުގައި ވެސް ބޮޑު ވާނެ އެވެ.

އަމާން އާއި ޒަކިއްޓެ އަށް ދަތުރު ކުރެވުނީ ދެ ސީޒަނުގައި ވެސް ނުވަ ވަނައާ ހަމައަށެވެ. އެހެންވެ ތިން ވަނަ ސީޒަނަކީ އެ މީހުންގެ ގެއަށް އައިޑޮލްގެ ޓްރޮފީ ކޮކީ ގެންގޮސްފާނެ އަހަރެއް ނޫން ކަމެއް ވެސް ނޭނގެ އެވެ.

މި އާއިލާގެ ހާއްސަ އަނެއް ކަމަކީ ކޮންމެ މެމްބަރަކު ވެސް އައިޑޮލްގައި ވާދަކޮށްފައި ބޮޑު ސްކްރީނަށް ވެސް އަންނާތީ އެވެ. ޑާކް ރެއިން އެންޓަޓައިންމަންޓުން މިދިޔަ އަހަރު ނެރުނު ފިލްމް "ވަކިން ލޯބިން" އިން އަމާން އެކްޓިންގެ ތެރެއަށް ނުކުތް އިރު، އެ ސްޓޫޑިއޯ އިން އަންނަ އެޕްރީލްގައި ރިލީޒް ކުރާ "ގޮށްރާޅު" އިން ޒަކިއްޓެ ވެސް އެކްޓިން ހުނަރު ދައްކައިލާނެ އެވެ.

ތިން ވަނަ ސީޒަން ނިމުމުން ކޮކީ ވެސް ފިލްމް ކުޅެން ނުފަށާނެއޭ ބުނާކަށް ނޭނގެ އެވެ. އާއިލާގެ އެހެން މެމްބަރުންގެ ފިޔަވަޅު މަތިން ހިނގާ ނަމަ، އެކަން ވެސް އޭނާ އަށް ކުރަން ޖެހޭނެ އެވެ.