"ބިގް ބޮސް 11"ގެ ހަނދާނެއް ނެތް: ހީނާ ޚާން

"ބިގް ބޮސް"ގެ 11 ވަނަ ސީޒަން ބަލާފައިވާ ކޮންމެ މީހަކަށް ވެސް ހީނާ ޚާންގެ މިޒާޖާއި އޭނާގެ ހަނދާން ބަލިކަން ފާހަގަކުރެވޭނެ އެވެ. "ބިގް ބޮސް"ގެ ގެއިން ހީނާ ނުކުތްތާ މަހެއްހާ ދުވަސް ފާއިތުވީއިރު އެ ގޭގައި ތަޅުލެވިގެން ތިން މަހަށް ވުރެ ގިނަ ދުވަހު ހުރި ހަނދާނެއް ވެސް ހީނާގެ ނެތެވެ.


ހީނާ މިވަގުތު ހުރީ ލޯބިވެރިޔާ ރޮކީ ޖެއިސްވާލްއާ އެކު ޗުއްޓީއެއްގައި ސްރީ ލަންކާގަ އެވެ. އެ ގައުމުގައި ހީނާ ވަނީ ޚާއްސަ ޝޯއެއް ވެސް ދީފަ އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ހީނާ ބުނި ގޮތުގައި އޭނާ އެ ޝޯގައި ބައިވެރިގެން އުޅުނުއިރު އެއީ ރިއަލިޓީ ޝޯއެއްކަން ހަނދާން ނުހުންނަ ކަމަށެވެ. އެހެންވެ ހިތަށް އެރި ކޮންމެ އެއްޗެއް ބުނެލެވޭތީ ވަރަށް ގިނަ ބަޔަކު އޭނާއާ ހިތްހަމަނުޖެހިފައިވާކަމަށް ހީނާ އެއްބަސްވި އެވެ.

"އަހަންނާ ދޭތެރޭ އެމީހަކު ބޭނުންއެއްޗެއް ހީކުރުމުގެ އިޚްތިހާރު ކޮންމެ މީހަކަށް ވެސް އޮންނާނެ. އަހަރެން ބިރެއް ނުގަނޭ މީހުން ފާޑުކިޔާ އެއްޗެއް ހީކޮށްފާނެތީއެއް. ނަސީބަކުން އަހަންނަކީ ވަރަށް އަވަހަށް ކަންތައްތައް ހަނދާން ނެތޭ މީހެއް. ބިގް ބޮސްގެ އެއްވެސް ހަނދާނެއް ވެސް މިހާރު އަހަރެންގެ ނެތް،" ހީނާ ބުންޏެވެ.

ހީނާ ބުނި ގޮތުގައި ބިގް ބޮސްގެ ގޭގައި އޭނާ އާއި ޝޯ ކާމިޔާބުކުރި ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭއާ ދެމެދު ކިތަންމެ ޚިޔާލު ތަފާތުވުން ތަކެއް ހުރި ނަމަވެސް ޝިލްޕާއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އޭނާ އެއްވެސް މައްސަލައެއް ނުޖައްސާ އެ މަސައްކަތެއް ކުރާނެ ކަމަށާއި އޭނާ އަކީ ވަރަށް ޕްރޮފެޝަނަލް މީހެއް ކަމަށެވެ.

"އަހަންނަށް ދުޝްމަނުންނާ އެކު ވެސް މަސައްކަތް ކުރެވިދާނެ. ސަބަބަކީ އަހަންނަކީ ހަނދާން ނެތުމުގެ ރަނގަޅު އާދަ ހުރި މީހަކަށް ވާތީ. ބިގް ބޮސްގެ އެއްވެސް ބައިވެރިއަކީ އަހަރެންގެ ދުޝްމަނެއް ނޫން. ޝިލްޕާ އާއި އަހަންނާ ކިތަންމެ މައްސަލައެއް ޖެހިފައި އޮތަސް މިހާރު އޭނާ ފެނުނަސް އަހަރެން ސަލާންކޮށް ވާހަކަ ދައްކާ އޭނާގެ ހާލުއަހުވާލު އަހާނަން،" ހީނާ ބުންޏެވެ.