ޖައިޕޫރު މަގުމަތީ ރިތިކް ރޯޝަން ޕާޕަރު ވިއްކަނީ

ފިލްމު ސެޓުތަކުގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ވަރަށް ފަސޭހައިން ލީކުވެ އެވެ. އާމިރު ޚާންގެ ތަގްސް އޮފް ހިންދުސްތާން، ކަންގަނާ ރަނާވަތުގެ މަނީކަރްނީކާ ފަދަ ފިލްމުތަކުގެ ޝޫޓިން ފޮޓޯތައް މީގެ ކުރިން ވަނީ ލީކުވެފަ އެވެ. އެންމެ ފަހުން ލީކުވީ ރިތިކް ރޯޝަން އަލަށް ކުޅެން ފެށި ސުޕަ 30ގެ ޝޫޓިންގެ ފޮޓޯ ތަކެކެވެ. މި ފޮޓޯތަކުން ފެންނަނީ ފާހަގަ ވެސް ނުކުރެވޭ ވަރަށް ސިފަ ބަދަލުކޮށްފައިވާ ރިތިކް އިންޑިއާގެ ޖައިޕޫރުގެ މަގެއްގެ މަތީގައި ޕާޕަރު ވިއްކަން އުޅޭ މަންޒަރެވެ.


ހޭވިފާއި ބޮލާއި ތުނބުޅި އަދި ލައިގެން ހުރި ބާ ގަމީހާއި ފަޓުލޫނުގައި އެއީ ރިތިކް ކަމެއް ނުވެސް އެނގެ އެވެ.

ޕްރަޝާތު ޕާންޑޭގެ ޓުވީޓެއް

"ސުޕަ 30" އަކީ ބިހާރުގައި ދިރިއުޅުނު އާނަންދު ކުމާރު ކިޔާ ހިސާބު އިލްމަށް އަރާހުރި މީހެއްގެ ހަގީގީ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ. އިންޖިނިއަރިންގެ ރޮނގުން ކުރިޔަށް ދާން ބޭނުންވާ ފަގީރު 30 ކުއްޖަކަށް އެއްވެސް ފީއަކާ ނުލައި ކޮންމެ އަހަރަކު ވެސް އޭނާ ކިޔަވައިދެމުން ގޮސްފައިވެ އެވެ. އެގޮތުން، ފާއިތުވި 15 އަހަރު ތެރޭ އޭނާ ކިޔަވައިދިން 450 ކުއްޖަކަށް ވަނީ އިންޑިއާގެ ނަން މަޝްހޫރު ޓެކްނިކަލް އިންސްޓިޓީއުޓްތަކުން ކިޔެވުމުގެ ފުރުސަތު ހޯދައިފަ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި އާނަންދްގެ އެންމެ ފަގީރު ދުވަސްވަރުން ފެށިގެން އޭނާއަށް ކާމިޔާބީގެ އެންމެ އުސް ހަރުފަތަށް ދަތުރު ކުރެވުނު ގޮތް ދައްކާނެ އެވެ.

މި ފިލްމުގެ ބަތަލާ އަކީ "ކުމްކުމް ބާގްޔާ" ސިލްސިލާގައި މުހިއްމު ރޯލެއް ކުޅުނު މިރުނާލް ޓާކޫރެވެ.