ވީކެންޑްގެ އާ އަލްބަމް "މައި ޑިއާ މެލަންކޯލީ" ނެރެފި

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދަވީކެންޑްގެ އާ އަލްބަމް "މައި ޑިއާ މެލަންކޯލީ" ގެ ލަވަތައް އާންމުކޮށްފި އެވެ.


ވީކެންޑް، 28، ބުނީ ހަ ޓްރެކް ހިމެނޭ އަލްބަމްގެ ލަވަތައް މިހާރު އައިޓިއުންސް އާއި އެޕަލް މިއުޒިކުން ލިބޭނެ ކަމަށެވެ. އާރްއެންޑްބީ ލަވަކިޔުންތެރިޔާ އަލްބަމްގެ ލަވަތަކުގެ ތެރޭގައި "ޓްރައި މީ"، "ވޭސްޓެޑް ޓައިމް" އަދި "ކޯލް އައުޓް މައި ނޭމް" ގަދަ ހިތްގައިމު ލަވަތައް ހިމެނެ އެވެ.

"މައި ޑިއާ މެލަންކޯލީ" އަކީ ތިން ގްރެމީ ހާސިލްކޮށްފައިވާ ވީކެންޑް 2016 ގައި ނެރުނު ހިޓް އަލްބަމް "ސްޓާބޯއި" އަށް ފަހު ނެރުނު ފުރަތަމަ އަލްބަމެވެ.

ދާދި ފަހުން މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒްއާ ވެސް ޑޭޓް ކުރި ވީކެންޑް އަލަށް ނެރުނު އަލްބަމާ އެކު، އޭނާ ނެރުނު އަލްބަމްތަކުގެ އަދަދު މިހާރު ވަނީ ހަތަރެކަށް އަރައިފަ އެވެ. ކުރިން އޭނާ ނެރެފައިވާ އަލްބަމްތަކުގެ ތެރޭގައި ކިސް ލޭންޑް (2013) އަދި ބިއުޓީ ބިހައިންޑް ދަ މޭޑްނެސް (2015) ވެސް ހިމެނެ އެވެ.

tonight

A post shared by The Weeknd (@theweeknd) on

ދަވީކެންޑްގެ އާ އަލްބަމްގެ ކަވަރު.

އާ ލަވަތަކެއް ވީކެންޑް ފޭނުންނަށް ދޫކޮށާށްލި އިރު، މި އަހަރުގެ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމް "ބްލެކް ޕެންތާ" ގައި ހިމެނޭ ވީކެންޑް ކިޔާފައިވާ ލަވަ "ޕްރޭ ފޯ މީ" އަކީ ވެސް ވަރަށް މަގުބޫލު ލަވައެކެވެ. އެ ލަވައިގައި އޭނާއާ އެކު ކެންޑްރިކް ލެމާ ވެސް ހިއްސާވެފައިވެ އެވެ.