ކުޑަ ރޯލެއް ކުޅޭކަށް މިހާރަކު ޖެހިލުމެއް ނުވޭ: އައިޝްވާރިޔާ

ކަރަން ޖޯހަރު 2016 ގައި ގެނެސްދިން ކާމިޔާބު ފިލްމް "އޭ ދިލް ހޭ މުޝްކިލް" ގައި އައިޝްވާރިޔާ ރާއީ ކުޅުނު ރޯލް ކުޑަވެގެން އޭނާގެ ފޭނުންނަށް އޭރު މައްސަލައަކަށް ވި އެވެ. އެކަމަކު ކުރީގެ ރީތީގެ ރާނީ އަދި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ އައިޝްވާރިޔާ ބުނަނީ ކުޅެން ޖެހޭ ރޯލްގެ ދިގު މިނަކީ އޭނާ މިހާރު އެހާ ބޮޑަށް ވިސްނާ ކަމެއް ނޫން ކަމަށެވެ.


"ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ތާލް" އަދި "ދޭވްދާސް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އައިޝްވާރިޔާ ބުނީ "އޭ ދިލް ހޭ މުޝްކިލް" ކަރަން އޭނާ އަށް ހުށަހެޅި އިރު ވެސް، އެއީ ފިލްމްގެ ލީޑް ބަތަލާގެ ރޯލް ނޫންކަން އެނގޭ ކަމަށެވެ. އެ ފިލްމްގައި ރަންބީރު ކަޕޫރާއެކު ބަތަލާގެ ރޯލް ކުޅުނު އަނުޝްކާ ޝަރްމާ އެވެ.

"އެކަމަކު އެ ފިލްމްގައި އަހަރެން ކުޅުނު ސަބާގެ ރޯލަކީ އަހަރެން ވަރަށް ކުޅެން ބޭނުންވެގެން ކުޅުނު ރޯލެއް. އަދި އަހަރެން ގަބޫލު ކުރަން އެ ރޯލަށް ވަރަށް ފުރިހަމަ އަށް އިންސާފު ވެސްކޮށް ދެވުނު ކަމަށް،" އޭނާ ބުންޏެވެ. "ރޯލް ކުޑަވިޔަސް ސަބާގެ ކެރެކްޓާއަކީ އޭ ދިލް މުޝްކިލް އެ ރޯލާ ނުލައި ފުރިހަމަ ނުވާނެ ކަހަލަ ވަރުގަދަ ކެރެކްޓާއެއް."

"ފޭން ހާން" ގައި އައިޝްވާރިޔާ ފެންނާނެ ގޮތް.

އަބިޝެކް ބައްޗަންއާ ކައިވެނިކޮށް ދަރިއަކު ހުރި ބަތަލާ ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ފޭން ހާން" ގައި ވެސް ކުޅެފައި ވަނީ އެހާ ބޮޑު ރޯލެއް ނޫން ކަމަށެވެ.

"އެކަމަކު އަހަރެންގެ ކެރެކްޓާއަކީ ފިލްމްގެ ވަރަށް މުހިއްމު ބައެއް. އަހަރެން މިހާރު ފިލްމަކަށް އެއްބަސްވާ އިރު، އެހާ ބޮޑަކަށް ނުބަލަން ސްކްރީން ޓައިމަކަށް،" އައިޝްވާރިޔާ، 44، ބުންޏެވެ. "ބޭނުން ވަނީ ކުޑަ ރޯލަކަށް ވިޔަސް ބެލުންތެރިން އަޅައިގަންނަ ކަހަލަ ރޯލްތައް ކުޅެން."

ޖުލައި 13 ގައި ރިލީޒް ކުރާ "ފޭން ހާން" ގައި އައިޝްވާރިޔާ ފެނިގެން ދާނީ އަނިލް ކަޕޫރާއި ރާޖްކުމާރް ރާއޯއާ އެކުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޯހަން ސިއްޕީ އަލަށް ފަށާ ފިލްމްގެ ބަތަލާގެ ރޯލް ވެސް ވަނީ އައިޝްވާރިޔާ އަށް ހުށަހަޅައިފަ އެވެ. އޭނާ ވަނީ ރޯހަންއާ އެކު 2003 ގެ "ކުޗް ނާ ކަހޯ" ގައި ވެސް މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން ކްރިއާޖް އެންޓަޓައިންމަންޓުން ހަދަން ނިންމާފައިވާ ކުރީގެ ފިލްމް "ރާތު އޯރް ދިން" ގެ ރިމެކިންގެ ބަތަލާގެ ރޯލް ވެސް ވަނީ އައިޝްވާރިޔާ އަށް ހުށަހަޅައި އެވެ.

"ކުޗް ނާ ކަހޯ" ގެ ޓައިޓްލް ލަވަ.

މީގެ ހަ އަހަރު ކުރިން ވިހެއުމަށް ފަހު، އައިޝްވަރިޔާ ބޮޑު ސްކްރީނަށް އެނބުރި އައީ 2015 ގައި ރިލީޒް ކުރި "ޖަޒްބާ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ "އޭ ދިލް ހޭ މުޝްކިލް" އާ އެކު 2016 ގެ "ސަރަބްޖީތު" ގައި ވެސް މަސައްކަތްކޮށްފަ އެވެ.