"ތިޔަ ލޯތްބާ ދުރަށް" ގެ ޕޯސްޓަރު ރިލީޒްކޮށްފި

ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ލޯބީގެ އަސަރުގަދަ ފިލްމަކަށް އެންމެ ކުރިން އަޅުވަން ހަމަޖެހިފައިވާ ޓެކްނޯ މީޑިއާ އިން ޕްރޮޑިއުސްކުރާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގެ ޕޯސްޓަރު ރޭ ދައްކާލައިފި އެވެ.


ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ލިޔެ ޑައިރެކްޓްކުރާ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ. ފިލްމު ނަގާފައިވާ ސްރީ ލަންކާގައި ވެސް އެޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. "ތިޔަ ލޯތްބާ ދުރަށް" އެއީ މަރީގެ ފުރަތަމަ ޑައިރެކްޝަނެވެ.

އެ ފިލްމުގެ ޕޯސްޓަރު ރޭ ބޭއްވި ހަފުލާއެއްގައި ރިލީޒްކޮށްފައިވަނީ ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއް އަދި ޓީޒާ ޓްރެއިލާއެއް މިހާރުވަނީ ރިލީޒްކޮށްފަ އެވެ. އަދި ފިލްމުގެ އެޑިޓިން އާއި ޑަބިންގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ.

"ތިޔަ ލޯތްބާ ދުރަށް" ގެ ޕޯސްޓަރު. --

ތިނެސްކަން ލޯބީގެ ވާހަކައަކަށް ހަދާފައިވާ އެ ފިލްމު އެއްކޮށް ޝޫޓުކޮށްފައިވަނީ ލަންކާގަ އެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އަހްމަދު އަޒްމީލް (އަޒޭ) އަދި މަލީހާ ވަހީދު (މަލް) އެވެ. ފިލްމްގެ މުހިއްމު ރޯލަކުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ ފެނިގެންދާ އިރު، ފިލްމުގެ ކާސްޓުންގެ ތެރޭގައި އަހުމަދު އަމަން (ޓޮމް) އާއި އޭނާގެ އަންހެނުން މަރިޔަމް ޝަހްޒާ ވެސް ހިމެނެ އެވެ.

އެ ފިލްމުން ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒް އަދި ފަޒީލާ އާމިރު ކިޔާފައިވާ ޑުއެޓް ލަވައެއް ވެސް އިވިގެންދާނެ އެވެ.