އަމީތާބާއި ޖާޔާގެ މިލްކިއްޔާތު 1،000 ކްރޯޑް ރުޕީސް އަށް އަރާ

އަމީތާބް ބައްޗަން އާއި އޭނާގެ އާއިލާގެ ތަނަވަސްކަމުގެ ވާހަކަ ދެއްކުމަކުން އެއްގޮތަކަށް ވެސް ހައިރާން ވާނެ ކަމެއް ނެތެވެ. ހުސް ސެލެބްރިޓީން ތިބި މި އާއިލާ އަށް ވަންނަ އާމްދަނީއަކީ އާދައިގެ މީހަކަށް އަންދާޒާ ވެސް ކޮށްލަން ދަތިވާހާ ބޮޑު އަދަދަކަށް ވާނެ އެވެ.


އަމީތާބްގެ އަންހެނުން އަދި ކުރީގެ ބަތަލާ ޖާޔާ ބައްޗަން ތިން ވަނަ ދައުރަކަށް ސަމާދްވާޖީ ޕާޓީގެ ޓިކެޓްގައި ރާޖިއަ ސަބާގެ ގޮނޑިއަކަށް ވާދަ ކުރާ އިރު، އޭނާގެ މިލްކިއްޔާތުގެ ވާހަކަ މީޑިއާތަކުގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފަ އެވެ.

ޖާޔާގެ ލިޔެކިޔުންތަކަށް ބަލާއިރު، އޭނާ އާއި އަމީތާބުގެ މިއްލިއްޔާތު 1،000 ކްރޯޑް ރުފީސް (2،379،294،000ރ.) އަށް އަރަ އެވެ. އެ މީހުންގެ މިލްކިއްޔާތުގައި ހުރި މުދަލަށް ބަލާއިރު، ނުއުފުލޭ މުދަލުގެ އަގު 540 ކްރޯޑަށް އަދި އުފުލޭ މުދަލުގެ އަގު 460 ކްރޯޑް ރުފީސް އަށް އަރަ އެވެ.

ދެ މީހުންގެ ނަމުގައި ގަނެފައިވާ އަގު ބޮޑު ބިންތަކާއި އަގު ބޮޑު ގެތައް ވެސް ހިމެނެ އެވެ. އެގޮތުން ފްރާންސްގެ ބްރިނޯގަން-ޕްލޭޖެސް ސަރަހައްދުގައި ހުރި 34،175 އަކަފޫޓުގެ ގެ އާއި އިންޑިއާގެ އަހުމަދުއާބާދު، ބޯޕާލް، ގަންދީނަގަރް، ނޮއިޑާ އަދި ޕޫނޭ ފަދަ ތަންނަތުގައި ޖާޔާ އާއި އަމީތާބުގެ އަގުބޮޑު ގެތައް ހިމެނެ އެވެ. މުމްބާއީގައި ހުންނަ އެ މީހުންގެ ގެ ޖަލްސާއަކީ ވެސް އެތައް ކްރޯޑް ރުޕީސްގެ ޕްރޮޕަޓީއެކެވެ.

ލިޔެކިޔުންތަކުގައި ބުނާ ގޮތުން ލަކްނޯގެ ކަކޯރީ އޭރިއާ އިން ޖާޔާ ގަނެފައިވާ 1.22 ހެކްޓަރުގެ ދަނޑުބިމެއް ވެސް އެބަ އޮތެވެ. އެ ބިމުގެ އަގު 2.2 ކްރޯޑަށް އަރަ އެވެ. މީގެ އިތުރުން ދައުލަތުޕޫރްގެ ބަރަބަންކީ ޑިސްޓްރިކްޓްގައި އަމީތާބުގެ ނަމުގައި ތިން އޭކަރުގެ ބިމެއް ވެސް އެބަ އޮތެވެ. އެ ބިމުގެ އަގު 5.7 ކްރޯޑަށް އަރަ އެވެ.

ދެމަފިރިންގެ މިލްކިއްޔާތުގައި ޖުމްލަ 12 ކާރު އޮތް އިރު، ދެ މީހުންގެ އަތުގައި 62 ކްރޯޑް ރުޕީސްގެ ރަނުގެ ގަހަނާ ވެސް އެބަ ހުއްޓެވެ. އަގު ބޮޑެތި ކާރު ބްރޭންޑްތަކުގެ ތެރޭގައި މާސިޑީޒް، ރޯލްސް-ރޯއި އަދި ރޭންޖް ރޯވާ ބްރޭންޑް ހިމެނެ އެވެ.

އަމީތާބްގެ އާއިލާ މިދިޔަ އަހަރު ރާއްޖޭގެ ޗުއްޓީ ދަތުރުގެ ތެރެއިން.

ދެ މީހުންގެ އަތުގައި ހުރި އަގު ބޮޑު ގަޑިތަކަށް ބަލާއިރު އޭގެ ޖުމްލަ 4 ކްރޯޑަށް އަރަ އެވެ. އެއީ އަމީތާބުގެ 3.4 ކްރޯޑް ރުޕީސްގެ ގަޑި އާއި ޖާޔާގެ 51 ލައްކަ ރުޕީސްގެ ގަޑި އެވެ. ހަމަ މިއާ އެކު ދެ މީހުންގެ އަތުގައި 9 ލައްކަ ރުފީސްގެ ގަލަމެއް ވެސް އޮތްކަން ލިޔުންތަކުގައި ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަމީތާބާއި ޖާޔާގެ މިލްކިއްޔާތު 2012 އިން ފެށިގެން މައްޗަށް އުފުލުނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމަށް ޖާޔާ ހޮވުނު ފަހުންނެވެ. އެހެންވެ ޖާޔާ، 69، މިހާރުވެފައި ވަނީ ގާނޫނު ހަދާ މަޖިލީހުގައި ހުރި އެންމެ މުއްސަނދި މެމްބަރަށެވެ. އަމީތާބާއި ޖާޔާގެ މިލްކިއްޔާތުގައި 2012 އާ ހަމައަށް ކުރީ 495 ކްރޯޑް ރުޕީސް އެވެ.

އަމީތާބާއި ޖާޔާގެ މިލްކިއްޔާތުގެ ތަފުސީލްތައް ހާމަކޮށްފައި މި ވަނީ އަބީޝެކް ބައްޗަން އާއި އޭނާގެ އަންހެނުން އައިޝްވާރިޔާ ރާއީ އާއި އަންހެން ދަރިފުޅު ޝްވޭތާ ނަންދާގެ މިލްކިއްޔާތު ނުލަ އެވެ. އެ މީހުންގެ މީގެ ތެރެއަށް އިތުރުކޮށްލުމުން ބައްޗަން އާއިލާގެ މިލްކިއްޔާތު އިތުރު އެތަކެއް ހާސް ކްރޯޑް ރުޕީސް އަރާނެ އެވެ.