"ސްޕައިސް ގާލްސް" އަށް ސްޕަހީރޯ އެނިމޭޓެޑް ފިލްމެއް ހަދަނީ

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ސްޕައިސް ގާލްސް" އަލުން ސްޓޭޖްމަތިން ނުފެނުމަކުން މާޔޫސް ވާނެ ކަމެއް ނެތެވެ. އެ ބޭންޑްގެ ވާހަކަ ކިޔައިދޭ އެނިމޭޓެޑް ފިލްމެއް މާ ލަސްތަކެއް ނުވެ ބެލުންތެރިންނާ ބައްދަލުކޮށްފާނެ އެވެ.


ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަސް މެމްބަރުން ހިމެނުނު "ސްޕައިސް ގާލްސް" އަށް ހަދާ ސުޕަހީރޯ އެނިމޭޓެޑް ފިލްމަށް ދީފައިވާ ނަމަކީ "ގާލް ޕަވާ" އެވެ. އަދި މި ޕްރޮޖެކްޓަށް ފަސް މެމްބަރުން ވެސް ރުހުން ދީފައިވާ އިރު، އެ މީހުންގެ ކެރެކްޓާތަކަށް މެމްބަރުން އަޑު ވެސް އަޅައި ދޭނެ އެވެ.

އެކަމަކު އަދި "ގާލް ޕަވާ" ބެހޭ ގޮތުން މާ ގިނަ ތަފުސީލެއް ހާމައެއް ނުކުރެ އެވެ. ފިލްމް ގެނެސް ދެނީ ކޮން ސްޓޫޑިއޯއަކުންކަމާއި ޑައިރެކްޓަރަކީ ކާކު ކަމެއް ވެސް ވެރެއިޓީން ހާމައެއް ނުކުރެ އެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން މިއުޒިކް ބޭންޑްގެ ގޮތުގައި އަދިވެސް ގިނަ ބަޔަކު ދެކޭ "ސްޕައިސް ގާލްސް" އަކީ 1994 ގައި ވުޖޫދަށް އައި ބޭންޑެކެވެ. ބޭންޑްގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ޕޯޝް ސްޕައިކްސްގެ ނަމުން މަޝްހޫރި އަދި މިހާރު ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ އަންހެނުން ވިކްޓޯރިއާ ބެކަމް، 43، އާއި މެލެނީ ބްރައުން (ސްކޭރީ ސްޕައިސް) 42، އެމާ ބަންޓަން (ބޭބީ ސްޕައިސް) 42، މެލަނީ ސީ (ސްޕޯޓީ ސްޕައިސް)، 44، އަދި ގެރީ ހެލިވެލް (ޖިންޖާ ސްޕައިސް)، 45، އެވެ.

"ސްޕައިސް ގާލްސް" ގެ ލަވަތަކެއް.

ދެހާސް ވަނަ އަހަރާ ހަމައަށް ވަރަށް ގަދަ އަށް ހަރަކާތްތެރިވި "ސްޕައިސް ގާލްސް" އިން ވަރަށް ކާމިޔާބު ތިން އަލްބަމް އެ މީހުންގެ ކެރިއަރުގައި ނެރުނެވެ. އެއީ ފޯއެވާ (2000)، ސްޕައިސް ވޯލްޑް (1997) އަދި ސްޕައިސް (1996) އެވެ.