އެކްޓް ކުރަން ނޭނގޭ މީހުން ވެސް މިހާރު ފައިސާގެ ވާހަކަ އެބަ ދައްކާ: ރާނީ

ބަތަލާއިންނަށް ވުރެ މާ ބޮޑު އާމްދަނީއެއް އެކްޓަރުންނަށް ލިބޭތީ އެ ފަރަގު ނައްތާލަން ކުރާ ބަހުސްތަކާއި ހައްގުތައް ހޯދުމުގެ ވާހަކަތައް މިހާރު ވަރަށް ގަދަ އެވެ. ބޮލީވުޑްގައި މި ހަނގުރާމައަކީ ހުއްޓުމެއް ނެތް ކަމެކެވެ.


އެކަމަކު މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ މިކަމާ ބެހޭ ގޮތުން ދެއްކި ވާހަކައަކުން ބަޔަކު ހައިރާން ވެސް ވެދާނެ އެވެ. އަދި މިއީ އޭނާ ބައެއް އެކްޓަރުންނަށް ދިން ވަރުގަދަ ރައްދަކަށް ވެސް ވެދާނެ އެވެެ.

މި މަހުގެ 23 ގައި ރިލީޒްކުރާ ރާނީގެ އެންމެ ފަހުގެ ފިލްމް "ހިޗްކީ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި، މުސާރައިގެ ފަރަގާ ބެހޭ ގޮތުން އޭނާ ދެއްކި ވާހަކައިން ބައެއް މީހުން ފަހަރުގައި ރުޅި ވެސް ގަދަވެދާނެ އެވެ.

"މިހާރަކަށް އައިސް މި ދާއިރާގައި އުޅޭ އެކްޓް ކުރަން ނޭނގޭ މީހުން ވެސް މުސާރައިގެ ފަރަގުގެ ވާހަކަ އެބަ ދައްކާ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ ބުންޏެވެ. "އާމްދަނީއަކީ އެ މީހާގެ ހުރި ހުނަރަކާއި ގާބިލިއްޔަތެއްގެ ސަބަބުންނާއި ކުރާ މަސައްކަތުގެ ފެންވަރާ އެކު ކުރިއަރަމުން އަންނާނެ އެއްޗެއް."

"ބްލެކް" ފަދަ މޮޅެތި ފިލްމްތައް ކުޅެފައިވާ ރާނީ، 39، ބުނީ އޭނާ ފިލްމީ ދާއިރާ އަށް ނުކުތީ އެއްގޮތަކަށް ވެސް ފައިސާގެ ބޭނުމުގައި ނޫން ކަމަށާއި މަސައްކަތަކީ އުފަލެއް ކަމަށެވެ. އެހެންވެ އެއް އިރެއްގައި ފައިސާއަކީ ސިކުނޑީގައި އެހާ ބޮޑަށް އެނބުރޭ އެއްޗެއް ނޫން ކަމަށް ބުންޏެވެ.

"އަހަރެން ގަބޫލު ކުރަނީ އެ މީހެއްގެ ހުރި ހުނަރާއި ކުޅަދާނަކަން ދެއްކޭ މިންވަރަކުން އެ މީހަކަށް ލިބެންވާ ހައްގު މިންވަރު ލިބޭނެ ކަމަށް،" އިންޑިއާގެ އެންމެ ނުފޫޒު ގަދަ އެއް ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ އަންހެނުން ބުންޏެވެ. "އަހަރެންގެ ކެރިއަރުގައި އަހަރެންނަށް ތަޖުރިބާ ކުރެވިފައި ހުރީ އެގޮތަށް."

"ހިޗްކީ" ގެ ޓްރެއިލާ: ފިލްމް ދައްކަން ފަށާނީ މި މަހުގެ 23 އިން ފެށިގެން.

ދެހާސް ސާދައިގައި ރިލީޒް ކުރި "މަދްރާނީ" އަށް ފަހު، ރާނީ ބޮޑު ސްކްރީނަށް މި ފަހަރު އަންނަނީ އަނެއްކާ ވެސް ވަރުގަދަ އަންހެން ކެރެކްޓާއަކާ އެކުގަ އެވެ. "ހިޗްކީ" އަކީ އުކުނޑިކޮއްޓުމުގެ މައްސަލަ ހުންނަ ޓީޗަރެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ މި ފިލްމަކީ 2010 ގައި "ވީ އާ ފެމިލީ" ގެނެސް ދިން ސިދާތު ޕީ. މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.