ޖާދުވީ މާ: ކައިޒީންގެ އެކްޓިން ބަލައިލަމާ

ދާދި ފަހުން "ދޯ" އިން ގެނެސް ދިން "ހޮޓް" ކެބިން ކްރޫ ފާތިމަތު ޒަޔަން (ކައިޒީން) ގެ ފުރަތަމަ ވީޑިއޯ ލަވައިގެ ގޮތުގައި ރާޅުގަނޑު ބޮޑުބެރުން ހިންގާ ޕަރޭޒް ބޭންޑުގެ "ޖާދުވީ މާ" ރިލީޒްކޮށްފި އެވެ.


މިއީ މަޑުމައިތިރި އަދި ހިތާމަވެރި ލޯބީގެ ވާހަކައެއް ކިޔައިދޭ ލަވައެކެވެ. "ޖާދުވީ މާ" ރާޅުގަނޑުގެ ލަވަ ކިޔާފައި ވަނީ ޕަރޭޒްގެ ބޭންޑްގެ އައްފާނެވެ. ލަވަ ވީޑިއޯއެއްގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް ގެނެސް ދިނީ ރާޅުގަނޑުގެ މޭސްތިރިޔާ ހައްމާދް ރަޝީދު (ހަމްޕް) އެވެ.

"ދޯ" ގެ އިންޓަވިއުގައި ވެސް ކައިޒީން ވަނީ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ، އެކްޓްކޮށްފާނެ ކަމަށް ބުނެފަ އެވެ. އެހެންވެ "ޖާދުވީ މާ" އަކީ އޭގެ ފެށުމެއް ކަމަށް ބެލި ދާނެ އެވެ. ލަވައިގައި ދެން ފެންނަނީ ވެސް ރާޅުގަނޑުގެ ކުދިންނެވެ. އޭގެ ތެރޭގައި ލަވައިގެ ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނަ ސާޖިއު ފާހަގަކޮށްލެވެ އެވެ.

މި ލަވައިން ދެނީ ބޭނުންވާހާ އެއްޗެއް ހޯދަން އުޅުމަކީ ބަދުނާމުވެ، ލަދު ގަންނަން ޖެހިދާނެ ކަމުގެ މެސެޖެވެ.

"ޖާދުވީ މާ" ގެ ވީޑީއޯ

ހަމްޕް ބުނީ މިފަދަ އުފެއްދުންތަކާ އެކު ހާސިލު ކުރަން ބޭނުންވާ ކަމަކީ މިއުޒިކާއި އާޓްގެ ތެރެއަށް ޒުވާނުން ނެރުން ކަމަށެވެ. އެގޮތުން ރާޅުގަނޑުގެ ދަށުން ނުކުންނަ ޒުވާނުން ގިނަވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި ވެސް "ޖާދުވީ މާ" ކަހަލަ ވީޑިިއޯ ލަވަތައް ރާޅުގަނޑު ސްޓޫޑިއޯ އިން ގެނެސް ދޭން ވަނީ އަމާޒު ހިފައިފަ އެވެ.

"އަހަރެމެން ހަދާ ކޮންމެ ލަވައަކުން ވެސް މުޖުމަތަމައަށް މުހިއްމު މެސެޖެއް ގެނެސް ދޭނަން،" ހަމްޕް ބުންޏެވެ.