ޓޭލާ ސްވިފްޓާއި އާއިލާ މަރާލަން އިންޒާރު ދިން މީހާ ކުށްވެރިވެއްޖެ

އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އޭނާގެ އާއިލާގެ އެންމެން މަރައިލާނެ ކަމަށް ބުނެ އިންޒާރު ދިން ފްރޭންކް އެންޑްރޫ ހޫވާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، ހުކުމް ތަންފީޒުކުރުން 10 އަހަރަށް ފަސްކޮށްފި އެވެ.


ދެހާސް ސޯޅަ ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ފޯމިއުލާ 1 ރޭސް މުބާރާތް ފަށަން ބޭއްވި ހަފުލާގައި ޓޭލާ ޕަފޯމް ކުރި ފަހުން، ހޫވާ ވަނީ އޭނާ އަށް ގޯނާކޮށް ހަމަލާ ދޭން ވެސް މަސައްކަތްކޮށްފަ އެވެ. އަދި ޓޭލާ އާއި އާއިލާގެ މީހުން މަރައިލާނެ ކަމަށް ބުނެ ހޫވާ ވަނީ ޓޭލާގެ ބައްޕަ ސްކޮޓް ސްވިފްޓަށް 2016 ގެ އޮގަސްޓުން އޮކްޓޯބަރަށް ވަރަށް ގިނަ އަދަދެއްގެ އިންޒާރުގެ އީމެއިލްތައް ފޮނުވައިފަ އެވެ.

ހޫވާގެ މައްސަލަ އާއިލާ އިން ކޯޓަށް ހުށަހެޅުމުން މިދިޔަ ޖެނުއަރީ މަހު ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. ހޫވާ ފޮނުވި ބައެއް މެސެޖްތަކުގައި "ތިޔައީ ޝައިތާނުންގެ އާއިލާއެއް" ކަމަށާއި "އެންމެންގެ ދުވަސް އެއް ދުވަހަކުން ދުއްވާލައިލާނެ" ކަމަށް ބުނެ އިންޒާރު ދީފައިވެ އެވެ.

ޓޭލާ ސްވިފްޓް: އޭނާ އާއިލާ އާއިލާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވޭ.

ދިހަ އަހަރުގެ ޕްރޮބޭޝަނެއް ހޫވާ އަށް ދިން އިރު، އޭނާގެ މައްޗަށް ވަނީ ބައެއް ކަންކަން ޝަރުތުކޮށްފަ އެވެ. އޭގެ ތެރޭގައި ޓޭލާއާ "މޭލަކަށް ވެސް" ގާތް ނުވުމަށާއި މަސްތުވާތަކެއްޗަށް ފަރުވާ ހޯދަން ރިހިބިލޭޝަން ޕްރޮގްރާމްތަކަށް ހާޒިރުވުމާއި ނަފުސާނީ މައްސަލަތަކަށް ފަރުވާ ހޯދުން ފަދަ ކަންކަން ހިމެނެ އެވެ. އަދި އެއް އަހަރު ވަންދެން ހޫވާގެ ހަރަކާތްތައް މޮނިޓަ ވެސް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ހޫވާ އަށް ޝަރުތު ކުރި ކަންކަން ނުކުރާ ނަމަ، ޖަލަށް ގެންދާނެ އެވެ. މިކަމާ ބެހޭ ގޮތުން ޓޭލާ އެއްވެސް ވާހަކައް އަދި ނުދައްކަ އެވެ.