މަޖާ "ބައިވެރިޔާ"ގެ ޓީޒާ ދައްކާލައިފި

މި އަހަރަކީ ދިވެހި ސިނަމާ އަށް ވަރަށް ފާގަތި އަހަރެކެވެ. ތަފާތު ރަހަތަކުގެ ފިލްމްތައް ބެލުންތެރިންނާ ހަމައަށް އަންނާތީ މިއީ ގައިމު ވެސް ދިވެހި ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ.


މި ފަހަރު މިއޮތީ ސެޕްޓެމްބަރު މަހު ރިލީޒްކުރާ ފިލްމެއްގެ ވާހަކަ އެވެ. މިއީ ފުލް ފްލެޖް ކޮމެޑީއެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ މުޅިން ވެސް ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.

މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ ކޮމެޑީ ފިލްމް "ބައިވެރިޔާ" ގެ ފުރަތަމަ ޓީޒާ މިއޮތީ ދައްކާލާފަ އެވެ. މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާ އެމްއެންޑީއެފްގެ "ހާދަރު" އާ އެކު ސިނަމާ އިން ވެސް "ބައިވެރިޔާ" ގެ ޓީޒާ ބެލުންތެރިންނަށް ފެނިގެން ދާނެ އެވެ.

މި ފިލްމަކީ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއި "އިންސާފު" އާއި "24 ގަޑި އިރު" ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ޕްރޮޑިއުސަރު އިސްމާއީލް ޝަފީއުގެ އެންވިޝަން އެންޓަޓައިންމަންޓުން ގެނެސްދޭ ފިލްމެކެވެ.

ބޮޑު ކާސްޓެއް ހިމެނޭ "ބައިވެރިޔާ" އަންނަ ސެޕްޓެމްބަރު މަހު ސްކްރީނަށް ގެންނަން ނިންމާފައިވީ ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި ޔޫއްޕެ، ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަލީހާ ވަހީދު، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު އަޒްމީލް، އަހުމަދު ސުނީ އަދި ހުސެން ޝިބާއު ފަދަ ތަރިން ހިމެނެ އެވެ.

ފިލްމުގެ ޓީޒާ ބަލައިލުމުން މިއީ ބެލުންތެރިން ވަރަށް ބޮޑަށް ހެއްވާލާނެ އަދި އުފާކޮށް ދޭނެ ފިލްމެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

"ބައިވެރިޔާ" ގެ ޓީޒާ

އެ ޔަގީންކަން "ބައިވެރިޔާ" ޕްރޮޑަކްޝަން މެނޭޖަރުގެ ޒިންމާ ވެސް ނަގަމުން އަންނަ އެކްޓަރު ސައީދު ވަނީ ދީފަ އެވެ.

"ޔަގީނުން ވެސް މި ފިލްމަކީ ބެލުންތެރިން ބަލާފައި އުފަލުން ތިބެގެން ސިނަމާ އިން ނިކުމެގެން ދާނެ ފިލްމެއް. އަނެއްކާ މިއީ މުޅިން އާ ރަހައެއް އޯޑިއަންސަށް ތަޖުރިބާކޮށްލަން ލިބޭނެ ފިލްމެއް،" އޭނާ ބުންޏެވެ. "ފިލްމުގެ މަސައްކަތް ކުރެވިފައި ހުރި ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ޔޫއްޕެގެ ވަރަށް ފުރިހަމަ މަސައްކަތެއް ސްކްރީނުން ފެނިގެން ދާނެ ފިލްމެއް ބައިވެރިޔާއަކީ."

ސައީދު ބުނީ "ބައިވެރިޔާ" ގެ 85 ޕަސަންޓް މިހާރު އޮތީ ނިމިފައި ކަމަށެވެ.

"ފިލްމުގެ އެއްކޮށް ކަހަލަ ގޮތަކަށް އެޑިޓިން ވެސް ނިމިފައި އޮތީ،" އޭނާ ބުންޏެވެ. "ދެން ވަރަށް ކުދިކުދި މަސައްކަތްތަކެއް ބާކީ ހުރީ."

ސައީދު އަދި ބުނީ "ބައިވެރިޔާ" ގެ ރަސްމީ ޓްރެއިލާ އާއި ޕޯސްޓަރު އަންނަ މަހުގެ ތެރޭގައި ލޯންޗް ކުރާނެ ކަމަށެވެ. ބެލުންތެރިން އަދި ކުޑަ ދުވަސްކޮޅަކަށް އިންތިޒާރެއްކޮށްލާނީ އެވެ.