ޖޭމްސް ބޮންޑް ސީރީޒްގެ ޑައިރެކްޓަރު ލުވިސް ގިލްބަަޓް މަރުވެއްޖެ

ޖޭމްސް ބޮންޑް ސީރީޒްގެ ތިން ފިލްމެއް ޑައިރެކްޓްކޮށްފައިވާ އިނގިރޭސިވިލާތުގެ މަޝްހޫރު ޑައިރެކްޓަރު ލުވިސް ގިލްބަޓް އިއްޔެ މަރުވެއްޖެ އެވެ.


ނަމަވެސް 97 އަހަރުގެ ޑައިރެކްޓަރުގެ މަރާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފަ އެވެ.

އެންމެ ފުރަތަމަ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ފިލްމްތަކުގައި އެކްޓް ކުރުމަށް ފަހު، ލުވިސް ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި 40 އަށް ވުރެ ގިނަ ފިލްމް ޑައިރެކްޓްކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސީ ޖާސޫސީ އެޖެންޓް ޖޭމްސް ބޮންޑްގެ ތިން ފިލްމެއް ވެސް ހިމެނެ އެވެ. ލުވިސް ޑައިރެކްޓް ކުރި ޖޭމްސް ބޮންޑް ސީރީޒްގެ ތިން ފިލްމަކީ ޔޫ އޮންލީ ލިވް ޓްވައިސް (1970)، ދަ ސްޕައި ހޫ ލަވްޑް މީ (1977) އަދި މޫންރޭކާ (1979) އެވެ.

ނަމަވެސް ލުވިސް ޑައިރެކްޓް ކުރި ފިލްމްތަކުގެ އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދި ފިލްމަކީ އޭނާ އެ ފިލްމަކުން ފަސް އޮސްކާ ނޮމިނޭޝަން ވެސް ހޯދި އަލްފީ (1966) އެވެ.

"އަލްފީ" ގެ ޓްރެއިލާއެއް.

ފިލްމް ދަ ޓެން އިޔާ ޕްލޭން އިން 1945 ގައި ފިލްމްތައް ޑައިރެކްޓް ކުރަން ފެށި ލުވިސް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2002 ގައި ރިލީޒް ކުރި "ބިފޯ ޔޫ ގޯ" އެވެ.

އަމިއްލަ އަށް ފިލްމްތައް ޑައިރެކްޓް ކުރަން ފެށުމުގެ ކުރިން އޭނާ ވަނީ މަޝްހޫރު ޑައިރެކްޓަރު އަލްފްރެޑް ހިޗްކޮކްއާ އެކު 1939 ގައި "ޖެމެއިކާ އިން" ގައި އެސިސްޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.