ފިތުރު އީދުގައި ސަލްމާން ހާނާއި ރަޖްނީކާންތުގެ ކުރިމަތިލުމެއް

ސަލްމާން ހާންގެ ފިލްމް "ރޭސް 3" ލޯންޗް ކުރިތަނާހެން ފިލްމް ރިލީޒް ކުރާ ތާރީހު ވެސް އޮތީ އިއުލާންކޮށްފަ އެވެ. އެއީ އަންނަ ޖޫން މަހުގެ 15 އެވެ. އެހެން ގޮތަކަށް ކިޔާ ނަމަ ކުރިއަށް އޮތް ފިތުރު އީދެވެ. ބޮލީވުޑްގައި ސަލްމާން މި ފަހުން މަޝްހޫރުވެފައި ވަނީ ވެސް ފިތުރު އީދުގެ ރަސްގެފާނުގެ ނަމުގަ އެވެ.


އެހެންވެ އެ ތާރީހުގައި އެހެން ބައެއްގެ ފިލްމެއް ރިލީޒް ކުރުމަކީ އެއްގޮތަކަށް ވެސް ބުއްދިވެރި ކަމެއް ނޫނެވެ. ސަބަބަކީ ސަލްމާންގެ ފިލްމާ ވާދަކޮށްގެން ކުރި ނުލިބޭނެ ކަމަށް ގަބޫލު ކުރެވިފައި އޮތުމެވެ.

އެކަމަކު ސައުތު އިންޑިއާގެ ސްޕަސްޓާ ރަޖްނީކާންތު މި ފަހަރު ފިތުރު އީދުގައި ސަލްމާނާ އެކު ބޮކްސް އޮފީހުގައި ހަނގުރާމައަކަށް ނުކުންނާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމް "ކާލާ" ކުރިން އޮތީ މި މަހުގެ 27 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފަ އެވެ.

"ރޭސް 3" ގެ ޕޯސްޓަރެއް.

އެކަމަކު ސައުތު ފިލްމް އިންޑަސްޓްރީގައި މިހާރު ކުރިއަށްދާ އިހުޖިތާޖުތަކާ ގުޅިގެން، ފިލްމް ރިލީޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިންމޭނެ ކަމަށް މިހާރު ނުބެލެވޭތީ "ކާލާ" ޖޫން 15 އަށް ލަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް އެ ފިލްމް އުފެއްދި ލައިކާ ޕްރޮޑަކްޝަނުން އެކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ. ލައިކާ އިން ބުނި ގޮތުގައި ޓެމިލް ފިލްމް ޕްރޮޑިއުސާސް އެސޯސިއޭޝަން (ޓީއެފްޕީސީ) އިން "ކާލާ" އަށް އަދިވެސް ނަން އޮބްޖެކްޝަން ސެޓިފިކެޓް (އެންއޯސީ) ދޫނުކުރާތީ ފިލްމް އެޕްރީލް 27 ގައި ރިލީޒް ކުރެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ.

"ކާލާ" އަކީ ރަޖްނީކާންތުގެ ދަނބިދަރިފުޅު އަދި އެކްޓަރު ދަނޫޝް ޕްރޮޑިއުސްކޮށް، ޕާ. ރަންޖީތު ޑައިރެކްޓްކޮށްފައިވާ ޕޮލިޓިކަލް ގޭންސްޓާ ޑްރާމާއެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ބޮލީވުޑްގެ ތަރިން ކަމަށްވާ ނާނާ ޕަޓޭކަރާއި ހުމާ ގްރެއިޝީ ހިމެނެ އެވެ.

ސަލްމާންގެ "ރޭސް 3" އަކީ ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ ސަސްޕެންސް ތުރިލާއެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ބޮބީ ޑިއޯލް، ޖެކްލިން ފެނާންޑޭޒް، އަނިލް ކަޕޫރް، ޑެއިޒީ ޝާހް އަދި ސާގިބް ސަލީމް ހިމެނެ އެވެ.

"ކާލާ" ގެ ޓީޒާ ޓްރެއިލާ.

މި މަހުގެ 5 ވަނަ ދުވަހު ސަލްމާނަށް އިއްވި ޖަލު ހުކުމަށް ފަހު، ކަފާލާތުގެ ދަށުން މި މަހުގެ ހަތް ވަނަ ދުވަހު އޭނާ މިނިވަން ކުރުމުން "ރޭސް 3" ގެ ބާކީ ހުރި މަންޒަރުތައް ޝޫޓް ކުރުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަލުން ފަށައިފަ އެވެ.

ކޮންމެއަކަސް ވަރުގަދަ ދެ ސްޕަސްޓާރުންގެ ދެ ފިލްމެއް އެއް ދުވަހެއްގައި ބޮކްސް އޮފީހުގައި ހަނގުރާ ކުރަން ޖެހުމަކީ އާދައިގެ ކަމަކަށް ނުވާނެ އެވެ. ދެން ބަލަން ތިބެންވީ ކުރި ލިބެނީ ކޮން ފިލްމަކަށްތޯ އެވެ. ޔަގީންވާ ކަމަކީ "ރޭސް 3" ގެ ތާރީހަށް ދެން ބަދަލެއް ނާންނެ ކަމެވެ. ފަހަރުގައި "ކާލާ" އެހެން ތާރީހަކަށް ފަސް ވެސް ކޮށްފާނެ އެވެ.