"ވަކިން ލޯބިން" ގެ ޕްރިމިއާ މިރޭ، ޑާކް ރެއިން އުފަލުން

ނުހާ އަށް އަޒާން ދޭ "މަޖާ ކޮފީ" އާ އެކު ދެ މީހުން ފަށާ ހަޔާތުގެ ދަތުރު މިރޭ ބެލުންތެރިންނަށް ތަޖުރިބާކޮށްލެވޭނެ އެވެ. ޑާކް ރެއިން އެންޓަޓައިންމަންޓްގެ އާ ފިލްމް "ވަކިން ލޯބިން" އަކީ ރަނގަޅަށް ދަސްނުވެ، ކައިވެނި ކުރާ ޒުވާން ދެމަފިރިއަކަށް ދަރިއަކު ވެސް، ލިބޭ ފަހުން ވަރިފަށަށް އެރުމުން ދިމާވާ ބޮޑު ހާދިސާއެއް ކިޔައި ދޭނެ ފިލްމެކެވެ.


މިއީ ރާއްޖޭގައި ވެސް އެންމެ އާންމު އާންމު މައްސަލަ އެވެ. އެހެންވެ "ވަކިން ލޯބިން" އަކީ ކޮންމެ މީހަކު ވެސް ބަލައިލަން ޖެހޭ ކަހަލަ ފިލްމެކެވެ. ޔަގީނުން ވެސް ފިލްމުން އިބުރަތްތެރި މެސެޖެއް ފޯރުކޮށް ދޭނެ އެވެ.

އެހެންވެ ޑައިރެކްޓަރު އަލީ (ޗިއްޕެ) ޝިފާއު ހުރީ ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފަ އެވެ. އޭނާ އަށް އޮތް ގެރެންޓީއަކީ ބެލުންތެރިންނަށް ފިލްމް ވަރަށް ކަމުދާނެ ކަމެވެ.

ފިލްމާ ބެހޭ ގޮތުން ޗިއްޕެގެ އެންމެ ފަހުގެ ވާހަކައަކީ ކޮބައިތޯ އަހާލުމުން ބުނީ މިހެންނެވެ؛ ރީތި އަދި ޓެކްނިކަލީ ގޮތުން މޮޅު ފިލްމެއް ބަލާލަން ބޭނުން ނަމަ "ވަކިން ލޯބިން" އަކީ ބަލަން ޖެހޭ ވަރުގެ ފިލްމަކަށް ވާނެ ކަމަށެވެ.

ޑާކް ރެއިންގެ ޓްވީޓެއް.

"އަނެއްކާ މީގެ ސްޓޯރީ އަހަރެމެންގެ ކޮމިއުނިޓީއާ ވަރަށް ރިލޭޓްވޭ. ކޮންމެ އަންހެނަކާއި ފިރިހެނަކާ ވެސް ކަނެކްޓްވާ ކަހަލަ ވާހަކައެއް މީގައި ކިޔައި ދެނީ،" އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމާ ބެހޭ ގޮތުން ޗިއްޕެ ބުންޏެވެ.

މިދިޔަ އަހަރު ބޭއްވި އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް އުފުލައިލި ޗިއްޕެ ބުނީ "ވަކިން ލޯބިން" އާ ދޭތެރޭ އޭނާ އެންމެ ހިތްހަމަޖެހޭ ސަބަބަކީ ފިލްމްގެ ސްކްރިޕްޓް ލިޔުނު އައިޝަތު ފުއާދު ހިތްހަމަޖައްސައި ދެވުނީތީ ކަމަށެވެ.

"އޭނަ ހުރީ ފައިނަލް ޕްރޮޑަކްޓާ ދޭތެރޭ ވަރަށް އުފަލުން. ސްކްރީންރައިޓަރަކީ މީގެ މަސައްކަތް ވަރަށް ގާތުން ބެލި މީހެއް. މީތި ހުށަހަޅައި ދޭން އޭނަ ބޭނުންވި ގޮތަށް އަހަންނަށް ޑެލިވަކޮށް ދެވުނީމަ ހަމަ ވަރަށް ވަރަށް ހެޕީއޭ ބުނާނީ. އަހަރެންގެ މެކްސިމަމް މިއަށް ދީފައި ހުންނާނެ،" ވާށޭ މަށާއެކީ އާއި އެންމެ ފަހު ވިންދާން ޖެހެންދެން އަދި މީ ލޯތްބަކީ ވެސް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "އަނެއްކާ ވަކިން ލޯބިންގެ މުޅި ޓީމް އޮތީ މި މަސައްކަތާ ދޭތެރޭ ވަރަށް އުފަލުން."

ފިލްމްގެ ލީޑް ކާސްޓުން ފެނިިގެން ދާނީ ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް (މަޖޫ) މަޖުދާގެ އިތުރުން ނުޒުހަތު (ނުޒޫ) ޝުއައިބެވެ.

"ވަކިން ލޯބިން" ގެ ޓްރެއިލާ.

މިރޭ އޮލިމްޕަހުގައި ފިލްމް ޕްރިމިއާ ކުރުމަށް ފަހު، މި ހަފުތާގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި ވެސް ފިލްމް ދައްކަން ފަށާނެ އެވެ. ވަކިން ހާއްސަކޮށް ހދ. ކުޅުދުއްފުށްޓާއި އައްޑޫގައި ފިލްމްގެ ތަރިންނާ އެކު ޕްރިމިއާތަކެއް ވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

އަށާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަ މި ފިލްމުގެ ޕްރޮޑިއުސަަރު މުހައްމަދު (މޮގާ) އަލީ ބުނި ގޮތުގައި ފިލްމްގެ ޓިކެޓް ވިއްކަމުން އަންނަ އިރު، ލިބޭ ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހެ އެވެ.

"ފިލްމް ބަލާފައި އާންމުން ކުރާ ކޮމެންޓްތަކުން މާ ބޮޑަށް ވެސް ފިލްމް ހިނގާނެ ކަމަށް އުންމީދު ކުރެވޭ،" އޭނާ ބުންޏެވެ.

"ވަކިން ލޯބިން" އަކީ މި އަހަރު އަޅުވާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މިދިޔަ މަހު އެޅުވި "ދެވަންސޫރަ" އެވެ.