ފަންނުވެރިންގެ މަސައްކަތްތައް އެންސިީއޭ އިން ހިލޭ އިޝްތިހާރުކޮށް ދެނީ

ރާއްޖޭގެ ފަންނުވެރިންނާއި އެ މީހުންގެ މަސައްކަތްތައް ހިލޭ ޕްރޮމޯޓްކޮށް، އިޝްތިހާރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.


އެތަނުން ނެރުނު ދެންނެވުމެއްގައި ބުނީ ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ހުރިހާ ފަންނުވެރިންނަށް އެހީތެރިވެ ދިނުމުގެ ގޮތުން އެއްވެސް އަގެއް ނެގުމަކާ ނުލައި ހުރިހާ ފަންނުވެރިނަށް ހަމަހަމަ ގޮތެއްގައި އެންސީއޭގެ ވެބްސައިޓުންނާއި އެތަނުގެ ސޯޝަލް މިޑިއާ ޕޭޖްތަކުން އިސްތިހާރުކޮށްދޭން ވިސްނަމުން އަންނަ ކަމަށެވެ.

އަދި ފަންނުވެރިން މިކަމަށް ދޭ ތަރުހީބަށް ބަލައި، ކަނޑައެޅޭ އުސޫލުތަކެއްގެ މަތިން ރިސޯޓްތަކާއި އެއާޕޯޓްތައް ފަދަ ތަންތަނުގައި ވެސް ޕްރޮމޯޝަނަލް ކަންތައްކޮށް ދޭނެ ކަމަށް ބުންޏެވެ.

އެންސީއޭ އިން ބުނީ އާޓާއި މިއުޒިކާއި ފިލްމީ ދާއިރާގެ ފަންނުވެރިންނަށް މި ފުރުސަތު އޮންނާނެ ކަމަށެވެ.

މައުރަޒުތައް އިޝްތިހާރުކޮށް ދިނުން:

ފަންނުވެރީން ތައްޔާރު ކުރާ ތަކެތި، ވިއްކުމަށްޓަކައި އެންސީއޭ ގެ ވެބްސައިޓް، ސޯޝަލް މީޑިއާ އަދި ހަމަޖެހޭ އެހެނިހެން ތަންތަނުގައި އިސްތިހާރުކޮށް ދިނުން.

ފިލްމްތައް އިޝްތިހާރުކޮށް ދިނުން:

އޮލިމްޕަސް ސިނަމާ އާއި އަތޮޅުތަކާއި ރާއްޖޭން ބޭރުގައި ފިލްމްތައް ސްކްރީން ކުރަން ފުރުސަތުތައް ހޯދައި ދިނުން.

މިއުޒިކް އިޝްތިހާރުކޮށް ދިނުން:

ދިވެހި ފަންނާނުންގެ މިއުޒިކް ބޭންޑްތަކާއި މިއުޒިކް ޝޯތައް އިސްތިހާރުކޮށް ދިނުން (ރާއްޖެ އާއި ރާއްޖޭން ބޭރުގައި) ދިވެހި ފަންނުވެރިންގެ ފިލްމް، މިއުޒިކް، ކުރެހުން ފަދަ ފަންނުވެރިންގެ ތަކެތި ގަންނަން ލިބެން ހުރި ތަންތަން އާއްމުކޮށް އިސްތިހާރުކޮށް ދިނުން. ބޮޑުބެރު، ތާރަ، ދަނޑި، މިއުޒިކް، ލަނގިރި ފަދަ ގުރޫޕްތަކުން ޝޯތައް ދޭން ފުރުސަތު ހޯދައި ދިނުމާއި އިޝްތިހާރުކޮށް ދިނުން.

ހަބޭސް ބޮޑުބެރު ބޭންޑް ޝޯއެއްގައި ޕަފޯމް ކުރަނީ.

މީގެ އިތުރުން ޖާދޫގެ ފަންނު އިސްތިހާރުކޮށް ދޭނެ ކަމަށް އެންސީއޭ އިން ބުންޏެވެ

އެހެންވެ އެހީތެރިކަން ހޯދަން ބޭނުންވާ ފަންނާނުންނާއި އެ ފުރުސަތު ހުޅުވާލައި، އެންސީއޭ އަށް ފޯނުން ނުވަތަ އީމެއިލުން އަންގައި ދޭން އެދޭ ކަމަށް އެތަނުން ބުންޏެވެ.

އެންސީއޭއަކީ ރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވަން ހަވާލުކޮށްފައިވާ މުއައްސަސާ އެވެ. އެގޮތުން އެތަނުން ފިލްމީ ދާއިރާ އަށްކޮށް ދޭ އެންމެ ބޮޑު އެއް ކަމަކީ ކޮންމެ އަހަރު ގައުމީ ފިލްމް އެވޯޑްސް ބާއްވައި ދިނުންކަން ފާހަގަކޮށްލެވެ އެވެ.