އައިޑޮލް އިން މަޝްހޫރުވި އަމާން، ޝަލަބީގެ ދައްތައާ ކައިވެނިކޮށްފި

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގައި ޝަލަބީ އިބްރާހިމާ އެކު މަޝްހޫރުކަން ހޯދި އިބްރާހީމް އަމާން، ޝަލަބީގެ ދައްތަ ބަލްގިޝް އިބްރާހީމްއާ ކައިވެނިކޮށް އެވެ.


އަމާން ޝަލަބީއާ އެކު މޯލްޑިވިއަން އައިޑޮލްގައި ވާދަކޮށް ގަދަ 10 ގައި ހިމެނުނެވެ. ލަވަކިޔުންތެރިއެކެވެ. އަމާން އާއި ބަލްގިޝް މިއަދު ކައިވެނި ކުރުމާ އެކު، މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުން އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

މޯލްޑިވިއަން އައިޑޮލްގައި އަމާން ލިބުނު މަޝްހޫރުކަމާ އެކު ފިލްމްތަކުން ވެސް ހުށަހެޅުންތައް ލިބެން ފެށި އެވެ. އެގޮތުން އޭނާ ކުޅުނު ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ޑާކް ރެއިން އެންޓައިންމަންޓުން ނެރުނު ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ" އެވެ.

އަމާން އާއި ބަލްގިޝް އާއިލާގެ ބައެއް މީހުންނާ އެކު.

އެ ފިލްމްގައި ސަޕޯޓިން ރޯލެއް ކުޅުމަށް ފަހު، އަމާން ދެން ފެނިގެން ދިޔައީ މި އަހަރު ޑާކް ރެއިނުން ގެނެސް ދިން "ވަކިން ލޯބިން" ގެ ރޯލަކުންނެވެ.

އެ ސްޓޫޑިއޯ އިން އަންނަ އަހަރު ކުރީކޮޅު ގެނެސް ދޭން ނިންމާފައިވާ ކޮމެޑީ ފިލްމް "މާމުއި" ގެ ކާސްޓުންގެ ތެރޭގައި ވެސް އަމާން ހިމެނެ އެވެ. އަމާން ބުނެފައިވާ ގޮތުގައި ފިލްމް ކުޅުނަސް، މިއުޒިކް ދާއިރާއަކީ އޭނާ އެންމެ އިސްކަން ދޭނެ ކަންތަކެވެ. އެގޮތުން އަމިއްލަ ރާގުގެ އަލްބަމެއް ނެރޭނެ ކަމަށް ވެސް އަމާން ބުނެފައިވެ އެވެ.