ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމް ރިތިކް ރޯޝަނަށް

މި އަހަރު ރިލީޒް ކުރި "ޕަދްމާވަތު" ގެ ބޮޑު ކާމިޔާބީ އަށް ފަހު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ދެން ހަދާ ފިލްމަށް ރިތިކް ރޯޝަން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ފިލްމް ފެއާއިން ބުނެފައިވާ ގޮތުގައި "ޕްރިންސް" ގެ ނަމުގައި ބަންސާލީ ހަދާ ޕީރިއަޑް ފިލްމަށް ރިތިކް ރޯޝަން މިހާރު ސޮއިކޮށްފައިވާ އިރު، ފިލްމާ ގުޅޭ ގޮތުން މިހާރު އަންނަނީ އިތުރު މަޝްވަރާތަކެއް ކުރަމުންނެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ބަންސާލީ އާއި ރިތިކް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ބަންސާލީ މީގެ ކުރިން ވެސް ވަނީ ރިތިކާ އެކު ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ އައިޝްވާރިޔާ ރާއީ އާއި ރިތިކް ލީޑް ރޯލް ކުޅުނު ފިލްމް ގުޒާރިޝް (2010) އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބަންސާލީ އަލަށް ހަދާ ފިލްމަކީ ލިޔުންތެރިޔާ އަމިޝް ތުރިޕަތީގެ ވާހަކަ "އިމޯޓަލްސް އޮފް މެލޫހާ" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެކަމަކު "ޕްރިންސް" ގެ ނަމުގައި އޭނާ ގެނެސް ދެނީ އެ ވާހަކަ ކަމެއް ކަށަވަރެއް ނޫނެވެ.

"އިމޯޓަލް އޮސް މެލޫހާ" ގެ ރައިޓްސް ކުރިން އޮތީ ކަރަން ޖޯހަރްގެ އަތުގަ އެވެ. އަދި އޭރު ވެސް ރިތިކް ހިމަނައިގެން އެ ފިލްމް ގެނެސް ދޭން ވާހަކަތަކެއް ދެކެވުމުނެވެ. އެކަމަކު ފަހުން ކަރަން ވަނީ ވާހަކައިގެ ރައިޓްސް ދޫކޮށްލައިފަ އެވެ.

"ގުޒާރިޝް" ގެ ލަވައެއް.

ބަންސާލީ ދެން ހަދާނެ ފިލްމަކާ ބެހޭ ގޮތުން މީޑިއާތަކުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުން އަންނަކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ޝާހްރުކް ހާނަށް ވެސް ބަންސާލީގެ ފިލްމެއް ހުށަހެޅި ކަމަށްވެ އެވެ. އެކަމަކު އެ ވާހަކަ ވެސް އެއްވެސް ފަރާތަކުން ކަށަވަރެއް ނުކޮށްދެ އެވެ. ބަންސާލީގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ދޭވްދާސް ގެ ބަތަލަކީ ޝާކްރުކެވެ.

ރިތިކް މިހާރު އަންނަނީ ވިކާސް ބަލް ޑައިރެކްޓް ކުރާ "ސުޕަ 30" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމަކީ ހިސާބު އިލްމަށް އަރާ ހުރި އިންޑިއާގެ މެތަމެޓިޝަން އާނަންދު ކުމާރްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

މީގެ އިތުރުން ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ ފިލްމަކަށް ވެސް ރިތިކް ވަނީ ސޮއިކޮށްފަ އެ އެވެ. އަދި އޭނާގެ ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް 4" އަކީ ކުރިއަށް ޕްލޭންކޮށްފައި އޮތް ފިލްމެކެވެ.