"ކެޗް-22" ގައި ޖޯޖް ކްލޫނީ ކުޅެން އޮތް ރޯލަށް ކައިލް ޗެންޑްލާ ހަމަޖައްސައިފި

އެކްޓަރު ޖޯޖް ކްލޫނީ އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ އިތުރުން ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެން ނިންމި މިނީ-ސީރީޒް "ކެޗް-22" ގައި އޭނާ ކުޅެން އޮތް ކެރެކްޓާ އަށް ކައިލް ޗެންޑްލާ ހަމަޖައްސައިފި އެވެ.


ހޫލޫ އިން ގެނެސް ދޭން ނިންމާފައިވާ ހަ އެޕިސޯޑްގެ މި ސިލްސިލާއަކީ 1961 ގައި ލިޔުންތެރިޔާ ޖޯސެފް ހެލާ ނެރުނު ""ކެޗް-22" އަށް ބިނާކޮށް، ހަމަ އެ ނަމުގައި ހަދާ ސިލްސިލާއެކެވެ. މީގައި ކިޔައި ދެނީ ދެވަނަ ބޮޑު ހަނގުރާމައި އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތް ކުރި ކެޕްޓަން ޖޯން ޔޮޒާރިއަންގެ ވާހަކަ އެވެ. "ކެޗް-22" ގައި ކްލޫނީ ކުރިން ކުޅެން އޮތީ ކާނަލް ކެޗްކާޓް ކިޔާ ކެރެކްޓާ ބޮޑު ރޯލެކެވެ. ނަމަވެސް ކެމެރާގެ ކުރިމައްޗަށް ވުރެ ބޮޑަށް، މި ފަހަރު ފުރަގަހުގައި މަސައްކަތް ކުރަން ނިންމައި، އޭނާ ސިލްސިލާގައި މިހާރު ކުޅެން ނިންމާފައި ވަނީ ވަރަށް ކުޑަކުޑަ ރޯލެކެވެ. ކްލޫނީ "ކެޗް-22" ދެން ކުޅޭނީ ޔޮޒާރިއަން ސްކޫލްގެ ކެޑޭޓް ކޮމާންޑަރު ޝެއިޒްކޮފްގެ ރޯލެވެ.

ކްރިސްޓޯފާ، ހިއު އަދި ކްލޫނީ: "ކެޗް-22" އިން ފެނިގެން ދާނެ.

ކާނަލް ކެޗްކާޓް ކެރެކްޓާ ކުޅެން ހަމަޖެއްސި ކައިލް، 52، އަކީ މީގެ ކުރިން ވެސް ބައެއް ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި ނެޓްފްލިކްސްގެ "ބްލަޑްލައިން" ހިމެނެ އެވެ. ދާދި ފަހުން ރިލީޒް ކުރި ކޮމެޑީ ފިލްމް "ގޭމް ނައިޓް" ގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އެކްޓަރު ވަނީ "މެންޗެސްޓަ ބައި ދަ ސީ" އާއި "ދަ ވުލްފް އޮފް ވޯލްސްޓްރީޓް" އަދި "އާގޯ" ގައި ވެސް ކުރިން މަސައްކަތްކޮށްފަ އެވެ.

"ކެޗް-22" ޑައިރެކްޓް ކުރަނީ ކްލޫނީ އާއި ގްރާންޓް ހެޒްލޯވް އެވެ. މީގެ ކާސްޓުންގެ ތެރޭގައި ސިލްސިލާތަކުން މަޝްހޫރުކަން ހޯދާފައިވާ ހިއު ލޯރީ އާއި ކްރިސްޓޯފާ އެބޮޓް ވެސް ހިމެނެ އެވެ.

"ކެޗް-22" އަށް ބިނާކޮށް 1970 ގައި ވަނީ ފީޗާ ފިލްމެއް ވެސް ގެނެސް ދީފަ އެވެ.